އާންމު ފަރުދުންގެ ގޭގޭގައި ސޯލާ ޕެނެލް ހަރުކުރުމުގެ ފުރުސަތު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހުޅުވާލަން ނިންމައިފި އެވެ.
"ސްޓެލްކޯ ގްރީންލައިފް އިނިޝިއޭޓިވް"ގެ ދަށުން މުވައްޒަފުންނަށް ފަސޭހަ ކަމާއެކު، ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ މިއީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އެ ކުންފުނީގެ މިސްރާބު އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއްް ކަމަށެވެ.
މުގުނީ ވިދާޅުވީ ސޯލާ ޕެނެލް ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެކުންފުނީގެ މުވައްޒަފުންނަށް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަސްތެރޭގައި އާންމުންނަށްވެސް ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އަދި އަތޮޅުތަކަށްވެސް މި ހިދުމަތް ވަރަށް އަވަހަށް ފުޅާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މާލެއާއި އެއް އަގެއްގައި އަތޮޅުތަކަށްވެސް މި ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންނަށް ސޯލާ ޕެނަލް ވިއްކާ އަގުގައި އާންމުންނަށްވެސް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ ހަގީގަތުގަ ކަރަންޓް ބިލް ކުޑަކުރުމަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅު. އަޅުގަނޑުމެން މި ފުރުސަތު ފުރަތަމަ މި ހުޅުވާލީ މި ކުންފުނީގެ މުވައްޒަފުންނަށް. ސަބަބަކީ ރައްޔިތުންނަށް ހިދުމަތްދޭން މިތިބީ އަޅުގަނުމެންގެ މުވައްޒަފުން. އެހެންވީމަ އެކަމުގެ ހުރި ފައިދާ މުވައްޒަފުންނަށްވެސް އެނގެންޖެހޭނެ. ދެން ޕެނެލް ހަރުކުރަން ބޭނުންވާ ކަސްޓަމަރެއް އައިސް އަޅުގަނޑުމެންނަށް ރިކުއެސްޓް ކޮށްލީމަ އަޅުގަނޑުމެން ނަގަންޖެހޭ ހުއްދަތައް ނަގައި އެ ހަރުކުރަން ބޭނުންވާ ތަނެއްގެ އެސެސްމެންޓް ހަދާ ހުރިހާ ކަމެއް ކުރާނަން." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޭގެ ވެރިފަރާތުގެ ހުއްދައެއް ލިޔުމުން އޮންނަންޖެހޭނެ ކަމަށެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ހުއްދަ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެނާޖީ އޮތޯރިޓީ އާއި އަދިވެސް ކަމާގުޅުންހުރި އިދަރާތަކުން ނަގައިދޭނީ ސްޓެލްކޯ އިން ކަމަށެވެ.
މުގުނީ އިތުރަށް ވިދާޅުވީ މުޅި ސޯލާ ޕެނެލްގެ އަގަކީ 30،000 ރުފިޔާ ކަމަށާއި އިންސްޓޯލްމަންޓް ސްކީމަކަށް ކުޑަ އަގެއްގައި ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އެގޮތަށް އެޕެނަލްތައް ހަރު ކުރުމުގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.