ހަބަރު

ކަނޑުފަޅުގެ ދިރާސާ ހަރަކާތެއް ރާއްޖެ - ސީޝެލްސް ފަށަނީ

Feb 9, 2020

"ފާސްޓް ޑިސެންޓް މިޑްނައިޓް ޒޯން" ގެ ނަމުގައި އިންޑިއާ ކަނޑުގެ ސަރަހައްދު ބަލައި ހިމާޔަތްކުރުމަށް ކަނޑުފަޅު ދިރާސާކުރުމުގެ ބޮޑު ހަރަކާތެއް ރާއްޖެއާއި ސީޝެލްސް ގުޅިގެން ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއީ ދިވެހިރާއްޖެއާއި ސީޝެލްސްގެ ކަނޑުގެ ސަރަހައްދުގެ 629,000 އަކަ ކިލޯމީޓަރު ހިމާޔަތްކޮށް އެކަނޑުތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަގްސަދުގައި ފެށުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ހަރަކާތުގައި ބައިނަލްއަގްވާމީ ފެންވަރުގެ 50 ސައިންސްވެރިންނާއި، ކަމުގެ މާހިރުން މައުލޫމާތު ހޯދުމާއި އެއްކުރުމުގައާއި ހިމާޔަތް ކުރާ ސަރަހައްދު ކަނޑައެޅުމުގައި ހަރަކާތްތެރިވާނެއެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16 މާރިޗު 2020 ވަނަ ދުވަހު ސީޝެލްސްގައެވެ.

މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "މިޑްނައިޓް ޒޯން" ސަރަހައްދުގެ ކަނޑު އަޑީގައި އުފެދިފައިވާ "ސީމައުންޓްސް" ނުވަތަ ކަނޑުއަޑީގެ ފަރުބަދަތަކަށް އަމާޒުކޮށްގެންނެވެ. -މިޑްނައިޓް ޒޯނަކީ ކަނޑުގެ 1000 މީޓަރާއި 4000 މީޓަރާއި ދެމެދުގެ ފުންމިން ހުންނަ ސަރަހައްދު ތަކެވެ. - ކަނޑުގެ ދިރުންތަކުގެ އާބާދީ (ބަޔޯޑައިވާސިޓީ) ކަނޑުގެ ސަތަހައިގެ މަތީ ފަށަލަ ތަކުގައި އުޅުނު ނަމަވެސް، އެދިރުންތަކުގެ ބާވަތްތައް (ޑައިވާސިޓީ) އެންމެ ގިނައިން އުޅޭކަމަށް ފާހަގަކުރެވިފައިވަނީ "މިޑްނައިޓް ޒޯން" ގައެވެ. މި ހަރަކާތުގައި ފުރަތަމަ ދިރާސާ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުއަޑީގެ ފަރުބަދަތަކުންނެވެ. "އަންޑާސީ ގަލަޕަގޮސް" އޭ ވެސް ކިޔާ މި ކަނޑުއަޑީގެ ފަރުބަދަތަކަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ފަދަ ދިރުންތަކުން ފުރިގެންވާ ތަނެކެވެ.

ރާއްޖެއާއި ސީޝެލްސް ސަރުކާރު ގުޅިގެން ހިންގާ މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާނީ ނެކްޓަންއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސްވެރިންނެވެ. މީގެ އިތުރުން، މި ސައިންސްވެރިންނާއިއެކު ރާއްޖެއާއި ސީޝެލްސްގެ ސައިންސްވެރިން މި މިޝަންގައި ހަރަކާތްތެރިވާނެއެވެ.

މި ދިރާސީ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ކަނޑުގެތަކުގެ އެންމެ ފުނަށް ފީނުމަށް ބޭނުންކުރެވޭ އެންމެ ފެންވަރު ރަނގަޅު ސަބްމެރިން އާއި، ދިރާސާކުރުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ.

ރާއްޖެއިން މި ހަރަކާތުގައި ބައިވެރިވުމަށް ނިންމާފައިވަނީ މޯލްޑިވްސް ބްލޫ ޕްރޮސްޕެރިޓީއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.