ގާސިމް އިބްރާހިމް

ކުއްލި ހާލަތުގައި ބޭނުންކުރެވޭ ވަރަށް މާމިގިލި އެއާޕޯޓް ހަދަނީ

ރާއްޖޭގެ މައި އެއާޕޯޓް އިމަޖެންސީވެ ފްލައިޓް ނުޖެއްސިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭނެ ފެންވަރަށް މާމިގިލީ އެއާޕޯޓް ތަރައްގީކޮށް އާ ރަންވޭއެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަ ކުރަން ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ބޮޑަށް ވައިގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ގައުމަށްވާއިރު ރާއްޖޭގެ މައި އެއާޕޯޓަށް ފްލައިޓް ނުޖެއްސޭފަދަ ހާލަތެއްގައި ބޭނުން ކުރެވޭނެ އެއާޕޯޓެއް އޮންނަންޖެހޭ ކަމަށެވެ.

އެގޮތުން އެފަދަ އެއާޕޯޓެއްގެ ގޮތުގައި މާމިގިލީގައި ވިލާ އެއާއިން ތަރައްގީ ކޮށްފައިވާ އެއާޕޯޓް ހަދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ މާމިގިލީ އެއާޕޯޓަކީ އެގޮތަށް ތައްޔާރުކުރާ އެެންމެ ރައްކާތެރި އެއާޕޯޓަށް ވެގެންދާނެ ކަމަށާއި އެއީ އިގްތިސާދީ ނަޒަރުން ބަލާ ނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އިންސާނިއްޔަތަށްޓަކައި ވެސް ކުރެވޭ ވަރަށް މުހިންމު މަސައްކަތަށް އެކަންވާނެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މާމިގިލީގައި އެފަދަ ރަންވޭއެއް ހެދުމުގެ ހުއްދަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްވި ކަމަށާ ނަމަވެސް އެކަން އޭރު ނުވީ ސަރުކާރުން ފަހުން އެކުންފުންޏަށް ވަރަށް ބޮޑަށް ދަތިކުރަން ފެށުމުންނެވެ.