( 6 ފެބްރުއަރީ 2020 އާ ގުޅޭ)
ދާރިއަންއަށް އަންނަންފެށީ އިންޒާރުގެ ކޯލުތަކެވެ. އޭނާގެ ނަންބަރު ލިބުނު ގޮތެއް ވެސް ދާރިއަންއަށް ވިސްނައިގަންނަން ނޭނގުނެވެ. އެހެންވިޔަސް ކިހިނެއްކަން މިވަނީ ރެއަކާލީ އެ ފޯނުކޯލުތައް އަންނަން ފެށުމުންނެވެ. ހޭޒަލްއާ ދުރުގައި ހުރުމަށް ބުނާތީއެވެ. ދާރިއަންގެ ޚިޔާލަށް ފުރަތަމަ ވެސް ވެރިވީ ލިއަމްއެވެ. އޭނާއާއި ހޭޒަލްއާ ދެމެދު އޮތް ގާތްކަން ކޮންމެވެސް ގޮތަކުން ލިއަމްއަށް އެނގިއްޖެކަން ދާރިއަންއަށް ވިސްނުނެވެ.
"ތިކުރަނީ ފިނޑިން ކުރާކަހަލަ ކަންކަން... ހޭޒަލްއަށް އިތުރު ހިތްދަތިކަމެއްދޭން ގަސްދުކުރަނީތަ؟ ކަލޭގެ މުޑުދާރުކަން ފޮރުވަން ގަސްދުކުރީ އިތުރު ފާފަތަކަކުން، ހޭޒަލްއަށް އެނގި ފެނުނީމަ ވެސް އަދިވެސް ތަޢުބާވުމުގެ ވިސްނުމެއްނެތް، ކަލެއަށް ލޯބިވާކަށް ނޭނގޭ، ތީ ލޯބިވުމެއްނޫން... އަހަރެން ފަހަތަށް ޖެހޭނެކަމަށް ހީނުކުރާތި، އަހަރެން ކާމިޔާބު ހޯދުމަށް މީހެއްގެ ނަސީބުގެ މައްޗަށް ފައިން ނާރާނަން، އަހަންނަށް ހޭޒަލް ލިބުމާއި ނުލިބުން ދޫކޮށްލާނީ ﷲއަށް... އެކަމަކު މިފަހަރު އަހަރެން ލޯބިވާވަރު ބުނާނަން، ކައިވެންޏަށް ވެސް އެދޭނަން، މިހާރު ހޭޒަލްއަކީ ލިއަމްގެ ހައްޤެއްނޫން" ދާރިއަންގެ ހިތުގައި ލިއަމްއާ މެދު ޝަކުވާވިއެވެ. އޭނާގެ ޢަމަލުތަކަކީ އެއްގޮތަށް ވެސް ބަލައިގަނެވޭނެ ކަންކަމެއްނޫނެވެ.
އިޝްވާ ތައްޔާރުކޮށްފައި އޮތް ހޭޒަލްގެ ފައިލުން ދާރިއަންއަށް ހުރިހާކަމެއް އޮޅުންފިލައިފަވެއެވެ. ކައިވެނީގެ މަތީހުރެ ލިއަމްގެ ޢަމަލުތައް ހައްދުފަހަނައަޅައި ދިޔަކަން ހޭޒަލް އޮތީ އިޝްވާއަށް ކިޔާދީފައެވެ. އެކަމުން ހޭޒަލްއަށް ކުރި އަސަރު ވެސް މެއެވެ. އެކިފަހަރަކު މަތިން ލިއަމް ވަނީ ހޭޒަލްގެ ހިތުގައި ޖައްސާފައެވެ. ނުހަނު ބޮޑަށެވެ. ދިރިއުޅުމެއް ފަށަން މީހާ ޖެހިލުންވާވަރަށެވެ. އަލުން ފިރިހެނަކަށް އިތުބާރު ނުކުރެވޭނޭ ވަރަށެވެ. އޭނާ ހޭޒަލް ދެކެ ލޯބިވާނަމަ މިހާރު ދޫކޮށްލަންވެއްޖެކަމުގައި ދާރިއަންއަށް ވިސްނުނެވެ. އަދިވެސް ހޭޒަލް ހޯދަން ބޭނުންވުމަކީ ލޯތްބަށްވުރެ ލިއަމްގެ އަމިއްލަ އެދުމެއް ހާސިލުކުރުމެވެ. އެކަމުން ހޭޒަލްއަށް ހިތްހަމަޖެހުމެއް ލިބިދާނޭ ދާރިއަންއަށް ހީނުވެއެވެ. ލިއަމްއަށް އެވަރަށް މަގުއޮޅެން މެދުވެރިވީ ކީއްވެކަމާމެދު ދާރިއަން ވެސް ސުވާލު އުފެދެއެވެ. ހޭޒަލްއަކީ ރަނގަޅު އަންހެނެއްކަން ދާރިއަންއަށް އެނގެއެވެ. ވީއިރު ލިއަމްއަށް ނުފުދުނީ ކޮންކަމެއްބާއޭ ދާރިއަންގެ ހިތަށް ވެސް އެރައެވެ.
ބެލްކަނީގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލުމާއެކު ދާރިއަން ފުންނޭވާއެއްލިއެވެ. ފިކުރުތަކުން އޭނާގެ ނިތްކުރީގައި މަޑު ރިހުމެއް ހުއްޓެވެ. ދެލޯ މަރާލައި އިސްޖަހާލައިގެން އިރުކޮޅަކު އޭނާ ހުއްޓެވެ. ދެން ކަނާއަތުން ނިތްކުރީގައި ފިރުމާލައި އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ފިކުރު ކުރުމަކުން އެއްވެސް ކަމެއް ހައްލެއްނުވާނޭ އޭނާގެ ޟަމީރު ބުނަން ފެށުމުން ދާރިއަން ގޮތެއް ނިންމިއެވެ. އެކަމަކު އެ ނިންމުމުގެ ސަބަބުން ދެން ކަންތައް ވާނެގޮތެއް ނޭނގޭތީ އޭނާ ހުރީ ޖެހިލުންވެފައެވެ. ލިއަމްއަށްވުރެ ދާރިއަންގެ ނިންމުންތައް އަވަސްކުރަންވެއްޖެއެވެ. އެއާއެކު އޭނާގެ ނިންމުމާމެދު ޔަގީންކަން ދެއްވުމަށް ހިތާހިތުން ދުޢާކޮށްލެވުނެވެ. ހަމައެވަގުތު ދާރިއަންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލާލިއިރު އެއީ ހޭޒަލްގެ ކޯލެކެވެ. ވަގުތުން ދާރިއަން ހިނިތުންވެލިއެވެ. ﷲ އޭނާއަށް ސާބިތުކަން ދެއްވުމުގައި ލަހެއްނުކުރެއްވިކަން އެނގުނެވެ. ވީއިރު އޭނާ ފަސްޖެހެންވީ ސަބަބެއްނެތެވެ. ހިތްހަމަޖެހުމާއެކު ދާރިއަން ފޯނުކޯލަށް ޖަވާބު ދިނެވެ. އިވުނީ ހޭޒަލް ސަލާމްގޮވާލިއަޑެވެ. ފުރިހަމަ ސަލާމުން ދާރިއަން ޖަވާބުދިނެވެ.
"ބައްޕަ ބުނެގެން މިގުޅާލީ... މާދަން ފްރައިޑޭއެއްނު..." ހޭޒަލްގެ އަޑުއިވޭ ކޮންމެ ވަގުތަކު ދާރިއަންގެ ހިތު ވިންދާ ކުޅެލާފަދަ އަސަރެއް ހުރެއެވެ. ހޭޒަލް ގުޅީ ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ދާރިއަންއަށް ދަޢުވަތު ދިނުމަށެވެ. ރިޒްވާނުގެ އެދުމުގެ މަތިންނެވެ. ﷲ އަޅުތަކުންނަށް ނިޢުމަތް ދެއްވާ ކަންކަން އިޖާބަކުރައްވަނީ ހީނުކުރާ ގޮތްގޮތަށެވެ. ހޭޒަލްއާ ބައްދަލުވާން ބޭނުންވެފައި ހުރި ދާރިއަންއަށް އެ ފުރުސަތު އެ ލިބުނީ އޭނާގެ މާ ބޮޑު މަސައްކަތެއް ކުރުމެއްނެތިއެވެ. މީހެއްކައިރީ އޭނާގެ ބޭނުން ހާމަކުރުމެއްނެތިއެވެ. އެ އިޙްސާސްތަކާއި ޚިޔާލުތައްވީ އޭނާގެ ހިތުގައެވެ. ހޭޒަލްއަށް ޖަވާބެއް ދިނުމުގެ ކުރީން ދާރިއަން އިސްއުފުލައި އުޑަށް ބަލާލިއެވެ. އޭނާ ޝުކުރުވެރިވިއެވެ.
"އިންޝާ ﷲ!... ހުކުރުން ފައިބައިގެން ދާނަން" ދާރިއަން ބުންޏެވެ. އިތުރު ވާހަކަތަކެއް ނުދައްކާ ހޭޒަލް ފޯނުކޯލު ކަނޑާލީ ބާއްޖަވެރި ރެއަކަށް އެދިފައެވެ.
ނިދަން ވަނުމުގެ ކުރީން ތަހުމީނާގެ ކޮޓަރިއަށް ދާރިއަން އައެވެ. ދޮރުގައި ޓަކިދިނުމުން އެތެރެއަށް ވަނުމަށް ތަހުމީނާ ބުނެލިއެވެ. ފަހަރެއްގައި ވެސް އެވަގުތު އެކޮޓަރިއަށް އައީ ދާރިއަން ކަމަކަށް އޭނާ ހިޔެއްނުކުރެއެވެ.
"ކިހިނެއްވީ؟... ދަރިފުޅު ކަމެއްބޭނުންވީތަ؟" ނުފެންނަ މަންޒަރެއް ފެނުމުން ތަހުމީނާއަށް ލިބުނީ ހައިރާންކަމެވެ. އިބާ ގޭގައި ނެތީބާއޭ ވެސް ތަހުމީނާގެ ހިތަށް އެރިއެވެ.
"މާމައާ ވާހަކައެއް ދައްކާލަންވެގެން" ދާރިއަން ބުނެލިއެވެ. ތަހުމީނާ ހިނިތުންވެލިއެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު ކަނޑާލުމާއެކު އޭނާ އެނދުގައި އަތުން ޖަހާލިއެވެ. ދާރިއަން ގާތު ވަދެ އިށީންނާށޭ ބުނެލި ކަހަލައެވެ. ދާރިއަން އެ ކޮޓަރިއަށް ވަދެ ދޮރުފަތް ކައިރިކޮށްލިއެވެ. އަދި މާމަ އިޝާރާތްކުރި ދިމާގައި އެނދުމަތީ އޭނާ އައިސް އިށީނެވެ.
"މާމަ މީނީ އަޑުއަހަން" ދާރިއަން ހިމޭނުން އިނުމުން ތަހުމީނާ ބުނެލިއެވެ.
"އިންނާނޭ ކުއްޖަކު ހޯދައިފިއްޔާ މާމަ އަޅުގަނޑާ އެއްބައިވާނަންތަ؟... މާމަގެ ބަސް ބައްޕައާއި މަންމަ ވެސް ޤަބޫލުކުރާނެ" ދާރިއަން ޚިޔާލު ބަދަލުކުރިއެވެ. ތަހުމީނާ އިރުކޮޅަކު ވިސްނާލަން ހިމޭންކަން ޚިޔާރުކުރިއެވެ. އެހިމޭންކަން ދާރިއަންއަށް ނުތަނަވަސްކަން ގެނުވިއެވެ.
"ދަރިފުޅު ސާރާއާ އިންނަން ބޭނުންނުވަނީ ކީއްވެތަ؟" ދާރިއަން އެހާ ވަރަށް ދެކޮޅު ހަދާ ސަބަބެއް ތަހުމީނާއަށް ސާފެއްނުވެއެވެ. މިނޫނީ ދާރިއަން ކަމަކާ މަޝްވަރާ ކުރުމަށް މާމަގެ ގާތަށް އައިސްފައެއް ވެސް ނުވެއެވެ. އެހެންވެ އޭނާއާ ވާހަކަދައްކާލާނޭ ފުރުޞަތު ލިބުނީމަ ތަހުމީނާ ވެސް އިނީ ދާރިއަންގެ ހިތުގައިވާ އެއްޗެއް ހޯދާ އެނގެން ބޭނުންވެފައެވެ.
"އަޅުގަނޑުމެން ދެ މީހުންނަކީ ރައްޓެހިން، އެހެންވިޔަސް އަޅުގަނޑަށް ކަމުދާ ގޮތެއް ސާރާގެ ނެތީ، ދެމީހުންގެ މިޒާޖު ވެސް ތަފާތު، ކަމުދާ ކަންކަން ވެސް ތަފާތު... ކޮންމެ އެކުވެރިއަކީ ހަޔާތުގެ ބައިވެރިއަކަށް ހެދޭނެ މީހެއްނޫން، އެއްގޮތަކަށް ވެސް ކަމުނުގޮސް ހުރެ ކައިވެންޏެއް ކުރުމުން އެ ކައިވެނި ބާއްޖަވެރިވެދާނޭ ހިތެއް ނުބުނޭ... މަޖުބޫރަށް އަޅުގަނޑަށް ކެތްކުރެވިދާނެ، އެކަމަކު ކިހާ ދުވަހު އެގޮތަށް ކެތްކުރެވޭނީ... ސާރާއަށް ދެރައެއް ދޭކަށް ގަސްދެއްނުކުރަން، ކައިވެންޏަކީ އަމިއްލަ އެދުންތަކެއް ޙާސިލުކުރުމަށް ކުރެވޭ އެއްޗަކަށް ވެގެންނުވާނެ... ނޫންތަ މާމާ!... މަންމަގެ ހިތުގައި ޖައްސާކަށް ވެސް ބޭނުމެއްނޫން، އެކަމަކު މިހާރު އެނގޭ މަންމަ ގޮތްދޫނުކުރާނެކަން، މަންމައަށް ކީއްވެތަ ނުވިސްނެނީ... ސާރާއަށްވުރެ މާ ރަނގަޅު، މި ޢާއިލާދެކެ އަޅުގަނޑު ފަދައިން ލޯބިވާނެ ކުއްޖަކު ހުރެދާނެއެއްނު، އެހާ އަވަސް އަރުވާނުލިޔަސް ވާންހުރި ކަންކަން ވާނެ، އެހެންނު މާމާ... ދިރިއުޅުމުގެ ކަންކަމުގައި މާމަގެ ތަޖުރިބާ ގިނަވާނެ، އަޅެ ބުނެބަލަ... ހިތްނޭދޭ މީހަކާ އިނދެގެން އެ ކައިވެނި ގިނަ ދުވަހަށް ދެމިއޮންނާނެތަ؟" ދާރިއަން ބަލަން އިން ގޮތުން މުހުސިނާގެ ދެ ލޮލުން އޭނާ ޖަވާބު ހޯދާކަހަލައެވެ.
"ދަރިފުޅަށް ކަމުދާ ކުއްޖަކު ހުރީތަ؟" ދާރިއަންގެ ދެއްކި ވާހަކަތަކުން ތަހުމީނާއަށް ކަމެއް ފަހުމްވީއެވެ.
"ގަޔާވާ ރަނގަޅު ކުއްޖަކު އެބަހުރި" ދާރިއަން އެއްބަސްވިއެވެ.
"މިގެއަށް ގެންނަންވީނު، އެންމެންނާ ބައްދަލުވުމުން ދާރިއަން ބޭނުންވާގޮތް ސާފުވާނެ، ދަރިފުޅުގެ މަންމައަށް ވެސް އޭރުން އެނގޭނެ ދާރިއަން ބައިވެރިއަކު ޚިޔާރުކޮށްފިކަން" ތަހުމީނާއަށް ހިނިތުންވެވުނެވެ. އޯގާތެރިކަމާއެކު ދާރިއަންގެ ކޮނޑުގައި ތަހުމީނާ ފިރުމާލިއެވެ.
"އޭނާ ގާތު އިންނަން އަހާފަ ނޫނީ މިގެއަށް ނުގެންނާނަން" ދާރިއަންގެ ވިސްނުން ހުރި ގޮތް ހާމަކުރިއެވެ.
"ދެ ކުދީން ރައްޓެހިވެގެން އުޅޭކަން ކީއްވެތަ މަންމައަށް ނޭންގީ، މާމައަށް ވެސް މިއަޑުއިވުނީ އަދިކިރިޔާ" ތަހުމީނާއަށް ބުނެލެވުނެވެ.
"މިވަގުތަކުނޫން، އެކަމަކު އޭނާ އަޅުގަނޑާ އިންނަން އެއްބަސްވެއްޖެނަމަ މާމައަށް ހުރިހާ ކަމެއް ކިޔާދޭނަން... މާދަމާ އެގެއަށް ދާން ދަޢުވަތު ލިބިފައި އެބައޮތް، މިވާހަކަތައް އަދި އެކަކު ގާތުގައި ވެސް ނުބުނައްޗޭ... ހުރިހާކަމެއް ހަމަޖެހުނީމަ ބައްޕައާއި މަންމައަށް ވެސް ކިޔާދޭނަން... މާމާ!... އަޅުގަނޑަށް ދުޢާކޮށްދެއްޗޭ، އެ އަންހެންކުއްޖާ އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުކުރޭތޯ، އޭނާ އަޅުގަނޑުގެ އަނތްބަކަށްވޭތޯ..." ދާރިއަންއަށް މާމަގެ އަތުގައި ހިފާލައި ބާރުކޮށްލެވުނެވެ. އެހިތުގެ ހާލު ދެނެގަންނަން ތަހުމީނާއަށް އުނދަގުލެއްނުވިއެވެ.
"މާމަ ދުޢާކުރާނަން، ﷲ ދަރިފުޅުގެ އެދުން ފުރިހަމަކުރައްވާނެ، ހިތުގައި އިޙްލާސްތެރިކަން ބާއްވާ" ތަހުމީނާ ބުނެލިއެވެ.
ދާރިއަންއަށް ކަމުދިޔަ އަންހެންކުއްޖާއަށް ކިޔާނަން ތަހުމީނާ އަހާލިއެވެ. ދާރިއަން ނަމެއް ވެސް ނުބުންޏެވެ. ހޭޒަލް ކައިވެންޏަށް ދެކޮޅު ހަދައިފިއްޔާ އޭނާގެ ވާހަކަ ޢާއިލާގެ މީހުން ގާތު ދެއްކުން ރަނގަޅުކަމަކަށް އޭނާއަށް ނުވަނީއެވެ. ހުރިހާކަމެއް މިހާ ދުވަހު ސިއްރުކުރަމުން އައީ ވެސް އެހެންވެއެވެ. ހޭޒަލްއާ މެދު މީހަކު ގޯސްކޮށް ހީކުރާނޭ ފުރުޞަތެއް ދޭން ދާރިއަން ނޭދެއެވެ. އެހެންނަމަވެސް އޭނާ އެފަދަ ބޮޑު ނިންމުމެއް ނިންމައި އެކަމާ ކުރިމަތިލާން ދާއިރު ކޮންމެވެސް މީހަކަށް އެކަން އެނގިފަ އޮންނަން ދާރިއަން ބޭނުންވީއެވެ. ޢާއިލާގައި އޭނާގެ އުފަލަށްޓަކައި ހެޔޮ ދުޢާކުރާނޭ މީހަކު ހުރުމަށް ހިތް އެދެއެވެ.
* * * * *
ހުކުރު ދުވަހަށް އިރު އެރިއިރު ދާރިއަންއަށް ހަމަޖެހިލުން ފަސޭހައެއްނުވިއެވެ. ހޭޒަލްއާ ކުރިމަތިލުމަށް ތަފާތު ގޮތްގޮތަށް އޭނާ ވިސްނައިފިއެވެ. ހާސްކަމަށްވުރެ މީހާ ހުންނަނީ ޖެހިލުންވެފައެވެ.
ހުކުރު ނަމާދަށް ދިއުމަށް ދާރިއަން ގެއިން ނުކުތީ ޢާއިލާގެ އެހެން މެންބަރުންނަށްވުރެ ކުރީންނެވެ. އޭނާ ގަސްދުކުރީ ހޭޒަލްމެން ގޭ ކައިރީ ހުންނަ މިސްކިތައް އަރާށެވެ. އޭރުން ހުކުރުން ފައިބައިގެން އެ ގެއަށް އަވަހަށް ދެވޭނެތީއެވެ. ހޭޒަލްމެން ގޭ ކައިރީ ކާރު ޕާކު ކުރުމަށްފަހު މިސްކިތަށް ދާރިއަން އައީ ހިނގާފައެވެ.
ޖަމާޢަތުގެ ސަފުތައް އެއްވަރުކުރުމަށް ގޮވާލެވުނު ހިނދު ދާރިއަންގެ ކުރިމަތިން ހުސްވެފައި ހުރި ޖާގަ ފުރުމަށް ކުރީ ސަފަށް އެރިއެވެ. ނަމާދުން އަވަދިވުމަށް ސަލާމްދިން ވަގުތު ދާރިއަންއާ ޖެހިގެން ވައަތްފަރާތުގައި ހުރި ރިޒްވާން ފެނިއްޖެއެވެ. ދެމީހުންނަށް ވެސް އެކަކުއަނެކަކު ފެނުނީ އެވަގުތެވެ.
"މިތާ ކައިރީތަ އުޅެނީ؟" މިސްކިތުން ނުކުންނަން އައި ރިޒްވާނު އަހާލިއެވެ. އޭނާއާއެކު ދާރިއަން ހުރިއިރު އިތުރު ޒުވާނަކު ވެސް ހުއްޓެވެ. އެ މިސްކިތަށް އަންނަންޖެހުނީ ކީއްވެކަން ދާރިއަން ބުނެލީ ހެވިފައި ހުރެއެވެ. އޭނާގެ ވިސްނުން މޮޔައޭ ރިޒްވާނަށް ހީވާނޭ ދާރިއަން ހީކުރިއެވެ.
"މީ އާތިޝް... ހޭޒަލްގެ ބޭބެ" ރިޒްވާނު ގާތުގައި ހުރި އާތިޝްގެ ބުރަކަށީގައި އަތްޖައްސާލައި ދާރިއަންއަށް ތަޢާރަފްކޮށްދިނެވެ. ދާރިއަންއާއި އާތިޝް ސަލާމްކޮށްލިއެވެ. ބައްޕަގެ ފަރާތުން ދާރިއަންގެ އަޑުއިވިފައި އޮތްކަން އާތިޝް ހާމަކޮށްލިއެވެ. ތިންމީހުން މިސްކިތުން ނިކުމެ ގެއާ ދިމާއަށް އައީ އެކީގައެވެ.
"ލި..އަ..މް.." އާތިޝްގެ ފިޔަވަޅު މަޑުޖެހި ބުނެލެވުނެވެ. އެހިނދު ވާހަކަދައްކަމުން އައި ދާރިއަންއާއި ރިޒްވާނުގެ ސަމާލުކަން ވެސް އެ އަޑަށް ހުއްޓިއްޖެއެވެ.
"އޭނާ މިތާ ކީކުއްރަނީ؟" ރިޒްވާނުގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވުނީ ގަސްދަކާނުލައެވެ.
* * * * *
ހުކުރުން ފައިބައިގެން ރިޒްވާނު އަންނަ ވަގުތާ ދިމާކޮށް އެ ގޭ ދޮށަށް ލިއަމް އައީ އޭނާއާ ބައްދަލުކުރާށެވެ. ހޭޒަލްއާ ބައްދަލުވުމަށް އެދި އާދޭސްކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރަން ތައްޔާރުވެގެންނެވެ. ނަމަވެސް އޭނާއަށް އެހިސާބުގައި ޕާކުކޮށްފައި އޮތް ދާރިއަންގެ ކާރު ފެނުނީއެވެ. ހިތަށް ލިބުނު ވޭން ނަފްސުގައި ރުޅިވެރިކަމުގެ ހުޅު ރޯކުރިއެވެ. ހުކުރު ވަގުތަށްވެފައި މަގުމައްޗަށް އޮތީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ސައިކަލުން ފައިބާ ހޭޒަލްމެންގޭ ދޮރޯށި ކައިރިއަށް އައުމުގެ ކުރީން އޭނާގެ ތަޅުދަނޑިފަތިން ދާރިއަންގެ ކާރުގައި އެއްކޮޅުން އަނެއްކޮޅަށް ކޫރުން އަޅުވާލިއެވެ. އެ ކޫރުމަކުން އޭނާއަށް ކުޑަ ވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ލިއަމް ބޭނުންވަނީ ހޭޒަލްއާ ހަމައަށް ދާރިއަންއަށް ނާދޭވަރު ކަމެއްކުރާށެވެ. އެ ޚިޔާލުތަކުގައި ހުއްޓާ އޭނާގެ ލޮލަށް ފެނުނީ މިހާތަނަށް އޭނާ ޤަބޫލުކުރި ގޮތުގައި އޭނާ ދުށް އެންމެ ބަލަން އުނދަގޫ މަންޒަރެވެ.
ރިޒްވާނުގެ ސީރިއަސްކަން ކެނޑި ހިނިއައިސްފާ ވާހަކަދައްކަމުން އައީ ދާރިއަންއާއެވެ. އާތިޝްގެ ހަރަކާތްތަކުން އޭނާއަށް ވެސް ދާރިއަން އެނގޭކަން ދޭހަވެއެވެ. ލިއަމްއަށް އެމީހުންނަށް ބަލަން އުނދަގޫވީ ހޭޒަލްގެ ޢާއިލާއިން ދާރިއަން ބަލައިގަނެފަ ވާހެން ހީވެގެންނެވެ. އެމީހުންނަށް ވެސް ދާރިއަން މުހިންމު މީހަކަށް ވެއްޖެ ކަހަލައެވެ. އަދި ބާކީވާން ޖެހުނީ ލިއަމްއަށް ކަހަލައެވެ. ހޭޒަލް ހޯދުމުގެ ރޭހުގައި އޭނާއާ ވާދަކުރާނޭ މީހަކު ހުރެދާނޭކަމަށް ލިއަމް ކުރިއަކުން ހިޔެއްނުކުރެއެވެ. ދާރިއަން ފެނުމުން އަމިއްލަ ނަފްސަށް އޮންނަ ޔަގީންކުރަން ކުޑަވާ ފަދަ އިޙްސާސެއް ލިއަމްއަށް ކުރެވެއެވެ. ބަޔާންކުރަން ނޭނގޭ ފަދަ ބާރެއް ދާރިއަންއަށް ލިބިފައިވާ ކަހަލައެވެ.
އެންމެންގެ ކުރިއަށް ނިކުމެ ރިޒްވާނު ހުއްޓިލީ ލިއަމްއާ ކުރިމަތިވާނޭ ހެންނެވެ. އެއްޗެކޭ ބުނަން ދޫ ހަރަކާތްކޮށްލުމުގެ ކުރީން ލިއަމްގެ ނަޒަރު ދާރިއަންއަށް ހުއްޓުނެވެ. އޭނާ ވެސް ހުރީ ލިއަމްއަށް ބަލަންކަން އެނގުނެވެ.
"ހޭޒަލްއާ ބައްދަލުކޮށްލަން" ލިއަމް ބުނެލިއެވެ. އޭނާގެ ރުޅިގަނޑު މޭގައި ކެކިކެކި ހުއްޓެވެ. އޭނާ އައީ ދާރިއަންގެ ކުރިމަތީ ރޮއެ އާދޭސްކުރާކަށްނޫނެވެ.
"އާތިޝް، ދާރިއަން ގޮވައިގެން ވަދޭ އެތެރެއަށް" ރިޒްވާނު ބުންޏެވެ. ރިހުންއެކުލެވިފައިވި ބެލުމަކުން ލިއަމް ބަލަން ހުއްޓެވެ. އެ ގޭތެރެއަށް ވަނުމުގައި ހޭޒަލްއާ ބައްދަލުކުރުމުގައި ދާރިއަންއަށް ހުރައެއްނެތްކަން އެނގޭތީ ހިތުގެ ގިނި އިހުނަށްވުރެ ގަދައަށް އަނދައިގަތެވެ. ބޭއިޚްތިޔާރުގައި ހުޅުވިފައި ހުރި ދޮރޯށްޓާ ދިމާއަށް ލިއަމްއަށް ފިޔަވަޅު އަޅާލެވުނެވެ. އެހެންނަމަވެސް އޭނާއާއި ދޮރޯށްޓާ ދެމެދަށް ހުރަހަކަށްވީ ރިޒްވާނެވެ.
"ލިއަމް ވެސް ދެން ތިކަން ހުއްޓާލަންވެއްޖެ، ހޭޒަލް ބޭނުމެއްނުވޭ ލިއަމްއާ ބައްދަލުކުރާކަށް، އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް، އަހަރެމެންގެ ދަރިފުޅު ދިރިއުޅުނަ ދީބަލަ، އޭނާއަށް ދަތިކުރަން ތިމަސައްކަތްކުރަނީ ކީއްވެތަ؟... ކޮންކަމެއްތަ ލިއަމްއަށް ހާސިލުނުވެގެން ތިއުޅެނީ..." ރިޒްވާނު ވާހަކަދެއްކިއެވެ. ލިއަމް އިސްޖަހާލަފައި އިސްއުފުލާލިއެވެ.
"އަޅުގަނޑު ބޭނުމީ ޒެއްލު... ތި ހުރިހާ ވާހަކައެއް އޭނާ އަޅުގަނޑު ގާތު ބުނެފިނަމަ ޤަބޫލުކުރެވިދާނެ، އަޅުގަނޑު އަދިވެސް ބޭނުމީ ޒެއްލު، އަޅުގަނޑު އަނތްބެއްގެ ގޮތުގައި އޭނާ އިނުން، ހުރިހާ މިސްއަންޑަސްޓޭންޑިންއެއް ހައްލުކޮށް އަލުން ދެމީހުން ގުޅިގެން ހަމަޖެހިގެން އުޅޭން، މީ ޤަބޫލުކުރެވޭ ކަހަލަ ކްލޯޝާރއެއްނޫން، ޒެއްލުއަށް ކީއްވެތަ އަޅުގަނޑާ ކުރިމަތިނުލެވެންވީ، ބޭނުންނުވަންޏާ ކުރިމައްޗަށް އަރާ ހުރިހާ ވާހަކައެއް ބުނަންވީނު... އައި ނޮޓް ރެޑީ ޓު މޫވްއޮން، އަދިވެސް ޒެއްލުދެކެ ލޯބިވަނީ" ލިއަމްގެ ވާހަކަތައް ރިޒްވާނު ހުއްޓުވީ އަތުންކޮށްލި އިޝާރާތުންނެވެ.
"ޔޫ އާ މޭކިންގ އަ ފޫލް އޮފް ޔޯ ސެލްފް، ކުރިން ވެސް ބުނިން ހޭޒަލް ބައްދަލުކުރަން ބޭނުންވި ދުވަހަކަށް އިންތިޒާރު ކުރާށޭ، އެޔޭ ލިއަމްއަށް އޮތް ގޮތަކީ... ތި ދައްކާ ވާހަކަ ޤަބޫލުކުރާހާ އަހަރެން މޮޔައެއްނޫން، ވަގުތެއް ވެސް ނެތް... ލިއަމް ދިޔައްޔާ ރަނގަޅީ" ރިޒްވާނަށް ލިއަމްގެ ހަޤީޤަތް އެނގޭތީ އޭނާ ދެއްކި ވާހަކަތައް އަޑުއަހާ ހިތް ނުވީއެވެ.
"ހޭޒަލް މިހާރު ބޭނުމީ ދާރިއަންތަ؟ ހޭޒަލްއަށްވުރެ ބޮޑަށް ތިފެމެލީތަ ދާރިއަންއަށް ފުރުޞަތު ތިދެނީ ހޭޒަލްއާ ގުޅޭން" ލިއަމް ބުނެލިއެވެ. ދޮރޯށިން ވަދެވަދެ ހުރި ރިޒްވާނުގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. އޭނާ ފަސްއެނބުރި ލިއަމްއާ ކުރިމަތިލިއެވެ.
"ތި ދައްކަނީ ލިއަމްއާ ބެހޭ ވާހަކަތަކެއްނޫން" ރިޒްވާނު ވެސް މިފަހަރު ވާހަކަދެއްކީ މަޑުމައިތިރިކޮށެއްނޫނެވެ.
"ދާރިއަންއަކަށް ހޭޒަލްއެއް ނުލިބޭނެ" ލިއަމް ގަދަ ބަސް ބުނެލިއެވެ. އޭނާއަށް މާނަވީ ގޮތަކަށް ބަލަން ހުރެފައި ރިޒްވާނު ދޮރޯށިން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ލިއަމްއަށް ޖަވާބެއް ދިނުން މުހިންމު ކަމަށް ރިޒްވާނަށް ނުފެނުނީއެވެ.
* * * * *
އަމީރާއާއި ކީރާއާއެކު ހޭޒަލް ހަރަކާތްތެރިވާތަން ބަލަން ދާރިއަން އިނެވެ. ކުރިން ނުފެންނަ އާ މަންޒަރެއް ހޭޒަލްގެ ފުށުން ފެނުމުގެ ނަސީބު އޭނާއަށް ލިބުނެވެ. ދޮރޯށި ކައިރިން ލިއަމްއާ ބައްދަލުވި ވާހަކަ އާތިޝް ނުބުނެއެވެ. ރިޒްވާނު އެޕާޓްމެންޓަށް ވަދެގެން އައުމުން ވެސް އެމީހުން ލިއަމްގެ ވާހަކައެއް ނުދެއްކިއެވެ. އެމީހުން ހޭޒަލްއާ މެދު ފަރުވާތެރިވާވަރު ދާރިއަންއަށް ވިސްނުނެވެ. ނޫނީ ދާރިއަން އިނީތީ އެމީހުން އެކަން ފާހަގަނުކުރީބާއޭ އޭނާގެ ހިތަށް އެރިއެވެ.
ޢާއިލާއެއްގެ ލޯތްބާއި ގާތްކަން ކާމޭޒު ދޮށުގައި އެންމެން ތިބި އިރު ފާޅުވެއެވެ. ދާރިއަންއާ މެދު އެމީހުންގެ ޢަމަލުތައް ހުރީ މެހެމާނަކަށްވުރެ އެ ޢާއިލާއާ ޚިއްޞާވާ މެންބަރަކާ މެދު ހުރި ފަދައިންނެވެ.
ކައިނިމި އެންމެން ނިކުމެ ސިޓިންރޫމުގައި ތިއްބެވެ. ދާރިއަން މަޑުމަޑުން ހުއްޓެއްކަމަކު އޭނާއާ ވާހަކަދެއްކުން އެ ޢާއިލާއަށް އުނދަގޫކަމަކަށްނުވިއެވެ. ދާރިއަންގެ މިޒާޖު އެމީހުންނަށް ކަމުދިޔައެވެ. ދާރިއަންގެ ޢާއިލާގެ ވާހަކަތައް ރިޒްވާނު އެއްސެވެ. އެގޮތުން ދާރިއަންގެ ގޮތް ބޮޑަށް އެނގި ދަސްވަމުންދިޔައެވެ.
"ހޭޒަލް..." ސޯފާގެ ކޮޅަށް ދާރިއަން ޖެހިލައި ކައިރީގަ ހުރި ސޯފާގައި އިން ހޭޒަލްއަށް ގޮވާލީ ސިއްރުންނެވެ. އޭނާއަށް ބަލާލައި ހޭޒަލް ނިތްއަރުވާލީ ސުވާލެއްކޮށްލި ފަދައިންނެވެ.
"ވާހަކައެއް ދައްކާލަން..." ކުރިއެކޭ އެއްގޮތަށް ދާރިއަން ސިއްރުން ބުނެލިއެވެ.
ހޭޒަލް ތެދުވެ ދާރިއަން ގާތު އައުމަށް ބުނެލިއެވެ. އޭނާގެ ފަހަތުން ދާރިއަން ހިނގައިގަތެވެ. ރިޒްވާނާއި ސާއިރާގެ ނަޒަރު ހޭޒަލްއަށް ދަތުރުކޮށްލިއެވެ. ދާރިއަން ގޮވައިގެން ހޭޒަލް ވަނީ ބަދިގެއަށެވެ. އޭނާއަށް ފެންތަށްޓެއް ހޭޒަލް އަޅައިދިނެވެ. ކައުންޓަރު ކައިރީ ހުރި އުސްގޮނޑިތަކުގައި ދެމީހުން އިށީނެވެ.
"އަހަންނާއެކު ބޭރަށް ގޮސްދާނަންތަ؟" ދާރިއަން ވާހަކަދެއްކީ ހޭޒަލްގެ މޫނަށް ބަލަން އިނދެއެވެ.
"ކޮންތާކަށް؟" ހޭޒަލްއަށް ވަގުތުން އަހާލެވުނެވެ.
"ޑިނާއަކަށް... މުހިންމު ވާހަކައެއް ވެސް ދައްކާލަން" ދާރިއަން ބުންޏެވެ.
"ކޮންއިރަކު" ހޭޒަން ދެން ވެސް ކުރީ ސުވާލެވެ.
"މިރޭ... އިޝާގެ ފަހުން... ޒެލް އަހަންނާއެކު ދާނަންތަ؟" ދާރިއަން އަހާލިއެވެ.
"ޑިނާ... އޯކޭ... އެކަމަކު އެހާ ލަސްކޮށްގެން ނުވާނެ، ވަރަށް އަވަހަށް ގެއަށް އަންނަން އަހަރެން ބޭނުން، މަންމަމެން ގާތު ބުނެފަ ދެވޭނީ" ހޭޒަލް ބުނެލިއެވެ.
"ތޭންކްސް... އެންމެން ކައިރީ ބުނެފަ ވިޔަސް އަހަންނާއެކު ދަންޏާ އެންމެ ރަނގަޅު" ދާރިއަންގެ މޫނުން އުފާވެރިކަން ފާޅުވިއެވެ.
ހޭޒަލްއާއެކު އެނބުރި ސިޓިންރޫމަށް ދާރިއަން އައިއިރު އޭނާގެ ފަރާތުން ތަފާތުކަމެއް ރިޒްވާނަށް ފާހަގަވިއެވެ. ތުންފަތުގައިވި ހިނިތުންވުން ގުޅިފައިވަނީ ކޮންކަމަކާބާއޭ ރިޒްވާނުގެ ހިތަށް އެރިއެވެ. އޭނާއަށް ލިއަމް ދެއްކި ވާހަކައާ މެދު ވިސްނާލެވުނެވެ. ދާރިއަންއާއި ހޭޒަލްގެ ޖޯޑު ސިފަކޮށްލިއެވެ. ހޭޒަލްއާއި ދާރިއަން އެކަކުއަނެކަކަށް ޝައުގުވެރިވޭބާއޭ ވެސް ރިޒްވާނު ހިތަށް އެރިއެވެ.
* * * * *
އަށެއް ޖަހަންވާއިރަށް ދާރިއަން ގުޅައިފިއެވެ. ހޭޒަލް ހުރީ ތައްޔާރުވެގެންނެވެ. އަތްދަބަސް ހިފައިގެން ކޮޓަރިން ނިކުތްއިރު ސޯފާގައި ރިޒްވާނާއި ސާއިރާ އިންތަން ހޭޒަލްއަށް ފެނިއްޖެއެވެ.
"ދާރިއަން އެބަހުރި ތިރީގަ" ހޭޒަލް ބުނެލިއެވެ.
"ބަލައިގެން އުޅޭތީ އިނގޭ" ސާއިރާ ބުނެލިއެވެ. ރިޒްވާނު ވެސް ބޯޖަހާލީއެވެ. ހީވީ ހޭޒަލްއަށް ހުއްދަދީފީމޭ ބުނެލީ ހެންނެވެ.
"ލަސްނުވެ އަންނާނަން" ދޮރުން ނުކުތުމުގެ ކުރީން ހޭޒަލް ބުންޏެވެ.
އެޕާޓްމެންޓުން ހޭޒަލް ނުކުންނަން ދެން ރިޒްވާނާއި ސާއިރާ ތިބީ ހިމޭނުންނެވެ. ދަރިފުޅު ނިކުތުމުން ސާއިރާގެ ނަޒަރު ވަގުތުން ރިޒްވާނަށް ހުއްޓިއްޖެއެވެ.
"ދާރިއަންއާ ރިޒްވާންގެ ޚިޔާލަކީ ކޮބާ؟" ސާއިރާ އެއްސެވެ. އެއާއެކު ރިޒްވާނު ލުއި ގޮތަކަށް ހީނލީއެވެ.
"ތި ސުވާލު ކުރަންވީ އަހަރެމެންގެ ހޭޒަލްއާ" ހިނިތުންވެލައިގެން އިނދެ ރިޒްވާނު ބުންޏެވެ.
* * * * *
ދާރިއަންއާއެކު ކާރުގެ ކުރީ ސީޓުގައި ހޭޒަލް އިނެވެ. އޭނާއަށް ތަފާތު އިޙްސާސެއް ކުރެވުނެވެ. ދާރިއަންގެ ކާރަށް އޭނާ އެރި މީ ދެވަނަ ފަހަރެވެ. ފުރަތަމަ އެރީ އަމިއްލަ ނަފްސުގެ މައްޗަށް ބާރެއްނެތިއެވެ. އެކަމަކު މިހާރު އަރާ އޭނީ އަމިއްލާ ބާރުގައި އެކަމާ ރުހިގެންނެވެ.
"ކޮންތާކަށް މިދަނީ" ދާރިއަންގެ މިސްރާބު ހުރީ ކޮންތާކަށްކަމެއް ނޭނގި ހޭޒަލް އަހާލިއެވެ.
"ނުބުނާނަން..." ދާރިއަންގެ ހުނުމުގެ އަޑު ކާރުގައި ގުގުމާލިއެވެ. އެއަޑުގައި ލާނެތްކަމެއްވިއެވެ.
(ނުނިމޭ)