ހަބަރު

މަޖިލީހުގައި މައިނޯރިޓީ ޕާޓީއަށް ޕީޕީއެމް، ލީޑަރަކީ ސަލީމް

ޕީޕީއެމްއަކީ ރައްޔިތުން މަޖިލީހުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށާއި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށް މަޖިލީހުން ކަނޑައަޅައިފި އެވެ.

މަޖިލީހުގައި މީގެ ކުރިން ސިޔާސީ ޕާޓީތަކުގެ މެންބަރުން އެކުލެވިގެން ވަނީ އެމްޑީޕީގައި 65 މެންބަރުން، ޕީޕީއެމް އަދި ޖޭޕީގައި ފަސް މެންބަރުން، ޕީއެންސީގައި ތިން މެންބަރުން، އެމްޑީއޭގައި ދެ މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ވެވަޑައި ނުގަންނަވާ ހަ މެންބަރުންނެވެ.

އެހެން ނަމަވެސް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި މަަޖިލީހަށް އިންތިހާބު ވެވަޑައިގަތް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރެއްވި އެވެ. އެއާއެކު ޕީޕީއެމް މެންބަރުންގެ އަދަދު ހައަކަށް ވަނީ އިތުރުވެފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މައިނޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ މެންބަރުން ކޮންޓޯލް ކުރާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ހިމެނޭ ޕާޓީގެ ޕީޖީ ލީޑަރެވެ. އެގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޮޕޮޒިޝަން ލީޑަރަކީ ސަލީމް ކަމަށް ވެސް ރިޔާސަތުން އިއުލާން ކުރި އެވެ.

ރައީސް ނަޝީދު އިތުރަށް ވަނީ މައިނޯރިޓީ ލީޑަރު ހުށަހަޅަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ވީހާ ވެސް އަވަހަށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.