ހަބަރު

ޔާމީން ވަރެއްނެތް، މިއީ ފިނޑި ސަރުކާރެއް: މުސްތަފާ

ރައީސް އަބްދުﷲ ޔާމީން ސަރުކާރު ހިންގެވީ އެނގިގެން ކަމަށާ އެއާހިލާފަށް މިހާރު މި އޮތީ ފިނޑި ކަމަށް އަރާ އޮތް ސަރުކާރެއް ކަމަށް ވިދާޅުވެ މި ސަރުކާރަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން މުސްތަފާ ވިދާޅުވީ ރަައީސް ޔާމީން މިގައުމުގައި ވެރިކަން ކުރެއްވީ ސަރުކާރެއް ހިންގަން އެނގިވަޑައިގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރަކީ ބާރުގަދަ ސަރުކާރެއްކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށެވެ.

އޭގެ ފަހުން މުސްތަފާ ވަނީ ރައީސް ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މުސްތަފާ ވިދާޅުވީ ކަމެއް ނުކޮށް، ބީރުކަންފަތެއް ދީގެން ހުރިހާ މައްސަލައަކަށް ބޮޑުވަރިހަމަ ވެގެން ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

"އަހަރެމެން ދުށިން ރައީސް ޔާމީން އެކްސްކަވޭޓަރު ހިފައިގެން ކޮންނަން ހުރި މަންޒަރު. 'ޅޮސް އުނދޯލި ޒައީމް' އަކަށް ވެގެން ސަރުކާރެއް ނުހިންގޭނެ. ކަމެއް ނުކޮށް، ބީރު ކަންފަތެއް ގައުމުގެ ހުރިހާ މައްސަލައަކަށް ދީގެން ބޮޑުވަރިހަމަ ހަމަވެފައި އިނަސް، އަދި ވެރިކަމެއް ނުކުރެވޭނެ. ފިނޑި ކަމުން އަރާހުރި ސަރުކާރެއް." ސަރުކާރަށް ފާޑުވިދާޅުވަމުން މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާއަކީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅާ ގުޅުނު މަޝްހޫރު 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ. އަދި 18 ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅު މުސްތަފާ ވަނީ ރައީސް ޔާމީންގެ ޕީޕީއެމާއި ގުޅިވަޑައިގެންފަ އެވެ. ނަމަވެސް ފަހުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ރައީސް ޔާމީނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތެވެ.