ކެޓްރީނާ ކައިފް

ކެޓުރީނާއަށް ސުޕަހީރޯ އެކްޝަން ފިލްމެއް

ބްލޮކްބަސްޓާއަށް ވެފައިވާ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު"ޗގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް އަލަށް މަސައްކަތް ފަށާ ސުޕަހީރޯ ފްރެންޗައިސްއެއްގައި ކެޓުރީނާ ކައިފް ބައިވެރި ކޮށްފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

"ޓައިގާ ޒިންދާ ހޭ" ގައި އެކުގައި މަސައްކަތް ކުރި ފަހުން ކެޓުރީނާ އަކީ އަލީއަށް އެންމެ މަގްބޫލު ބަތަލާއަށް ވަނީ ވެފަ އެވެ. އެހެންވެ އޭނާ އަލަށް ފަށާ ފިލްމުން ކެޓުރީނާ އަށް އިސްކަން ދޭން އަލީ ވަނީ ގަސްދުކޮށްފަ އެވެ.

މިހާރު ސްކްރިޕްޓް ލިޔުމުގެ މަރުހަލާގައި އޮތް މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ޕްރޮޑިއުސްކުރަން ހަމަޖެހިފައިވަނީ ރޮނީ ސްކްރޫވާލާ އެވެ. މިހާތަނަށް ހިންދީ ފިލްމަކުން ފެނިފައި ނުވާ ވަރުގެ މޮޅު އެކްޝަން މަންޒަރުތައް މި ފިލްމުން ފެންނާނެ ކަމަށް ވެއެވެ.

ކެޓުރީނާ މިވަގުތު ބިޒީކޮށް އުޅެނީ އަކްޝޭ ކުމާރާއެކު ކުޅޭ، މާޗް 27 ގައި ރިލީޒްކުރާ "ސޫރިޔަވަންޝީ" ގެ މަސައްކަތުގަ އެވެ. މިއީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމެކެވެ.

މި ފިލްމުގެ ސެޓުގައި ކެޓުރީނާ ކުނިކަހަނިކޮށް އަކްޝޭ ނެގި ފޮޓޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. އަދި އަކްޝޭ މި މަންޒަރު ފޮޓޯ ނަގާތީ މަޖަލަކަށް ހަދާފައި އަކްޝޭ ގައިގައި ކެޓުރީނާ ފިހިގަނޑުން ޖަހާ މަންޒަރު ވެސް މި ވީޑިއޯ އިން ފެނެ އެވެ.