ބޮލީވުޑް

ބޮލީވުޑް ގިނަ ފިލްމުތަކަށް ނާކާމިޔާބު ދުވަސްތަކެއް

ފާއިތުވީ ހަފުތާއަކީ މި ފަހަކަށް އައިސް ހިންދީ ފިލްމު އިންޑަސްޓްރީއަށް ކުރިމަތިވި އެންމެ ނާކާމިޔާބު ހަފުތާ އެވެ. ހިމޭޝް ރޭޝަމްޔާގެ "ހެޕީ ހާޑީ އެންޑް ހީރް" އާއި މަލާލާގެ ބައޮޕިކް "ގުލް މަކާއި"، ބަލަން މީހުން ދިޔަލެއް މަދުކަމުން ދެ ތިން ދުވަހަށް ފަހު ގިނަ ޝޯތަކެއް ކެންސަލް ކުރަން ވެސް ޖެހުނެވެ.

ސައިފް އަލީ ޚާންގެ "ޖަވާނީ ޖާނޭމަން" ގެ ހާލު މިއަށް ވުރެ ތަންކޮޅެއް ރަނގަޅު ނަމަވެސް ކާމިޔާބު ފިލްމެކޭ ބުނާ ވަރާ ކައިރިއަށް ވެސް ފިލްމުގެ ވިޔަފާރި ނުވެ އެވެ.

ބޮލީވުޑް ފިލްމުތަކަށް ވުރެ ވިލް ސްމިތުގެ "ބޭޑް ބޯއީޒް"ގެ ވިޔަފާރި ވެސް މާ ރަނގަޅެވެ. ނަމަވެސް ހޮލީވުޑްތައް ބަލަން އާދައިގެ ގޮތެއްގައި މީހުން ވަންނަ ވަރަށް ވުރެ މި ފިލްމު ބަލަން ވަދެފައިވާ މީހުން މަދެވެ.

އޭގެ ކުރީ ހަފުތާގައި ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ޕަންގާ" ވެސް ފްލޮޕް ވެފައިވާއިރު ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ "ސްޓްރީޓް ޑާންސާ 3ޑީ" އަށް ވެސް މިހާތަނަށް ވެފައިވަނީ އެވްރެޖް ވަރެއްގެ ވިޔަފާރިއެކެވެ.

ދީޕިކާ ޕަދުކޯންގެ "ޗަޕާކް" ވެސް ފްލޮޕް ވެފައިވާއިރު ސަލްމާން ޚާންގެ "ދަބަންގް 3" އަކީ ވެސް އެވްރެޖް ފިލްމެކެވެ.

މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ހިތްހަމަޖެހޭ ވަރުގެ ވިޔަފާރިއެއް ވެފައިވަނީ އަޖޭ ދޭވްގަން އާއި ކާޖޮލް އަދި ސައިފް އަލީ ޚާންގެ "ތާނާޖީ: ދި އަންސަންގް ހީރޯ" އާއި ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރުގެ "ގުޑް ނިއުޒް" އަށެވެ.