ގައުމީ ފުޓްބޯޅް ޓީމް

އީސަ އާއި އުމޭރުވެސް އަލުން ގައުމީ ޓީމަށް

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ ގައުމީ ސްކޮޑަށް ނަގައިފި އެވެ.

ތިން އަހަރު ވަންދެން އީސަ ގައުމީ ޓީމުން ބާކީވީ، ގައުމީ ޓީމުގެ އޭރުގެ ކޯޗް ޑަރެން ސްޓްވާޓްއާ މައްސަލަ ޖެހި ޓީމުގެ ޕްރެކްޓިސް ދޫކޮށްލުމުންނެވެ. އީސަ ގައުމީ ޓީމު ދޫކޮށްލި ސަބަބާބެހޭގޮތުން މިިހާތަނަށް އޭނާ ވާހަކަ ދައްކާފަ އެއް ނުވެ އެވެ. އަދި އެކަމާ ބެހޭގޮތުން އޭރު ސްޓްވާޓްއާ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެކަމާ ބެހޭގޮތުން އީސައާ ސުވާލު ކުރަން އެދޭ ކަމަށެވެ.

އީސަ ވަނީ އޭނާއަށް ހެދުނު ގޯހަށް މާފަށް އެދޭ ކަން ހާމަކޮށް ރޭ އޭނާގެ ފޭސްބުކްގައި ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. އޭނާ ބުނީ އޭނާއަށް ހެދުނު ގޯހުން ފިޅާވަޅު ލިބިއްޖެ ކަމަށާއި ގައުމީ ޓީމުން ފުރުސަތު ލިބޭނަމަ އެ ފުރުސަތުގެ ބޭނުން ހިފަން ކެތް މަދުވެފައި ހުރި ކަމަށެވެ. މި ސީޒަންގައި އީސަ ދަނީ ޓީސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އީސަގެ އިތުރުން ގައުމީ ޓީމުން ބާކީ ވެފައި ހުރި މުހައްމަދު އުމޭރުވެސް ވަނީ އަލުން ގައުމީ ސްކޮޑުގައި ހިމަނާފަ އެވެ. އަންނަ މަހު ޗައިނާ އާއި ސީރިއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ނެގި ސްކޮޑުގައި އީސަ އާއި އުމޭރުގެ ނަމެއް ހިމަނާފައެއް ނުވެ އެވެ. މީގެ ކުރިން އުމޭރުއަށް ގައުމީ ސްކޮޑުން ފުރުސަތު ލިބުނީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ނެގި ސްކޮޑުންނެވެ. ނަމަވެސް ފައިނަލު ސްކޮޑުން އޭނާ ބަކީ ކުރީ އެވެ.

މިހާރު އެފްއޭޢެމުން އާންމު ކުރި ސްކޮޑުގައި ގައުމީ ޓީމުން މުޅިން އަލަށް ދެ ކުޅުންތެރިންނަށް ވަނީ ޖާގަ ދީފަ އެވެ.

އެއީ ޓީސީގައ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޝާން އިބްރާހިމް (ސައްޓު) އާއި އެ ޓީމުގެ ދެ ވަނަ ކީޕަރު އާދަމް އިމްއާން (އިންމި) އެވެ. ފުރަތަމަ ނެގި ސްކޮޑުގައި ސައްޓުވެސް ހިމެނިފައެއް ނުވެ އެވެ. ދިވެހި ލީގުން 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ކުޅެން ފެށި ސައްޓު އޭރުވެސް ބުނެފައި ވަނީ ގައުމީ ޓީމު ތަމްސީލު ކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވެފެނެއް ކަމަށެވެ.

ގައުމީ ޓީމުން އަލުން ފުރުސަތު ލިބުނު އެންމެ ފާހަގަ ކުރެވޭ އަނެއް ކުޅުންތެރިޔަކީ އީގަލްސްގެ މިޑްފީލްޑާ އިމްރާން ނަޝީދެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް ނިއުޒިލޭންޑްގެ ރިކީ ހާބަޓް ކޯޗަކަށް ހުރިއިރު ގައުމީ ޓީމުން އޭނާ ޖާގަ ދިން އިންމަ ވަނީ 2017 ވަނަ އަހަރުގެ ނިޔަލަށް ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ.

ގައުމީ ސްކޮޑް

މާޒިޔާ: ހުސައިން ޝަރީފް -ގކ- ، ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ، އައިސަމް އިބްރާހިމް (ޓޯނީ)، އަސަދުﷲ އަބްދުﷲ، ހަމްޒާ މުހައްމަދު (ހަމްޕް)، ނާއިޒު ހަސަން (ދާދު) މުޖުތާޒް މުހައްމަދު (މުޖޭ)، ހުސައިން ނިހާން

އީގަލްސް: އަހްމަދު ނޫމާން (ހެލްމެޓް) އިމްރާން ނަޝީދު (އިންމަ)، ހަސަން ނަޒީމް (ޗޯޓް)، ހުސައިން ޝިފާއު ޔޫސުފް (ކްރޯ)، އަހްމަދު ރިޒްވާން (ރިޒޭ)، އަލީ ފާސިރު (ސެންޓޭ)

ޓީސީ: އަލީ އަޝްފާގް (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ، އަހްމަދު ރިލްވާން (ބެން)، އާދަމް އިމްއާން (އިންމި) އިޝާން އިބްރާހިމް (ސައްޓު) ، އިސްމާއީލް އީސާ

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، މުހައްމަދު އުމޭރު، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހްމަދު އަޔާޒު(އަޔާ)، އަހްނަފް ރަޝީދު

ފޯކައިދޫ: ހަސަން ތޮލާލް (ޓޮޕްލެކް). ނިލަންދޫ: މުހައްމަދު ޝަފީއު (ޗެކް)