ދުނިޔެ

20 މީހުން މަރާލި ތައި ސިފައިންގެ މީހާ މަރާލައިފި

Feb 9, 2020
2

ބެންކޮކް (ފެބްރުއަރީ 9) - ތައިލެންޑުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ނަކޮން ރަޓްޗަސިމާގައި ބަޑިޖަހައި އާންމުންގެ ތެރެއިން 20 މީހަކު މަރާލި ސިފައިންގެ މީހާ، ސަލާމަތީ ބާރުތަކުން މަރާލާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޖަކްރަޕަންތު ރޮއްމާ ނަމަކަށް ކިޔާ އެ ސިފައިންގެ މީހާ ވަނީ އޭނާގެ ކޮމާންޑިންގް އޮފިސަރަކު މަރާލުމަށްފަހު އަސްކަރީ ކޭމްޕުން ހަތިޔާރުތަކެއް ވަގަށްނަގައިފަ އެވެ.

ހަތިޔާރު ވަގަށް ނަގައިގެން ގޮސް ޓާމިނަލް 21 ޝޮޕިން ސެންޓަރަށް ދިޔަ މަގުމަތީގައި ވެސް އޭނާ ވަނީ އާންމުންނަށް ހަމަލާދީފަ އެވެ. އަދި އެ ހަމަލާގެ މަންޒަރުތައް އޭނާ ވަނީ ފޭސްބުކުން ލައިވް ވެސް ކޮށްފަ އެވެ. އެ ޝޮޕިން ސެންޓަރު ތެރޭގައި އޭނާ ފިލާއޮއްވާ، އޭނާ މަރާލާފައިވަނީ ސަލާމަތީ ބަރުތަކާއެކު ހިނގި ބަޑީގެ ކުރިމަތިލުންތަކުގެ ތެރޭގަ އެވެ.

ނަމަވެސް، އޭނާ އެ ހަމަލާދިން ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ޑިފެންސް މިނިސްޓްރީން ވެސް ބުނީ ހަމަލާދީން ސަބަބެއް ނޭނގޭ ކަމަށާއި، ބޮޑަށް ބެލެވެނީ އޭނާ "މޮޔަވީ" ކަމަށެވެ.

އެ ހަމާލާގައި މިހާތަނަށް 20 މީހުން މަރުވެފައިވާއިރު، އިތުރު 42 މީހުން ޒަހަމްވެގެން ފަރުވާދެމުން އަންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.