ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ގައުމީ ޓީމު، އާސެނަލްގެ ޔޫތު ޓީމާ ދެކޮޅަށް

ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ޓީމު އާސެނަލްގެ ޔޫތު ޓީމާ ވާދަ ކުރަން ޖެހިއްޖެ އެވެ.

ދުބާއީގައި ބާއްވާ މުބާރާތުގައި ވާދަ ކުރުމަށް ޒުވާން ޓީމު މިއަދު ވަނީ ދުބާއީ އަށް ފުރާފަ އެވެ. މާލެއިން ފުރުމުގެ ކުރިން މިއަދު ހެނދުނު އަވަސް އާ ވާހަކަ ދައްކަމުން 12 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނީ، އާސެނަލް އާ ވާދަ ކުރަން ޖެހުމަކީ ރާއްޖޭގެ ފުޓްބޯޅައަށާއި އޭނާގެ ޓީމަށްވެސް ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

"އަހަންނަކަށް ހީއެއް ނުވޭ ރާއްޖޭގެ އެއްވެސް ޓީމަކަށް މިވަރުގެ ފުރުސަތެއް ލިބޭނެހެނެއް، މިއޮތީ އާސެނަލްގެ 12 އަހަރުން ދަށުގެ ޓީމު، މިއީ މި ޓީމަށް އެކަނި ލިބޭ ފުރުސަތެއް ނޫން، މިއީ މުޅި ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ރަނގަޅު އެކްސްޕޯޝާއެއް،" ކުރީގެ އެއް ވަނަ ފޯވަޑް ކުޑަ ހީނާ ބުންޏެވެ. "އަހަރެން ކުޅުންތެރިން ގާތުވެސް ބުނެފަ ވާނީ އެ ކުޅުންތެރިން މެޗުގައި އެންޖޯއި ކޮށްލަން."

އޭނާ ބުނީ، އެފްސީ ބާސެލޯނާގެ ލަމާސިއާ އާއި އެސްކޯލާގެ ޔޫތު ޓީމުތަކާ ދެކޮޅަށް ކުޅެފައިވާ ވަކި ވަކި ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށާއި ނަމަވެސް ޓީމެއްގެ ގޮތުގައި ހުރިހާ ކުދިން އާސެނަލް ފަދަ ޓީމަކާ ކުޅެން ޖެހުމަކީ ކުޅުންތެރިންނަށްވެސް ލިބޭނެ ރަނގަޅު އެކްސްޕޮޝާއެއް ކަމަށެވެ.

އެ ޓީމު އެކުލަވާލައިފައި ވަނީ އެކި އެކެޑެމީތަކުގެ ކުޅުންތެރިންގެ މައްޗަށެވެ. އެކި އެކެޑެމީ ތަކުން ކުޅުންތެރިން އަންނަ އިރު ކޮންމެ އެކެޑެމީއެއްގައި ޓްރޭން ކުރާނީ ވަކި މެތޮޑްއަކަށެވެ. ކުޑަ ހީނަ ބުނީ އޭނާ ޓީމު ތައްޔާރު ކޮށްފައި ވާނީ އެކަންކަމަށް ވިސްނަގައިގެން ކަމަށެވެ.

"މި ޓީމު އެކުލަވާލައިގެން މަސައްކަތް ފެށިއިރު މި ޓީމަށް އައިސް ތިބީ އެކި އެކެޑެމީތަކުން އިންޑަވިޖުއަލީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް، އެއިން ކޮންމެ ކުއްޖަކު އެކެޑެމީތަކުގައި މަސައްކަތް ކުރާނީ ތަފާތު ގޮތަކަށް،" ހީނާ ތަފްސީލް ކޮށްދިނެވެ. "އަހަރެން މަސައްކަތް ކުރީ ޓީމެއްގެ ސިފަތައް ގެނެސް ދިނުމަށް، މިހާރު އަހަރެން ނުބުނާނަން މިވެނި ކުޅުންތެރިިޔަކު ވަރަށް ތަފާތު ވާނެއެކޭ، އެކަމަކު މިހާރު މި ޓީމުގައި ހިމެނޭ ހަމަ ކުޅުންތެރިޔަކީވެސް އެއްވަރެއްގައި ތަފާތު ދައްކާ ކުޅުންތެރިން، އެއީ ޓީމެއްގެ ސިފަ އައީމަ އަންނާނެ ބަދަލު."

އޭނާ ބުނީ، އެއް ޓީމެއްގެ ގޮތުގައި ބާއްވައިގެން ސީނިއާ ގައުމީ ޓީމާ ހަމައަށް މި ޓީމު ގެންދަން އެފްއޭއެމްގައިވެސް އޭނާ އެދިފައި ވާނެ ކަމަށެވެ.

ސްކޫލްތަކުގެ ފުރަތަމަ ސެމިސްޓާގެ ޗުއްޓިއަށް ފަހު ވިއެޓްނާމްގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ހީނާ ބުންޏެވެ.

ދުބާއީގެ މުބާރާތް ކުރިއަށް ދާނީ އެއިޓްސަިއޑް ފޯމެޓަށެވެ. ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ސެލްޓަ ވީގޯގެ އިތުރުން ޖަރުމަންގެ ބަޔާން މިޔުނިކް، އިޓަލީގެ އިންޓަ މިލާންގެ އިތުރުން ޕޯޗްގަލްގެ ޕޯޓޯގެ ޔޫތު ޓީމުވެސް މި މުބާރާތުގައި ވާދަ ކުރެ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އީ ގައި އާސެނަލްގެ އިތުރުން ދެ ން ހިމެނެނީ ސައުދީ އަރަިއްޔާގެ އަލް ފަތަހް ސްޕޯޓްްސް ކުލަބު އޮމާންގެ މަސްކަޓް އެކެޑެމީ އަދި މުބާރާތް ބާއްވާ ގައުމު ދުބާއީގެ ޝަބާބް އަލް އަހްލީގެ ޔޫތު ޓީމެވެ.

ރާއްޖޭގެ 12 އަހަރުން ދަށުގެ ޓީމަށް، މި މުބާރާތުން ފުރުސަތު ހޯދައިދިނީ މިދިޔަ އަހަރު ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ފުޓްބޯލް ފިއެސްޓާގެ ހާއްސަ މެހެމާން ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އެވެ.