މިވަގުތު ގިނަ ބަޔަކު އުފައްދަނީ މި ސުވާލެވެ؟ ހާއްސަކޮށް ސޯޝަލް މީޑިޔާގެ ތެރޭގައި "ދިރިއުޅޭ" މީހުނެވެ. އެ މީހުންގެ މައިގަނޑު ސުވާލަކީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު އިރު އެއިން ރާއްޖެއަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެމްބަސީތަކުގެ ނަން ބޯޑުތައް ބަދަލުވުމާއި، ކޮމަންވެލްތުގެ މައި މަރުކަޒުގައި ދިވެހި ދިދަ ވިހުރައިލުން ފިޔަވައި ބަދަލުވާނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ސޯޝަލް މީޑިޔާއަށް "ގިނަވެގެން" ނޫޅޭ އާންމުގެ ދިވެހިންގެ ހިތްތަކުގައިވެސް އެނބުރޭ ސުވާލެކަށް ވެފައި ވެއެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2016 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، އެ ސަރުކާރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.
މުސްކުޅިން ބުނެ އުޅޭ ވާހަކަ އެކެވެ. ކަމެއްގެ ފައިދާ އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ އޭގެން ލިބޭ ގެއްލުމެއް މިނެ ކިރާލުމުންނެވެ. އެ ނަޒަރުން ބަލާއިރު، ތިން އަހަރަށް ވުރެ ގިނަ ދުވަހު ކޮމަންވެލްތުން ބޭރުގައި އޮތުމުން، ރާއްޖެއަށް ގެއްލިގެން ދިޔަ ފުރުސަތުތައް އަންދާޒާކޮށްލުން މުހިންމުވެ އެވެ.
ތައުލީމާއި ފަންނީ ކުރިއެރުމަށް ހީނަރުކަން
ކޮމަންވެލްތުން ވަކިވުމާ ހަމައަށް 34 އަހަރު ވަންދެން ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ލިބޭ ފައިދާތަކުގެ ބޭނުން ރާއްޖެ އިން ވަނީ ފުރިހަމަ އަށް ހިފާފަ އެވެ. ކޮންމެ އަހަރަކު ސީދާ ކޮމަންވެލްތުންދޭ ސްކޮލާޝިޕްތަކުގެ އެހީގައި އެތަކެއް ދިވެހި ދަރީން މަތީ ތައުލީމު ހާސިލުކޮށްފައި ވެއެވެ. އެއީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކާއި ކޮމަންވެލްތު ގައުމުތަކަށް ހާއްސަކުރާ ސްކޮލާޝިޕްތަކުގެ ބޭރުންނެވެ.
މިކަމުގައި އުފައްދަންޖެހޭ ސުވާލަކީ، ދިވެހި އެންމެ ދަރިވަރަކަށްވިޔަސް މަތީ ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތެއް އަގު ކުރާނީ ކިހިނެއްތޯ އެވެ؟ ދައްކަންޖެހޭ ކޯސް ފީއަކުން ނޫނީ އޭނާ އެނބުރި އައިސް ގައުމަށް ކުރާ ހިދުމަތަކުން ނޫނީ އޭނާގެ މުސްތަގުބަލު ބިނާވާ ގޮތަކުން ހެއްޔެވެ؟ ކޮމަންވެލްތުން ލިބެނީ މަދު ސްކޮލާޝިޕްތަކެކޭ ބުނާ ބަޔަކު މި ސުވާލަށް ޖަވާބު ދޭނެ އެވެ.
ދެން އޮތީ އާންމުންގެ ސަމާލުކަމުގެ ބޭރުން ލިބެމުންއައި ފަންނީ އެހީތެރިކަމުގެ ވާހަކަ އެވެ. ޒަމާނުއްސުރެ ޝަކުވާ ބޮޑު ޖުޑީޝަރީން ފެށިގެން، ދައުލަތް ހިންގުމާއި، ޒުވާނުންގެ ތަރައްގީގެ އިތުރުން ދަރަނި މެނޭޖްކުރުން ފަދަ ކަންކަމަކީ ކޮމަންވެލްތުން އެހީތެރިކަން ފޯރު ކޮށްދެމުން އައި ގިނަ ދައިރާތަކުން މަދު އުސްއަލިތަކެވެ.
މިކަމުގައި ވެސް އުފެދެނީ ހަމަ ކުރިންވެސް ކުރި ސުވާލެވެ. އެއިން ޕްރޮގްރާމަކުން ދައުލަތުގެ މުވައްޒަފަކަށް ލިބޭ ތަމްރީނެއް ނޫނީ ތަޖުރިބާއެއް އަގު ކުރާނީ ކިހިނެއް ހެއްޔެވެ؟
ދިވެހި ކުޅިވަރަށް އައި އުނިކަން
ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ. ދިވެހި އެތުލީޓުންނަށް ތަމްރީނާއި ތަޖުރިބާގެ ގިނަ ފުރުސަތުތަކެއް ގެއްލިގެންދާނެ ކަމަށް މަރޭ ވިދާޅުވަމުން ގެންދެވި އެވެ.
މިހާރު ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން އެންމެ ބޮޑަށް އުފާ ކުރައްވާ އެއް ބޭފުޅަކީ ވެސް މަރޭ އެވެ. މިއަދުވެސް މަރޭ ސިފަކުރައްވާ ގޮތުގައި، ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ ދިވެހި ކުޅިވަރަށް، ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބޭނެ ފައިދާއެއް އަޅުގަނޑަކަށް ނޭނގޭ، އަޅުގަނޑަށް އެނގެނީ ކުޅިވަރުގެ ވާހަކައަހްމަދު މަރްޒޫގް | އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ
"ކޮމަންވެލްތުން ވަކިވިއިރުވެސް ގާތްގަނޑަކަށް 12 ވަރަކަށް އެތުލީޓުން ތަމްރީން ކުރުމުގެ މަޝްވަރާތައް ކުރަމުން އައީ. އޭގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގައި ޕީއީ ޓީޗަރުން ތަމްރީން ކުރަންވެސް އަޅުގަނޑުމެން އައީ ވާހަކަ ދައްކަމުން. ހަގީގަތުގައި ގިނަ އެތުލީޓުންތަކެއް ތަމްރީން ކުރުމަށް ލިބެންހުރި ފުރުސަތުތަކާއި ކުޅިވަރު ތަރައްގީކުރަން ލިބެންހުރި ފައިސާ ގެއްލިގެން ދިޔައީ،" މަރޭ ތަފްސީލު ކޮށްދެއްވި އެވެ.
އެއީ އޭރުގެ ވާހަކަ އެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް އެހީއަކަށް ނޭދެވޭތީ، ނޫނީ ނުލިބޭނެތީ ގެއްލިގެން ދިޔަ ފުރުސަތުތަކުގެ އަދަދު އަންދާޒާކޮށްލަން ދަތިވާނެ އެވެ.
އެކަމުގައި މަރޭ ނެންގެވީ އެހެން މިސާލެކެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓަކީ ހަސަން ސާއިދު ކަމީ އެއްވެސް ދިވެއްސަކު ދެބަސްވާނެ ކަމެއް ނޫނެވެ. އޭނާ ރާއްޖެއަށް ހޯދައިދީފައިވާ މެޑަލްތައް އެކަމަށް ހެކިދެ އެވެ. މަރޭ ވިދާޅުވާ ގޮތުގައި، ދެކުނު އޭޝިޔާގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފުވެރި ލަގަބު ދާދި ފަހުން ހޯދި ސާއިދުގެ ކާމިޔާބީގެ ބިންގާ އެޅުނު ޖަމާއިކާގައި ސާއިދު ހެދި ތަމްރީންގެ ފުރުސަތު ހަގީގަތުގައި ފަހިވީ ކޮމަންވެލްތުގައި ރާއްޖެ އޮތުމުންނެވެ.
ވިޔަފާރިއަށް އިތުރު ދޮރެއް؟
ކޮމަންވެލްތަކީ ހަ ބައްރުގައިވާ ފަންސާހަށް ވުރެ ގިނަ ގައުމުގެ މައްޗަށް އެކުލެވޭ 2.2 ބިލިޔަން މީހުން ހިމެނޭ ޖަމާއަތެކެވެ. އެކަމަކު ކޮމަންވެލްތަށް ފާޑުކިޔާ މީހުންގެ ނުރުހުމަކީ އެ ޖަމާއަތުގެ ހިންގުންތެރިކަން ނެތުމެވެ. ބައެއް ގައުމުތަކާ ގުޅުވައިގެން ބަސްބުނެ، ފިޔަވަޅު އަޅަން ނުކެރުމެވެ. ނަމަވެސް، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ، މެންބަރު ގައުމުތަކުގެ މެދުގައި ކޮމަންވެލްތު އިސްވެ ވިޔަފާރި ކުރިއަރުވަން ނުކުޅެދިފައިވާކަމަށް ބުނެ އެވެ.
އެފަދަ މީހުން ނަޒަރުގައި، އެ ޖަމިއްޔާގެ މަންމަ، އިނގިރޭސިވިލާތުގެ ވިޔަފާރީގެ މަސްލަހަތު އޮތް ގޮތުން، އެކަމަށް ބާރު ނާޅަނީ އެވެ.
އެހެނަސް، އިނގިރޭސި ރައްޔިތުން ނިންމި ނިންމުމެއް ދާދި ފަހުން ތަންފީޒު ކުރެވި، ޔޫކޭގެ ވިސްނުން މިހާރު ބަދަލުވެދާނެކަމުގެ މަލަމަތި ވަނީ ފެންނަން ފަށައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޔޫކޭ ވަކިވެފައިވާއިރު، މިއަހަރުގެ ނިޔަލަށް އީޔޫގެ ގަވައިދުތަކުން ވެސް މިނިވަންވާނެ އެވެ.
މިިހާތަނަށް ޔޫރަޕަކީ ޔޫކޭގެ ވިޔަފާރީގެ މައި މާކެޓެވެ. ޔޫކޭގެ އެކްސްޕޯޓުގެ 40 އަށް ވުރެ ގިނަ ޕަސަންޓް ހިއްސާ ކުރަނީ އީޔޫގެ ގައުމުތަކަށެވެ. އެކަމަކު އިނގިރޭސިވިލާތުގެ ވިޔަފާރީގެ މުސްތަގުބަލު، ކޮމަންވެލްތުގެ ގައުމުތަކާ ގުޅުވައިގެން ބައެއް އިސް ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
މިހާރުގެ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް މީގެ ކުރިން އެ މޭރުމުން އިޝާރާތެއް ކުރައްވައިފައިވެ އެވެ. އެމަނިކުފާނު އޭރު ފާހަގަ ކުރެއްވި ގޮތުގައި، އީޔޫގެ އިގުތިސޯދީ ދުވެލި ދެ ޕަސަންޓުގައި ހުރިއިރު، ކޮމަންވެލްތުގެ ގައުމުތަކުގެ ދުވެލި ހުރީ ހަތަރު ޕަސަންޓަށް ވުރެ މަތީގަ އެވެ. އެގޮތުން، ޔޫކޭއަށް އިގުތިސޯދީ ގޮތުން ފައިދާ ކުރުމުގެ ފުރުސަތު ބޮޑީ، ކޮމަންވެލްތުގެ ގައުމުތަކާއި ވިޔަފާރީގެ ގުޅުން ރަނގަޅުކޮށްގެނެވެ.
އެފަދަ ވިސްނުމެއްގެ ތެރެއިން އީޔޫގެ ކަސްތޮޅުން މިނިވަންވެ، ޔޫކޭއިން އަމަލުކުރަން ފަށައިފިނަމަ، ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ވިޔަފާރި އިތުރުވެ، އެކަމުގެ މަންފާ ރާއްޖެއަށް ވެސް ކުރާނެ އެވެ
ހައްގުތަކަށް ބާރުއަޅާތީ ދާހިލީ ކަންކަމާ ބެހުމަށް!
ދެން އޮތީ ކޮމަންވެލްތާ ދެކޮޅަށް ބަޔަކު އަބަދުވެސް ބުނާ ވާހަކަ އެވެ. "ކުޅިވަރުގެ ފުރުސަތެއް ނޫނީ ތައުލީމީ ފުރުސަތުތަކެއް" ލިބުނު ނަމަވެސް ރާއްޖޭގެ ދާހިލީ ކަންކަމާ ކޮމަންވެލްތުން ބެހޭކަމުގެ ތުހުމަތެވެ. ކޮމަންވެލްތުގެ ޗާޓަރުގެ ބޭރުން ރާއްޖޭގެ ދާހިލީ ކަންކަމާބެހޭ ކަމުގެ ޝަކުވާއަކީ އެ ޖަމިއްޔާއަށް ރާއްޖެ ވެއްދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ވެސް އިވުނު ޝަކުވާ އެކެވެ. ހުދު އެމަނިކުފާނު ވެސް އެ ވާހަކަ ވަނީ ވިދާޅުވެފަ އެވެ.
މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ، އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް، ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ، އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ، އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭރައީސް މައުމޫން | 2013 ވަނަ އަހަރުގައި
އޭގެ ފަހުން، ކޮމަންވެލްތުން ވަކިވުމުގެ ސިއްކަ ޖެހީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ނަމަވެސް، އެ ދުވަސްވަރު ރާއްޖޭގައި އޮތް ހާލަތަށް ވިސްނާލަންޖެހޭ ކަމަށް ހާރިޖީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. ކޮމަންވެލްތުން ބާރު އަޅައި، ފިޔަވަޅު އަޅާނެކަމުގެ އިންޒާރުތައް މީގެ ކުރިން ވެސް ދީފައިވަނީ އެ ހާލަތުގެ ސަބަބުންނެވެ.
ކޮމަންވެލްތުގެ މައިގަނޑު ސިޔާސީ އަގުތައް ބަޔާންކުރާ "ހަރާރޭ ޑެކްލަރޭޝަން" ގެ ތެރެއިން މީގެ 25 ވަރަކަށް އަހަރު ކުރިންނެވެ.
"ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހެއްގެ މިނިވަންކަމާއި ޖިންސާއި ނަސްލާއި ކުލަޔާއި ދީނީ އަދި ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ކޮންމެ ރައްޔިތަކަށް ހަމަހަމަ ހައްގުތައް ލިބިދޭންވާނެ ކަމާއި އެ މީހަކު ދިރިއުޅޭ މުޖުތަމައެއް ބައްޓަން ކުރުމުގައި ޑިމޮކްރެޓިކް ސިޔާސީ ކަންކަމުގައި މިނިވަންކަމާ އެކު ބައިވެރިވެ، މަޝްއޫލުވުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ މެ، ހައްގެއް ކަމުގައި އަހަރެމެން ގަބޫލު ކުރަމެވެ،" އޭގައި ވެ އެވެ.
ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ކޮންމެ ޖަމިއްޔާއެއް ވިޔަސް، މެންބަރު ގައުމުތަކުން ތަބާވާންޖެހޭ އުސޫލުތަކަކާއި ހަމަތަކެއް ހުންނާނެ އެވެ. "ހަރާރޭ ޑެކްލަރޭޝަން" ގައިވާ ގޮތުން، އަސާސީ ހައްގުތައް ހިމާޔަތްކޮށް، ކަށަވަރުކުރުމާއި ސަރުކާރުގެ ހިންގުމުގެ ކަންކަން އެ މިންގަނޑުތަކަށް ފެތޭތޯ އެ ޖަމިއްޔާތަކުން ބަލާނެކަން އޭނާ ފާހަގަކުރައްވަ އެވެ. އެކަން އެގޮތަށް ނުދާނަމަ، އެކަމަށް އެ ޖަމިއްޔާތަކުން ބަސްބުނެ، ފިޔަވަޅު އަޅަންޖެހޭނަމަ އެކަންވެސް ކުރާނެކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމުގައި އދ. އެއް ކޮމަންވެލްތެއް އިސްތިސްނާއެއް ނުވެ އެވެ.
"އަޅުގަނޑުމެން އެންމެންވެސް އެބަ ބޭނުންވޭ ރައްޔިތުންގެ ހައްގުތަކަށް އަރައިނުގަންނަ ސަރުކާރެއް. ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ވެރިކަންކުރާ ވެރިއެއް. އެއީ ނޫންތޯ 2012 އިން ފެށިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ؟" އޭނާ ވިދާޅުވި އެވެ
އެއާ ވިދިގެން އޭނާ ކުރެއްވީ ވަރަށް މުހިންމު ސުވާލުތަކެކެވެ.
"ރައްޔިތުން އަބަދު ބޭނުންވެގެން މަގުމައްޗަށް ނުކުމެ މުޒާހަރާކުރާ ކަމެއް ސަރުކާރަށް ނުވެގެން ނޫނީ ނުކޮށްގެން ދިވެހި ރައްޔިތުންގެ ހައްގުގައި އެކަމަށް ބޭރުން ބަޔަކު ބަހެއް ބުނީމަ ނޫނީ ބާރު އެޅީމަތޯ ގޯސްވަނީ؟"
އޭނާގެ ހިޔާލުފުޅު ބައްޓަންވެގެން އަންނަނީ މިފަދަ ސުވާލުތަކެއްގެ މައްޗަށެވެ. ލޯނުގެ ސިފާގައި ނަމަވެސް، ފައިސާ ދޭތީ، ވޯލްޑް ބޭންކާއި އައިއެމްއެފުން ދޭ ލަފަޔާއި އިސްލާހީ ފިޔަވަޅުތައް ކޮންމެ ސަރުކާރަކުންވެސް ގަބޫލު ކުރާއިރު، ރާއްޖޭގެ ޑިމޮކްރަސީގެ ހައްގުގައި، ބޭރު ފަރާތެއްގެ ގޮވާލުންތައް ކުއްލިއަކަށް ދާހިލީ ކަންކަމާބެހުމަށް ވަނީ އެވެ.
ކަން މިހެން ހުރިއިރު، ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތުމުން ބޮޑީ ފައިދާތޯ، ގެއްލުންތޯ ކަނޑައަޅާނީ ރައްޔިތުންނެވެ. އެކަމަކު އެ ތިލަފަތް ކިރަންޖެހޭނީ ވަކިވެގެން ލިބުނު ގެއްލުމުންނެވެ.