ހަބަރު

ރަށްރަށުގައި "ހަފުތާ ރެސް" ބާއްވަނީ

ކޮންމެ ހަފުތާ ބަންދަކު ކުރިއަށް ގެންދާ "ހަފުތާ ރެސް" ގެ ހަރަކާތްތައް ރަށްރަށުގައި ބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާ ބަންދުގައި ރ. އަލިފުށީގައި ކުރިއަށް ގެންދިޔަ ހަފުތާ ރަސްގެ ހަރަކާތްތަކާ ގުޅޭ ގޮތުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، އެ ރަށުގައި ކުޑަކުދިންގެ ހަވީރަކާއި މުނިފޫހިފިލުވުމުގެ ސްޓޭޖް ޝޯއެއް ބާއްވާފައިވާ ކަމަށެވެ. އޭގެ އިތުރަށް، ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ތަމްރީން ހަރަކާތްތަކަކާއި މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފައިވާ ކަމަށެވެ.

"މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަފްތާ ރެސް ޕްރޮގްރާމް ބާއްވާނެ،" މަހުލޫފު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި، ހުޅުމާލޭގައި ވަނީ "ހަފްތާ ރެސް" ގެ ނަމުގައި ބޮޑު ހަރަކާތެއް ބާއްވަފަ އެވެ. ޒުވާނުންގެ ހުނަރު ދައްކާލުމުގެ ގޮތުން އެ ޕްރޮގްރާމްގައި 69 ސްޓޯލެއް ބޭއްވި އެވެ.

ހުޅުމާލޭގައި އޭރު ބޭއްވި އެ ހަރަކާތަަށް ފަހު ސަރުކާރުން ނިންމާފައި ވަނީ، ކޮންމެ ހަފުތާ ބަންދެއްގައި ރާއްޖޭގެ އެކިއެކި ރަށްރަށުގައި ބާއްވާ ގޮތަށް މި ޕްރޮގްރާމް ބާއްވައި ކުރިއަށް ގެންދާށެވެ. އެހެން ނަމަވެސް އެ ޕްރޮގްރާމަށް މާ ބޮޑު މަޝްހޫރު ކަމެއް ލިބިފައެއް ނުވެއެވެ.