ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޫކޮށްފައިވާ ޓީ-ބިލާއި ބޮންޑަށް ނުދައްކާ ހުރި އަދަދު އަހަރު ދުވަހުގެ ތެރޭ 38 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ އިގްތިސާދީ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޖުލައި މަސް ނިމުނުއިރު ދޫކޮށްފައިވާ ޓީ-ބިލް އަދި ޓީ- ބޮންޑަށް ނުދައްކާ 18.8 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. މިއީ އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 38 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ޓީ-ބިލާއި ޓީ- ބޮންޑަށް ނުދައްކާ ހުރި އަދަދު މަހުން މަހަށް ބަލާއިރު އުޅެނީ ދެ ޕަސެންޓް މަތީގަ އެވެ.
މީގެ އިތުރުން، އަހަރުން އަހަރަށް ބަލާއިރު ޓީ-ބިލަށް ވިޔަފާރި ބޭންކުތަކުން އިންވެސްޓްކޮށްފައިވާ އަދަދު ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް ވިޔަފާރި ބޭންކުން ތަކުން ޓީ-ބިލަށް އިންވެސްޓް ކުރި އަދަދު ވަނީ 11.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ނަމަވެސް މިއީ މަހުން މަހަށް ބަލާއިރު އެއް ޕަސެންޓުގެ ދަށް އަދަދެކެވެ.
"މީގެ ސަބަބަކީ އެހެން މާލީ އިދާރާތަކުން ޓީ-ބިލަށް އިންވެސްޓްކޮށްފައިވާ އަދަދު އަށް ޕަސެންޓް ދަށްވެފައިވާތީ އެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޫކޮށްފައިވާ ޓީ-ބޮންޑުގެ ދަރަނި އުޅެނީ 7.0 ބިލިއަން ރުފިޔާގަ އެވެ. މިއީ މި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ނުވަ ޕަސެންޓު އިތުރު އަދަދެކެވެ.
"މި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ޓީ- ބޮންޑުގެ އައުޓްސްޓޭންޑިންވަނީ 3.9 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ އެމްއެމްއޭއިން ސަރުކާރަށް ދޫކޮށްފައިވާ ކުރު މުއްދަތުގެ ލޯނު 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީ- ބޮންޑަށް ބަދަލު ކުރުމާއި ގުޅިގެންނެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.