ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(9 ފެބްރުއަރީ 2020 އާ ގުޅޭ)

"ކޮންތާކަށް މިދަނީ" ދާރިއަންގެ މިސްރާބު ހުރީ ކޮންތާކަށްކަމެއް ނޭނގި ހޭޒަލް އަހާލިއެވެ.

"ނުބުނާނަން..." ދާރިއަންގެ ހުނުމުގެ އަޑު ކާރުގައި ގުގުމާލިއެވެ. އެއަޑުގައި ލާނެތްކަމެއްވިއެވެ.

"ދެން ބުނެބަލަ" ހޭޒަލް އާދޭސްކޮށްލިއެވެ.

"އަހަންނަށް އިތުބާރެއް ނުކުރެވޭތަ؟" ދާރިއަން ހިނިތުންވެ އިނދެ އަހާލިއެވެ.

"އިތުބާރު... އަހަންނަށް ދާރިއަންއަށް އިތުބާރުކުރެވޭތަ؟... ކުރެވޭހެން ހީވަނީ، އިތުބާރުނުކުރެވޭނަމަ އަހަރެން ދާރިއަންއާއެކު މިކާރުގައި މިވަގުތު ނީންނާނެ..." ދާރިއަން ކުރި ސުވާލާމެދު ހޭޒަލްއަށް ވިސްނާލެވުނެވެ. އޭނާ ހިމޭންވެއްޖެކަން އެނގި މަގުމައްޗަށް ސަމާލުވެ އިން ދާރިއަންގެ ނަޒަރު ހޭޒަލްއަށް ހުއްޓުނެވެ.

"ހޭއި!... ކިހިނެއްވީ؟ ގޯސް އެއްޗެއްތަ އަހާލެވުނީ" ދާރިއަން އަހާލިއެވެ.

"ކޮންތާކަށްތަ މިދަނީ؟" ހޭޒަލް ވާހަކަ ބަދަލުކޮށްލިއެވެ.

"އަދި ކުޑަކުޑަ ވަގުތުކޮޅަކަށް ކެތްކޮށްލާ، ހުޅުމާލެއަށް މިދަނީ... އަހަރެންގެ ބައްޕަގެ ރައްޓެއްސެއް ހުޅުވަން ތައްޔާރުވެފައި ހުރި ރެސްޓޯރެންޓަކަށް، އެތަން ފަރުމާކުރީ އަހަރެމެންގެ ކުންފުނިން، ރަސްމީކޮށް ހުޅުވަނީ މާދަމާ ރޭ، އެންމެ ފުރަތަމަ ކަސްޓަމަރަށް ވާން ފުރުޞަތު ލިބުނީ އަހަންނަށް... މާދަމާ ރޭ މާ މީހުން ގިނަވާނެ، އެކަހަލަ މާޙައުލަކަށް ހޭޒަލް ގޮވައިގެން ދާކަށް އަހަރެން ބޭނުމެއްނޫން، ސޯ... ވާހަކަދައްކާލައިގެން މިރެއަށް ހަމަޖެއްސީ... މީ އަހަންނާއެކު ޑިނާއެއްގައި ޒެލް ބައިވެރިވާ ފުރަތަމަ ފަހަރު، ވަރަށް އުފަލުން މިހުރީ" ކުރިމަތިން ފެންނަން އޮތް މަގަށް ބަލަމުން ދާރިއަން ވާހަކަދެއްކި ނަމަވެސް އޭނާގެ އެންމެ ފަހު ޖުމްލައާއެކު ހޭޒަލްއަށް ބަލާލީ ތަފާތު އަސަރަކާއެކުއެވެ. ބޯއަރިކޮށް ހޭޒަލްއަށް ހަދިޔާކުރި ލުއި ހިނިތުންވުމުގައި ޖާދޫއެއްވިއެވެ. ރަކި ހިނިތުންވުމަކާއެކު ހޭޒަލް ނަޒަރުވަކިކޮށްލީއެވެ.

ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ހޭޒަލް ބަލާލިއެވެ. ޓްރެފިކް ލައިޓަށް ކާރުގެ ދުވެލި ހުއްޓުމަކަށް ދާރިއަން ގެނައީއެވެ. އެމީހުންގެ ކުރިމައްޗަށް އޮތީ މާލެއާއި ހުޅުމާލެ ގުޅުވާލެވިފައި އޮތް ބުރިޖެވެ. ހޭޒަލްގެ ޚިޔާލުތަކުގައި މާޒީގެ ކުލަތައް ސިފަވާންފެށިއެވެ. ހަނދާނަކީ އެކަހަލަ އެއްޗެކެވެ. އަމިއްލަ ބާރެއް ލިބިފައިވާ އެއްޗެކެވެ. ހޭޒަލް ނޭދުނަސް އެ ހަނދާންތައް އާވަމުންދިޔައެވެ. މަގުމައްޗަށް ނުބަލަން ހޭޒަލް އިސްޖަހާލިއެވެ. ސިކުނޑީގައި ތިލަވަމުން އައި މަންޒަރުތަކަށް ހުއްޓުމެއް އަންނާނޭކަމަށް ހޭޒަލް ހީކުރިއެވެ. ނަމަވެސް އެކަމަށް އޭނާގެ އެއްވެސް ބާރެއް ނުފޯރިއެވެ. ކުއްލިއަކަށް އަނދިރިކަމުގެ ތެރެއަށް ނަފްސު ދަމާފައި ގެންދާ ފަދަ އިޙްސާސެއް ހޭޒަލްއަށް ކުރެވުނެވެ. އޭނާގެ ހަޔާތުގައި ދުށް އެންމެ ބިރުވެރި ދުވަސް ފެންނަމުންދިޔައެވެ. ދިގު ފިނި ނޭވާއެއް އޭނާގެ ދެތުންފަތުގެ ދޭތެރެއިން ދެމިގަތެވެ. ހީވީ މަޑު އާހެއްގެ އަޑު ހެންނެވެ. އެ ދުވަހު ނަފްސަށް ލިބުނު ވަރުގެ ވަރުބަލިކަމެއް ދުވަހަކުވެސް ހޭޒަލް ތަހައްމުލުކޮށްފައެއް ނުވެއެވެ. ފިރިމީހާ ހިލޭ އަންހެނެއް ގޮވައިގެން ހަރާމް ކަމެއްގައި އުޅެނިކޮށް ފެނުނު ވަގުތަކީ ފުރާނަ އޭގެ ވެރިފަރާތުން ގެންދަވަން ހޭޒަލް އެދުނު ވަގުތެވެ. އެކަމަކު އަދި އޭނާގެ ވަގުތެއް ނުޖެހެއެވެ. ހުރެވުނީ ފުރިހަމައަށް ތައްޔާރު ވެސް ނުވެކަން އެނގުނީ އެ ހިތްދަތި ދުވަސްތަކުގެ ތެރޭއެވެ.

"ހޭޒަލް..." ދާރިއަންއަށް ކުލަފަނޑުވެފައިވާ ހޭޒަލްގެ މޫނު ފެނުނީ ބަދަލުކޮށްލި އަވަސް ނަޒަރަކުންނެވެ. އޭނާއަށް ހާސްކަމެއް ލިބުނެވެ. ހޭޒަލް ޖަވާބެއް ނުދިނުމުން އޭނާގެ އަތުގައި ދާރިއަން އަތްޖައްސާލިއެވެ. އެވަގުތު ދާރިއަންގެ އަތް ހޭޒަލް ފޮޅުވާލީ ސިހިގެންދިޔަ މީހަކު ހެންނެވެ.

"ރަނގަޅުތަ؟... ކޮންކަމަކަށް ގެއްލިފަ އިނީ" ދާރިއަންއަށް އަހާލެވުނެވެ.

ލުއި ހިނިތުންވުމަކުން ހުރިހާ ހާސްކަމެއް ފަރުދާކޮށްލައި ހޭޒަލް ބޯހޫރާލިއެވެ. ލިއަމްއާ ވަކިވީފަހުން އޭނާ ހުޅުމާލެއަށް އަރާ ފުރަތަމަ ފަހަރޭ މީ ބުނުން މުހިއްމު ކަމަކަށް ހޭޒަލް ނުދެކުނެވެ. ގިނަ ވާހަކަތަކެއް ދާރިއަންއާ ދައްކާކަށް ވެސް އޭނާގެ ނެތެވެ. އަނެއްކޮޅުން އޭނާ ޖެހިލުންވާ ކަންކަމާ ކުރިމަތިލައިގެންނޫނީ އެކަމުން އަރައިގަންނަން އުނދަގޫވާނޭކަން އެނގެއެވެ. އިޝްވާ ވެސް އޭނާއަށް ވިސްނައިދިނީ އެގޮތަށެވެ. ހިތްވަރަކާއެކު ކަންކަމާ ކުރިމަތިލާށެވެ.

ހުޅުމާލޭގެ އުސް އިމާރާތެއްގެ ކައިރީ ދާރިއަން ކާރު މަޑުކޮށްލިއެވެ. މަންޒިލަށް އާދެވިއްޖެކަން ދާރިއަން ބުނެލިއެވެ. އޭނާ ކާރުން ފޭބިއިރު އަނެއްފަރާތުން ހޭޒަލް ވެސް ކާރުން ފޭބީއެވެ. ފުޅާ ދުވާރުމަތީ ދެމީހުން މަޑުކޮށްލިއެވެ. ދާރިއަން ފޯނުކޯލެއް ކުރަންދެންނެވެ.

"ހިނގާ ވަންނަމާ، އަހަރެމެން އައި ވާހަކަ ބުނެލީ މީ... މިގަޑީގަ ޝެޕް އެކަނި އުޅެނީ، އެހެންމީހަކުނެތް" ވަންނަން ޖެހޭ ދޮރު ދާރިއަން ދައްކާލިއެވެ. އަދި އޭނާ ކުރި ފޯނުކޯލުގެ ބޭނުން ބުނެދިނެވެ. ހޭޒަލްއާ ވާހަކަދައްކަމުން ދާރިއަން ކުރިއަށް ހުރެ އެތެރެއަށް ވަނެވެ. އެލެވޭޓާއަށް އަރަމުން ރެސްޓޯރެންޓް ހުންނަނީ އެންމެ މަތީގައިކަން ދާރިއަން ބުންޏެވެ.

އެލެވޭޓާގެ އެތެރޭ ބިތްތައް ހުރީ ސޫރަ ފެންނަ ގޮތަށެވެ. އެހެންވެ ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ދާރިއަން ހުއްޓެއްކަމަކު އޭނާއަށް ހޭޒަލްގެ ސޫރަ އެއްވެސް ހުރައެއްނެތި ފެންނަމުންދިޔައެވެ. މިރޭ ހޭޒަލް ވަކިން ރީއްޗޭ ދާރިއަންގެ ހިތް ބުންޏެވެ. އޭނާ ދާރިއަންގެ ދަޢުވަތު ޤަބޫލުކުރި ނަމަވެސް އޭނާ ނަލަވެގެން އެ ހުރީ ދާރިއަންއަށް ފަރިދެއްކުމުގެ ގަސްދުގައިނޫންކަން އެނގެއެވެ. އެހެންވިޔަސް އެހާ ގާތުން އެ ރީތިކަން ދުށުމުގެ ނަސީބު ލިބުނީތީ އެވަރުން ދާރިއަން ހުރީ ހިތްހަމަޖައްސާލައިގެންނެވެ.

ދާރިއަންގެ ބެލުން ތިރި ނުވީތީ ހޭޒަލް އިސްޖަހާލިއެވެ. އޭނާ ހުރީ ކަޅުކުލައާއި ނޫޑް ކުލަ ގުޅުވާފައި ހުރި ކިމޯނޯ އަބާޔާއެއް ލައިގެންނެވެ. ކިމޯނޯގެ ފުޅާ ދެއަތުގެ ކުރިއަށް ނޫޑްކުލައިގެ ލޭސް ލައްވާފައެވެ. އަދި އޭގެ ދެ ކޮނޑާ ދިމާއިން ބަޔަކާއި މެދުން ބައެއްގައި ހަމައެކަނި ކުރިމައްޗަށް ފެންނާނޭހެން އެކިވަރުގެ މިނާ ހަރުކޮށްފައި ހުއްޓެވެ. އަޅާފައި ހުރި ކަޅު ޝޯލްގެ ކޮޅުގައި ވެސް ހުރީ މިނާ ޖަހާފައެވެ. މަޑުމަޑުން ހެދުން ރީތިކޮށްލުމާއެކު ހޭޒަލް ސިއްރުން ބަލާލިއެވެ. ދާރިއަން އަދިވެސް ހުރީ ބަލާށެވެ. އެ ބެލުން ތަފާތޭ ހޭޒަލްއަށް ހީވަނީއެވެ. ހޭޒަލްއަށް ނަގައިގަންނަން އުނދަގޫ އެތައް ޖަޒުބާތެއް އިޙްސާސް ކުރެވެމުންދިޔައެވެ. އޭނާ ހީކުރީ ދާރިއަންއާއެކު ރޭގަނޑުގެ ވަގުތުގައި ބޭރަށް ނުކުތީމައި ވެގެންއުޅޭ ގޮތެއް ކަމަށެވެ. އަނެއްކޮޅުން އޭނާ އައީ ވެސް ދާރިއަންގެ ކާރުގައި ވިއްޔާއެވެ. ހިތުގެ ސުވާލުތަކާއެކު މަޑުމަޑުން ތުންފަތުގައި ހޭޒަލް ދަތް އަޅާލިއެވެ.

ހުޅުވުނު އެލެވޭޓާގެ ދޮރުފަތުގައި އެއްއަތް ޖައްސާލައި ދާރިއަން މަޑުކޮށްލިއެވެ. ހޭޒަލްއަށް ނިކުންނަން ކޮށްލި އިޝާރާތެއްކަން އޭނާ ދެނެގަތެވެ. އެމީހުން އެލެވޭޓާއިން ނުކުމެ އެތަނުގައި ފެންނަން ހުރި ދޮރުން ވަނެވެ. ފެނުނީ ޒަމާނީ ފެންވަރަށް ހަދާފައިވާ ބޮޑު ރެސްޓޯރެންޓެކެވެ. ހިޔާކޮށްފައި އޮތަސް ވަށައިގެން ހުރީ ހުޅުވާލެވިފައެވެ. އެ ދެ މީހުން ފިޔަވާ އެއްވެސް މީހަކު އެތާކުނެތެވެ. މޭޒުތަކުގެ ތެރެއިން މޭޒެއް އެ ދެމީހުންނަށް ޚާއްޞަކޮށްފައި ހުއްޓެވެ. އެ މޭޒާ ހަމައަށް އައިތަނާ އެތަނުގެ ބަންދުކޮށްފައި ހުރި ބައިން މީހަކު ނުކުމެން އަންނާތީ ފެނުނެވެ. އޭނާ ލާފައި ހުރި ޝެޕްކޯޓު ފެނުމުން އެއީ ކާކުކަން ދާރިއަންއާއި ހޭޒަލްއަށް އެނގިއްޖެއެވެ.

ދާރިއަންއާ ސަލާމްކޮށްލުމާއެކު ޝެފް ވާހަކަދައްކަން ފެށިއެވެ. އެމީހުންނާ ހަވާލުވެގެން ހުރީ އޭނާކަމާއި އަވަހަށް އިށީނުމަށް ބުންޏެވެ. އޭނާއަކީ އެތަނުގެ އެންމެ އިސް ޝެޕްއެވެ. މިރޭ ދާރިއަންމެން ބުނާ ކޮންމެ އެއްޗެއް ތައްޔާރުކުރާނީ އޭނާކަން ވެސް ބުންޏެވެ.

ހޭޒަލްއަށް އިނދެވުނު މާޙައުލު ކަމުދިޔައެވެ. ރޭގަނޑުގެ ކެއުމަކަށް އައިއިރު ދާރިއަން މިހާ ތައްޔާރުތައް ވެފައި އޮވެދާނޭ ހޭޒަލް ހިޔެއްނުކުރެއެވެ. އެމީހުން ތިބި މޭޒާއި ގޮނޑިތަކުގެ އިތުރުން އެ ސަރަޙައްދު ވެސް ޒީނަތްތެރިކޮށްފައި އޮތް ގޮތުން އެތަނަކީ ދެއެކުވެރިއަކު ކާލަން އަންނަ މާޙައުލަކާ ވައްތަރެއްނޫނެވެ. ބޮޑަށް ހީވަނީ ލޯބިވެރިން "ޑޭޓަކަށް" އަންނަ ކަހަލަ މާޙައުލެއްހެންނެވެ.

"ކަމުދޭތަ؟" ހޭޒަލް ވަށައިގެން ބަލާވަރުން ދާރިއަން އަހާލިއެވެ.

"ހޫމް!... އެކަމަކު މީ ތަންކޮޅެއް ބޮޑުވަރުހެން ހީނުވޭތަ..." ހޭޒަލް މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެއާއެކު ވަށައިގެން ނަޒަރު ހިންގާލި ދާރިއަން ހީނލިއެވެ. އޭނާ އެތަން ތައްޔާރުކުރުމުގެ ކުރީން ވަރަށް ދިރާސާތައް ކުރިއެވެ. ލޯބީގެ އަސަރު އެކުލެވޭ މާޙައުލެއް ހުންނާނެ ގޮތެވެ. އޭނާއަށް ނުވިސްނުނީ އެ ދެމީހުންނަކީ ލޯބިވެރިންނޫންކަމެވެ. އެހެންވިޔަސް މިރެއަކީ ހަނދާނުން ފުހެލަން ދަތި ޚާއްޞަ ރެއަކަށްވާން ދާރިއަން ބޭނުމެވެ.

"ހީވޭ ދޯ..." ހިނިއައިސްފަ އިނދެ ދާރިއަން ބުނެލިއެވެ.

ކެއުންތައްޔާރު ކުރުމުގައި ޝެޕް އުޅުނެވެ. ދާރިއަން ގަސްދުކޮށްފައި އޮތް ހަޤީޤީ މައުޟޫޢުއަށް ދާނޭ ގޮތަކާމެދު އޭނާ ވިސްނިއެވެ. މޭޒުމަތީ ހުރި އުލާ ސަމްސަލާ ކުޅެލަކުޅެލާ ހޭޒަލް އިނެވެ. ވާހަކައެއް ދައްކަން އުޅެފައި ވެސް ދާރިއަންއަށް ފުންނޭވާއެއް ބޭރުކޮށްލެވެއެވެ. އެކަން ހޭޒަލްއަށް ފާހަގަވާން ގިނައިރެއް ނުނެގިއެވެ.

"ހާދަ ވަރަކަށް ތި ނޭވާލަނީ" ހޭޒަލް ބުނެލިއެވެ.

"ނޭވާ ނުލާ ދިރިހުންނާނީ ކިހިނެއް" ދާރިއަންގެ ތުންފަތަށް ވެރިވީ ސަމާސާގެ ހިނިތުންވުމެކެވެ.

"ޔޫ ނޯ ވަޓް އައި މީން... ފިނިފިނި ވައި ޖެހޭތީ ނިދިއައީތަ؟" ހޭޒަލް އަހާލިއެވެ.

"ހޭޒަލްގެ އުނގުގައި ބޯއަޅަން ލިބިއްޖެނަމަ ނިދާފާނަން... ދޭނަންތަ؟" ދާރިއަން ބުނެލިއެވެ.

"ދާރިއަން..." އަބުއި ގޮތަކަށް ހޭޒަލް ގޮވާލިއެވެ. އެހެންވިޔަސް އޭނާ ހިނިތުންވެލިއެވެ. ދާރިއަންގެ ސަމާސާ ކުރުމުގައި ފޮރުވިފައިވާ ހަޤީޤަތް ހޭޒަލް ނުދެނަހުއްޓެވެ.

ޝެފް ތަށިތައް ގެނެސް މޭޒުމަތީ އަތުރާލުމުން ކާއެއްޗިއްސަށް އިންސާފުކުރަން ދާރިއަންއާއި ހޭޒަލް ފެށިއެވެ. ދާރިއަންގެ ތަށިން ސަމްސަލެއް ނަގައި ހޭޒަލްއަށް ދިއްކޮށްލިއެވެ. ދާރިއަންގެ އެ ހަރަކާތައް ޢަމަލުކުރަންވީ ކިހިނެއްކަން ނޭނގިފައި އިންހެން ހޭޒަލް އިނެވެ. އެހިނދު ދާރިއަން އަނގަހުޅުވާލައި "އާން" ލައްވާލިއެވެ. ހޭޒަލްއަށް ޤަބޫލެއްނުކުރެވެއެވެ. ދާރިއަންގެ ފުށުން މުޅިން އާކަންތައްތަކެއް ފެންނަ ރެއެކެވެ.

"ދެން އަނގަ ހުޅުވަބަލަ... ޓޭސްޓް ދިސް... ވަރަށް މީރު" ސަމްސާ ދިއްކޮށްލައިގެން އިނދެ ދާރިއަން ބުނެލިއެވެ. ރަކި ހިނިތުންވުމަކާއެކު ހޭޒަލް ލަދުން އިނދެ އަނގަ ހުޅުވާލިއެވެ. ދާރިއަން ގޮނޑިން ތެދުވެލައި ހޭޒަލްއަށް ލަވައިދިނެވެ.

"ކިހިނެއް؟... މީރު ދޯ" ދާރިއަން އަހާލީ އެ ދެމެދުގައި މާބޮޑުކަމެއް ނުވާ ފަދައިންނެވެ. ޖަވާބުގައި ހޭޒަލް ބޯޖަހާލީއެވެ. އެވަރުން ދާރިއަން ހުއްޓައެއްނުލިއެވެ. ހޭޒަލްގެ ތަށިން ރަހަބަލަން ވެއްޖެއެވެ. އޭނާއަށް ލަވައިދޭން އެދުނެވެ.

"ތީ ކުޑަކުއްޖެއްތަ ލަވައިދޭން... ރަހަބަލަން ބޭނުމިއްޔާ އަމިއްލައަށް މިތަށިން ނަގާ" ހޭޒަލްއަށް ނުކެރިގެން ބުނެލިއެވެ.

"ދެޓްސް ނޮޓް ފެއާ" ޝަކުވާގެ ރާގެއްގައި ދާރިއަން ބުނެލިއެވެ. އަދި އަމިއްލަ ސަމްސަލުން ހޭޒަލްގެ ތަށިން އެތިކޮޅެއް ނަގައި ރަހަބަލާލައިފިއެވެ.

ކައިނިމި ގަޑިންވީއިރެއް ބަލާލަން ހޭޒަލް ބޭނުންވިއެވެ. އަތްދަބަހުގެ ތެރެއިން އޭނާ ފޯނު ބަލާލިއެވެ. އެމީހުން އެތަނަށް އައިފަހުން ގަޑިއެއްގެ އިރު ފާއިތުވެއްޖެކަން އެނގުމުން ހޭޒަލްއަށް ލިބުނީ ހައިރާންކަމެވެ. ދާރިއަން ގޮވާލުމުން ހޭޒަލްގެ ސަމާލުކަން އޭނާއަށް ދިނެވެ. އޭނާ އެބައަންނަން ކަމުގައި ބުނެ ތެދުވިއެވެ. ދާރިއަން ގޮސްވަނީ އެތަނުގައި ހުރި ބަދިގެއަށެވެ. ހޭޒަލް ވެސް ގޮނޑީގައި ނީންނަން ތެދުވީއެވެ. މަޑުމަޑުން އައިސް ހުއްޓިލީ މަގުމަތި ފެންނަން ހުރި ދިމާ ރެއިލިން ކައިރީއެވެ. ލަކުޑިން ހަދާފައި ހުރި އެ ރެއިލިންގައި ދެއަތުން ހިފަހައްޓާލައި މަގާ ދިމާއަށް ހޭޒަލް ބަލާލީ ކުޑަކޮށް ހަށިގަނޑު ގުދުކޮށްލަމުންނެވެ.

"ޒެލް..." ގިނައިރެއްނުވެ ހޭޒަލްގެ ދާދި ގާތުން ދާރިއަންގެ އަޑުއިވުނެވެ. އަރިއަކަށް އެނބުރިލައި ހޭޒަލް ބަލާލިއެވެ. ދާރިއަން އެއްއަތް ފުރަގަހަށް ލައިގެން ހުއްޓެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ގޯނާކުރުންތަކާއެކު ދާރިއަންގެ އޮމާންކުރެވިފައި ހުރި އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައި ވިއެވެ.

"މީ ޒެލްއަށް" ފުރަގަހަށްލާ ފޮރުވައިގެން ހުރި ކަނާއަތް ކުރިމައްޗަށް ގެންނަމުން ދާރިއަން ބުންޏެވެ. އޭނާގެ އަތުގައި އޮތީ ހުދު ފިނިފެންމަލެކެވެ. ހިނިތުންވުމަކާއެކު ހޭޒަލް އޭގައި ހިފިއެވެ. ޝުކުރު އަދާކުރިއެވެ. މިހާތަނަށް ދުވަހަކުވެސް މީހަކު އޭނާއަށް ހުދު ފިނިފެންމަލެއް ނުދެއެވެ. ހޭޒަލްގެ ނޭފަތާ މައު ކައިރިކޮށްލައި ވަސްބަލާލިއެވެ. މަލުގައި ހިފައިގެން ހުރެ ކުރިން ހުރި ގޮތަށް ހޭޒަލް އެނބުރިލިއެވެ. ކަނާއަތް ރެއިލިންގައި އަޅުވާލައިގެން އެ އަތް މައްޗަށް ބުރަވެ ދާރިއަން ހުރީ ހޭޒަލްއާ ދިމާއަށް ބަލާށެވެ.

"މިރޭ ވަރަށް ރީތި" ދާރިއަން ބުންޏެވެ. ލުއި ހިނިތުންވުމަކާއެކު ހޭޒަލް ޝުކުރިއްޔާއޭ ބުނެލިއެވެ.

"ހޭޒަލް!... އަހަރެން... އަހަރެން ބޭނުން ކައިވެނިކުރަން" ދާރިއަން ހިތްވަރުކޮށްފައި ބުންޏެވެ.

"ހަމަކުރަންވީ... ކާކު ބުނީ ނުކުރާށޭ..." ހޭޒަލް ބޯއަރިކޮށް ހީނލިއެވެ. މިރޭ ދާރިއަން ވަރަށް ސަމާސާކޮށްފިއެވެ. އެހެންވެ ހޭޒަލް ވެސް ސަމާސާއެއްކޮށްލީއެވެ.

"އަހަރެން އިންނަން ބޭނުންވަނީ ހޭޒަލްއާ" ދާރިއަން ތަފްސީލުކޮށްލިއެވެ.

"ދާރިއަން... ތިކަހަލަ ޖޯކްސް އަހަންނަށް ކަމަކުނުދޭ" ދާރިއަންގެ ސަމާސާ ކުރުން ބޮޑުވެއްޖެހެން ހޭޒަލްއަށް ހީވީއެވެ.

"ސީރިއަސްކޮށް މިބުނީ، އަހަންނާ އިންނަންވީނު" ދާރިއަންގެ މޫނުން ފާޅުވި އަސަރުން ބަހުގެ ޔަގީންކަން ހާމަވެއެވެ. ހޭޒަލްއަށް ވާހަކަދެއްކުނީ އިރުކޮޅެއް ފަހުންނެވެ.

"ކީއްވެ؟..." ޤަބޫލުނުކުރެވިފައި ހުރި މީހަކު ފަދައިން ހޭޒަލްއަށް ބުނެވުނެވެ.

"ލޯބިވެވުނީ..." ހޭޒަލްއާ ގާތަށް ދާރިއަން ޖެހިލިއެވެ.

"ދާރިއަން، އަހަރެން ކައިވެނިކުރާކަށް ބޭނުމެއްނޫން، އަހަރެން ލޯތްބެއްނުވޭ... އަހަންނަށް ލޯތްބެއްނުވެވޭނެ... އެކަނި ހުރުން މާރަނގަޅު، އެއްވެސް އިންސާނެއްދެކެ އަހަރެން ދެން ލޯތްބެއްނުވާނަން... ލޯބީގެ ސަބަބުން ހިތްދަތިކަންނޫން އެއްޗެއް ނުލިބޭނެ" ހޭޒަލް ވަގުތުން ދެކޮޅުހެދިއެވެ.

"ތިހެން ނުބުނޭ ޒެލް، ލޯބި ތަކުލޯފަކަށްވީ އެ ލޯބި ވެވުނީ ނުބައި މީހަކުދެކެ ކަމަށްވީމަ، އެންމެން އެއްގޮތެއްނުވާނެ... އަހަރެން ދުވަހަކުވެސް ޒެލްގެ ހިތުގައި ޖެއްސިންތަ، ނުރުހޭ ކަމެއްކުރީންތަ... ހަރާންކަމަކަށް ގޮވާލިންތަ... އަހަންނަށް ހޭޒަލް ފެނުނު ދުވަހުން ފެށިގެން ލޯބިވެވިއްޖެ، އަހަރެންގެ ވެރިފަރާތަށް އެކަން އެނގޭނެ" ދާރިއަންގެ ވާހަކަ އަހާފައި ހޭޒަލް ބަލަން ހުރީއެވެ. އެގޮތުގައި ވަގުތުކޮޅަކު ހުރެފައި ވާހަކަދެއްކިއިރު ހޭޒަލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"އަހަންނަކީ މީހަކާ އިނދެ ވަރިވެފައި ހުރި އަންހެނެއް، ދާރިއަން އަދި އަލަށް ވެސް މީހަކާ ނީނދޭ... އަހަރެން ކަމުދާންވީ ކީއްވެ... އަހަރެން އަދި ކައިވެންޏަކަށް ތައްޔާރެއްނޫން، މީހަކާ އިނުމުގެ ވިސްނުމެއް ވެސް ނެތް، އެހާ ހިތްވަރެއް ވެސް ނެތް، އަނތްބެއްގެ ޒިންމާ އަހަންނަކަށް ނޫފުލޭނެ... އެހެނެއްނޫޅެވޭނެ..." އިންތިހާ ދަރަޖައިގެ މާޔޫސްކަން ހޭޒަލްގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. އެ ދެލޯ މަޑުމަޑުން ފެންކަޅިވަމުން އައެވެ.

"ހުރިހާ ފަހަރަކު އެއްގޮތަކަށް ކަންތައް ހިނގާނޭ ހީނުކުރޭ، މުސްތަޤުބާލުގައި ވާނޭ ގޮތެއް ނޭނގޭތީކަން އެނގޭ ޒެލް ބިރުގަންނަނީ، އެކަމަކު ކާކަށްތަ އެނގެނީ މުސްތަގުބަލުގެ ކަންކަން... އަހަރެމެންނަށް އޮތީ ﷲއަށް ވަކީލުކުރުން، ތިމާގެ ޢަމަލުތައް ސީދާވެއްޖެ މީހަކަށް ގެއްލުމެއް ލިބުމެއްނުވޭ... އަހަރެންނަކީ ދޮގު ހަދަން އާދަވެފައި ހުރި މީހެއްނޫން، މީހުންނަށް އޮޅުވާ މަކަރު ހަދާ މީހެއްނޫން، އެއަށްވުރެ ﷲގެ އަޒާބާމެދު ބިރުގަންނަ މީހެއް، ކުރިން މީހަކާ އިނދެ ވަރިވެފައި ހުއްޓަސް އަހަންނަށް އެކަން މައްސަލައަކަށްނުވޭ، އަހަރެން މިއުޅެނީ ޒެލް ގޮވައިގެން މާޒީއާ ކުރިމަތިލާކަށްނޫން، ހޭޒަލް!... އަހަރެން ޔަގީންކަން ދެން... ހޭޒަލްގެ އަތުގައި ހިފުމަށްފަހު ދުލެއްނުކުރާނަންކަން، އަހަރެން މިވަގުތަށް ވަރަށް އިންތިޒާރުކޮށްފިން، ވަރަށް ބޮޑަށް ކެތްތެރިވީން... ވަރަށް ދުޢާކުރީން، މިކަމުގައި ގޯހެއްވާނަމަ މިރޭ މިތާކު ހޭޒަލްއާ ވާހަކަދައްކާކަށް އަހަންނަކަށް ނުހުރެވުނީސް... ކައިވެންޏަށް އަހާނޭ ފުރުޞަތެއް ނުލިބުނީސް، މިއުޅެނީ ވަގުތީ އެދުމެއް އޮވެގެން ކައިވެނިކުރާކަށްނޫން، ދާއިމީ ބައިވެރިއެއް ހަޔާތަށް ބޭނުންވެގެން... އަހަރެންގެ އުނިކަމެއް ހުރިއްޔާ ޒެލް ބުނެބަލަ، އިރާދަކުރެއްވިއްޔާ އެކަމެއް އަހަރެން ރަނގަޅުކުރާނަން..." ދާރިއަންއަށް ހޭޒަލްގެ އަތުގައި ހިފާލަން އަތްދިއްކޮށްލެވުނެވެ. އެހެންނަމަވެސް އެއަށްވުރެ ކުރީން ހޭޒަލް ދެއަތްއުރާލިއެވެ.

"އަހަރެން ގެއަށް ދާން ބޭނުމީ..." ހޭޒަލްއަށް ރޮވެނީއެވެ.

"ގެއަށް ގެންގޮސްދޭނަން، އެކަމަކު އަހަރެން ބުނާ އެއްޗެއް އިހަށް އަޑުއަހާލަ ދީ... އަހަންނަށް ޖަވާބެއް ދޭކަށް މިވަގުތު ހޭޒަލްއަށް މަޖުބޫރެއްނުކުރާނަން، އަހަރެން ހޭޒަލްއަށް ވަގުތު ދޭނަން... މާދަމާ ރެއިން ފެށިގެން ހަތް ރޭ ފަހުން އަހަރެން ގުޅާނަން، ހޭޒަލް ދޭ ޖަވާބެއް އަޑުއަހާނަން، ކޮންމެ ޖަވާބެއް ދިނަސް ޤަބޫލުކުރާނަން، ﷲގެ މިންވަރުފުޅަށް ރުހޭނަން، ޒެލް އުފަލުގައި ހުރުމަށް އަބަދުވެސް ދުޢާ ކުރާނަން، އަހަރެން ނޫން މީހަކާއެކުވީ ނަމަވެސް އަހަރެންގެ ހިތުގެ ދުޢާ ބަދަލެއްނުވާނެ... އަހަރެމެންގެ އެކުވެރިކަން ވެސް ބަދަލެއްނުވާނެ، ހޭޒަލް ދަންނަ އެކުވެރިޔާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ... ޒެލް ރޮއި ހިތާމަކުރާކަށް އަހަރެން ނޭދެން، މުއުމިނެއްގެ ކިބައިން ކަމެއް އުނިކުރެވިއްޖެނަމަ އެއަށްވުރެ ރަނގަޅު ހެވެއް ލިބުމަށް ނަސީބުގައި އޮތީކަން ހަނދާންނައްތާނުލާ" ހޭޒަލް ނުބެލި ނަމަވެސް ދާރިއަން ވާހަކަދެއްކީ ހޭޒަލްއަށް ނަޒަރު ސީދާކޮށްލައިގެން ހުރެއެވެ. ހުރިހާ ވާހަކައެއް ދެއްކިއިރު އޭނާގެ މޭގައި ވެސް ރިހުމެއް އުފެދިއްޖެއެވެ. އޭނާގެ ހިތުގައި ވެސް އިޙްސާސް ކުރެވުމުގެ ބާރުވެއެވެ. ދެރަވެ ހިތުގައި ޖެހުމުގެ ޖަޒުބާތު ވެއެވެ. އެހެންވިޔަސް ދާރިއަން ބެލީ އެއިން އެއްވެސް އަސަރެއް ހޭޒަލްގެ ކުރިމަތީ ފަރުދާކުރެވޭތޯއެވެ.

ހޭޒަލް އެދުނު ފަދައިން ދާރިއަން އޭނާ ގެއަށް ގެންގޮސްދިނެވެ. ގެއާ ހަމައަށް އާދެވެންދެން ވެސް އެ ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ކާރު މަޑުކޮށްލުމުން ހޭޒަލް ނިކަން އަވަހަށް ފައިބައިފިއެވެ. ދާރިއަންއަށް ބަހެއްބުނާނޭ ފުރުޞަތެއް ނުދީ ހޭޒަލް ކާރުގެ ދޮރުފަތް ލެއްޕިއެވެ. އަދި ހަލުވިކޮށް އައިސް ދޮރޯށި ހުޅުވައި އެތެރެއަށް ދެމިގަނެއްޖެއެވެ.

އެޕާޓްމެންޓަށް ހޭޒަލް ވަންއިރު ރިޒްވާނު ސޯފާގައި އިނެވެ. ކޮފީމޭޒަށް ދެފައި ނަގައި އެއްފައި އަނެއްފައިގަ އަޅުވާލައިގެން ރިމޯޓު އަތަށް ލައިގެންނެވެ. ހޭޒަލް ފެނުމުން ރިޒްވާނަށް ލިބުނީ ހައިރާންކަމެވެ. އެ މޫނުން ރޮއިފަ ހުރިކަމުގެ އަސަރު ފާޅުވާތީއެވެ. ހޭޒަލް އިސްއޮބާލައި ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ހަރަކާތެއްކޮށްލަން ނޭނގި ރިޒްވާނަށް އިނދެވުނީއެވެ. ވިސްނުމަކަށް ގެއްލިފައެވެ.

(ނުނިމޭ)