ވިޔަފާރި

މިދިޔަ އަހަރު ދައުލަތުގެ ރިޒާވް 5.5 ޕަސެންޓް އިތުރުވި

Feb 9, 2020
2

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވް 5.5 ޕަސެންޓް އިތުރުވި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކައް ދައްކާ ގޮތުގައި ރާއްޖޭގެ ރިޒާވްގައި ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހު ހުރި 604.7 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 5.5 ޕަސެންޓުގެ އިތުރު ވުމެކެވެ. އެމްއެމްއޭ އިން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ވަގުތުން ވަގުތަށް ބޭނުންކުރެވޭ ރިޒާވް ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 315.9 މިލިއަން ޑޮލަރަރެވެ. ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރަށް އިތުރުވި އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް މި ދައުރު ނިމޭއިރު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

ނޯޓް: މި މަހުގެ ދެވަނަ ދުވަހު އަވަސްގައި ލިޔުނު ހަބަރުގައި ދައުލަތުގެ ރިޒާވް ކަމަށް ލިޔެވިފައިވަނީ 685 މިލިއަން ޑޮލަރެވެ. ނަމަވެސް ރަނގަޅު ގޮތަކީ ދައުލަތުގެ ރިޒާވްއަކީ 753 މިލިއަން ޑޮލަރެވެ. ވީމާ ކިއުންތެރިންގެ ކިބައިން މި ކަމަށް މައާފަށް އެދެމެވެ.