ކެޓްރީނާ ކައިފް

ކެޓުރީނާއާ އޮންނަ ގުޅުމާމެދު ވިކީ ބުނަނީ ކީކޭ؟

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ލޯބީގެ ވާހަކަ އަކީ މިހާރު ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އެވެ. ބުނެވޭ ގޮތުގައި މި ދެ ތަރިންގެ ލޯބީގެ ގުޅުން ބަދަހިވީތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ވިކީ އާއި ކެޓުރީނާ ރައްޓެހިވެގެން އުޅޭ ކަމަށް ފުރަތަމަ އިންޑިއާގެ ނޫސްތަކުގައި ލިޔަން ފެށީ ކެޓުރީނާ ބައިވެރިވި ޓޯކް ޝޯ އެއްގައި ވިކީ އާއެކު ފިލްމު ކުޅެން ބޭނުން ކަމަށާއި ދެ މީހުން އެކުގައި ވަރަށް ގުޅޭ ޖޯޑަކަށް ވާނެކަމަށް ދެކޭ ކަމަށް ބުނުމުންނެވެ.

މި ވާހަކަތައް ދެކެވެން ފެށި ފަހުން ކެޓުރީނާ އާއި ވިކީ އެކުގައި ވަރަށް ގިނަ ޕާޓީތަކުންނާއި ހަފުލާ ތަކުން އަދި ޑިނާ ޑޭޓް ތަކުން ފެންނަމުންދާތީ އިތުރަށް މި އަޑު ގަދަވާ ގޮތް ވަނީ ވެފަ އެވެ.

ވިކީގެ ކޮއްކޮ ސަނީ ކޯޝަލްގެ "ދަ ފޮގޮޓްން އާމީ" ގެ ސްކްރީނިން އަށް ވެސް ވިކީ އާއެކު ކެޓުރީނާ ދިޔަ އެވެ.
ވަރަށް ފަހުން ވިކީ ދީފައިވާ އިންޓަވިއު އެއްގައި ކެޓުރީނާ އާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ އޭނާއަކީ ދޮގު ހަދާ މީހެއް ނޫންކަމަށެވެ.

"ދޮގެއް ހަދައިފިއްޔާ އެ ދޮގު ފޫބައްދަން އިތުރަށް ދޮގު ހަދަން ޖެހޭނެ. މިހާރު ސްޓޭޓްމަންޓެއް ދީފިއްޔާ އެ ބަހުސް މާ ހޫނުވެގެން ދާނެ. އަދި މިހާރު ދައްކާ ވާހަކައެއް އަނބުރާ އަންނައިރު އޮންނަނީ ދެއްކި ވަރަށް ވުރެ މާ ބޮޑުވަރުވެ ތަފާތު ޚަބަރަކަށް ވެފައި. ދެން އަނެއްކާ ޖެހޭނީ އަހަރެން ބުނީ އެހެނެއް ނޫނޭ ބުނެ އަހަރެން ދެއްކި ވާހަކަތައް އަލުން ބަޔާން ކޮށްދޭން. އެހެންވެ އެންމެ އާދައިގެ ބަހުރުވައިން ބުނާނަމަ ބުނެވޭނީ އެއީ އެއްވެސް ވާހަކައެއް ނޫނޭ،" ވިކީ ބުންޏެވެ.
ވިކީ އިތުރަށް ބުނި ގޮތުގައި ލޯތްބަކީ ވަރަށް ހިތްގައިމު އިހްސާސެކެވެ. އަދި އެންމެ އުފާވެރިކަން އިހްސާސްވަނީ މީހަކާ ލޯބިވެގެން އުޅޭއިރު ކަމަށް ވިކީ ގަބޫލު ކުރެ އެވެ.

ވިކީ އާއި ކެޓުރީނާގެ ގާތް އެކުވެރިއަކު ވަރަށް ފަހުން އިންޑިޔާ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި ވިކީ އާއި ކެޓުރީނާގެ ގުޅުން އަދި ލޯބީގެ ގުޅުމަކަށް ބަދަލެއް ނުވެ އެވެ. ދެ ތަރިންނަކީ ގާތް ދެ އެކުވެރިން ކަމަށް ވެފައި މާޒީގައި ދެ އެކްޓަރުންނަށް ވުރެ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ލޯބީގެ ރޮނގުން ކުރެވިފައިވާތީ އަދި އެމީހުންނަށް ދާނެ މިސްރާބު ކަނޑަނޭޅިފައިވާ ކަމަށާއި ނަމަވެސް އެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވާނެކަމަށް ފެންނަ ކަމަށް އެކުވެރިޔާ ބުންޏެވެ.