ރިޕޯޓް

ޓްރެފިކް ގަވާއިދާ ހިލާފުވުމަކީ ނުގަވައިދުން ޕާކް ކުރުން؟

ރަސްމީ ދުވަހަކު ވެލާނާގެ ސަރަހައްދުގައި ހިނދުކޮޅަކަށް ވެސް ޒޯނު ތެރޭގައި ނޫނީ ޕާކް ކޮށްފިއްޔާ ޖޫރިމަނާއަކާ ކުރިމަތި ނުވާނީ ބޮޑު ނަސީބުވެރިޔަކަށެވެ. ޓްރެފިކް ގަވައިދާ ހިލާފަށް އެ ސަރަހައްދުގައި ޕާކްކުރާ ވެހިކަލްތަކަށް ފުލުހުން ވަރަށް ރަނގަޅަށް ފާރަވެރިވާނެ އެވެ. ހަމަ ބެހެއްޓީ ޖެހީ އެވެ!

މިކަމާ ރުޅިގަދަވެފައި ހުރި މީހަކު ކުރި ކަމެކެވެެ. ތަންތަނުގައި ނުގަވައިދުން ޕާކްކޮށްފައި ހުންނަ ވެހިކަލް ފެނުމުން ފުލުހުންނަށް ރިޕޯޓް ކުރަނީ އެވެ. އެގޮތުން މާލޭގެ އެކި ހިސާުބުތަކުގައި މިގޮތަށް ޕާކް ކޮށްފައި ހުރި ބައެއް ވެހިކަލްތަކުގެ ވާހަކަ ރިޕޯޓްކުރި އެވެ. އެކަަމަކު އެއިން ވެހިކަލެއްގައި ސްޓިކާ ގަނޑެއް ޖަހައެއް ނުލި އެވެ. އޭނާ ބުނި ގޮތުން "ކުށެއް ރިޕޯޓް ކުރުމުން" ފުލުހުން އެކަމާ އަޅާނުލީ އެވެ. އެކަމަކު ފުލުހުން އަޅާނުލީ ކަމަށް ނުބަލައި މިއީ ޕާކިންގެ މައްސަލާގައި އާންމުންގެ ރުޅިވެރިކަން ހުރި މިންވަރު އަންގައިދޭ ކަމެއްގެ ގޮތުގައި ބަލަމާ ހިނގާށެވެ.

ޓްރެފިކް ވަަޔަލޭޝަން ސްޓިކާއެއްގެ އަދަބު ނުލިބޭ މީހަކު ވަރަށް މަދުވާނެ އެވެ. ފުލުހުން ބަރާބަރެވެ. ގަވައިދާ ހިލާފުވަންޏާ ފިޔަވަޅު އަޅަން ވާނެ އެވެ. އެކަމަކު މިބުނާ ކަންކަން ފުލުހުން ރަނގަޅުކޮށްލަންވީ އެވެ.

ވެހިކަލް ދުއްވާ ސްޕީޑްގެ ވާހަކަ ފުރަތަމަ ދައްކަން ހިނގާށެވެ. ސައިކަލެއް އެންމެ ބާރަށް ދުއްވަން ހުއްދަ އޮންނަނީ ގަޑިއަކު 25 ކިލޯމީޓަރަށެވެ. ކާރެއް 30 ކިލޯމީޓަރަށެވެ. އެކަމަކު އަރައިގެންދާ ރޯޅިއެއްހެން ފައިބައިގެންދާ ސައިކަލްތަކާއި ކާރުތައް އެހެރަ ދުއްވާ ނަގަނީ އެވެ. މިހެން އުޅޭ ވެހިކަލްތައް ބައެއް ފަހަރު ހުއްޓުވި ނަމަވެސް އާދަޔާ ހިލާފަށް ބާރަށް ދުއްވާ ވެހިކަލްތަކާ ހެދި މިހާރު ފިތްކަނޑައިގެންދާވަރުވެ އެވެ. ގަވާއިދާ ހިލާފަށް ބާރަށް ދުއްވާތޯ ބަލަން ކޮންމެ ފުލުހަކަށް ސްޕީޑް ގަން އެއް ނުވަތަ އެހެން އާލާތެއް ކޮންމެހެން ބޭނުންވާނެހެން ހިޔެއް ނުވެ އެވެ. ލޮލަކާއި ބޮލެއް ހުރިއްޔާ ސްޕީޑް އެނގޭ ވަރަށް އެބަ ދުއްވަ އެވެ. ނިކަން ހުއްޓުވާފައި ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާބަލާށެވެ. ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ސްޓިކާ ޖަހައިގެން ލިބޭ ވަރަށް މިކަމުން ވެސް ދައުލަތަށް ފައިސާ ވަންނާނެކަން ޔަގީނެވެ.

ނުގަވައިދުން ޕާކް ކޮށްގެން ދައުލަތަށް މިލިއަނުން ފައިސާ ވަންނައިރު މި އަދަދު އިތުރުކޮށްލަން ބޭނުން ނަމަ ޓްރެފިކާ ގުުޅުން ހުރި އެހެން ކުށްތަކާ މެދު ފިޔަވަޅު އެޅުމަކީ ރަނގަޅު ކަމެކެވެ.

ވެހިކަލްގެ ލައިސަންސް ޕްލޭޓް ހުންނަންވީ ގޮތާއި ސިގްނަލްތަކާއި ލައިޓްތަކުގެ ކުލަތައް ވެސް ގަވާއިދުގައި އެހެރީ ބަޔާންކޮށްފަ އެވެ. އެކަމަކު ކާނިވަލެއް ގޮތަށް ދިއްލެމުން ރަށުތެރެ ކުޑަކުރާ ވެހިކަލްތައް ބައިވަރެވެ. އެކަންކަމާ އަޅައެއް ނުލައޭ ބުނަންޖެހެނީ މި މައްސަލަ ހިސާބަށް ވުރެ ބޮޑުވީމަ އެވެ.

ބުރަކި ނުޖެހޭ ބައިސްކަލްތަކުގައި ކުޅި ފުޅަތަކެތި އިސްކޮޅަށް ވުރެ މައްޗަށް ޖަހައިގެން ދުއްވިޔަސް ނުރައްކަލެއް ނުވެ އެވެ. ނުރައްކާތެރި ކަންކަމާއި އާންމުންނަށް އުނދަގުވާ ކަންކަން މި ކުރެވެނީ އިންޖީނުލީ އެއްޗެހި ދުއްވާ މީހުންނަށް ކަމަށް މި ވަނީ ވެފަ އެވެ.   

ނުގަވައިދުން ޕާކް ކުރުމުން އަދަބު ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މާލެ އަށް އެކަށީގެން ނުވާހާ ގިނައިން ވެހިކަލް ގެންގުޅޭއިރު އަދި ޕާކްކުރަން އެކަށީގެންވާ ޖާގަ ނެތް އިރު އަދަބު ދިނުމުގެ ކުރިން ވިސްނާލަން އެބަޖެހެ އެވެ. ޕާކިން ޒޯނެއް ނެތް ނަމަވެސް ދުއްވާ އެއްޗިއްސާއި މީހުންނަށް ދަތި ނުވާ ގޮތަށް ޕާކް ކޮށްފައި ހުންނަ އެއްޗެހީގައި ސްޓިކާ ޖެހުމަކީ ދެރަ ކަމެކެވެ. އަހަރެމެންނަކީ ވަންނަން ބޭނުންވާ ތަނުގެ ދޮރުމަތީ ޕާކް ކުރަން ބޭނުންވާ ބަޔަކަށް ވިޔަސް މިހާރު އެ ސިފަ ވެސް މަޑުމަޑުން އެބަ ކެނޑެ އެވެ. މަޖުބޫރުވީ ވެސް ތޯއްޗެކެވެ.

ނުގަވައިދުން ޕާކް ކުރުމުން ބޮޑު އަދަބު އެހާ ފަސޭހައިން ދެނީ މަގުތަކުގެ ތާށިކަމުން އާންމުންނަށް ފަސޭހަ ގޮތް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށް ބަލަމާ ހިނގާށެވެ. އެކަަމަކު ދެ މީހަކަށް އެކުގައި ކިރިޔާ ހިނގާލެވޭ ވަރުގެ، ދެކޮޅަށް ދުއްވާ ގޯޅިމަގުތަކުގައި ވެސް އެ ހުންނަނީ މަގު ބެދޭ ގޮތަށް ޕާކް ކޮށްފަ އެވެ. ބޭންކްތަކުގެ ކައިރި އާއި ވެލާނާގެ ކައިރި ފަދަ ތަންތަނުގައި ނުގަވައިދުން ޕާކް ކުރުމުން ސްޓިކާ ޖަހާ ގޮތަށް މާލޭގެ ހުރިހާ ހިސާބެއްގައި ވެސް އަމަލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ސައިކަލްތަކުގައި ސްޓިކާ ޖަހާހާ ފަސޭހައިން ކާރުތަކުގައި ސްޓިކާ ނުޖަހަނީ ކީއްވެެ ހެއްޔެވެ؟ މިއީ އާންމުން ކުރާ ސުވާލުތަކެވެ. ޝަކުވާ އެވެ.