ރިޔާސަތުގައި އިންނަވާ ބޭފުޅަކު ވިދާޅުވާ ވާހަކައަކީ މަޖިލީހުގެ ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފާޑު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި މަސްތުގެ ހާލުގައި އައުރަ ނިވާ ނުކޮށް އުޅުނު އިނގިރޭސި އަންހެނަކު ހައްޔަރުކުރި މައްސަލައާއި ގުޅިގެން އޭނާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. ރައީސް ނަޝީދު، އެ ފަތުރުވެރިޔާގެ ކިބައިން މާފަށް އެދިވަޑައިގެންނެވީ އިއްޔެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހާދިސާއާމެދު ހިތާމަ ކުރައްވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީން ދައުވަތު އަރުވާ ކަމަށެވެ.
މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުން ކަމެއް ނިންމުމަކީ މަޖިލީހުގެ ތަޅުމަށް ހުށައަޅައި ފާސް ކޮށްގެން ނިންމާ ނިންމުންތައް ކަމަށެވެ. އޭގެ ބަދަލުގައި ތަޅުމުގައި މެންބަރަކު ދައްކަވާ ވާހަކައެއް ނުވަތަ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ވިދާޅުވާ ވާހަކައަކީ މަޖިލީހުގެ ނިންމުމެއް ނޫން ކަމަށެވެ.
މާފުށީގައި މަސްތުގެ ހާލުގައި އައުރަ ނިވާނުކޮށް އުޅުނު އިނގިރޭސި އަންހެނަކު ހައްޔަރުކުރި މައްސަލައާއި ގުޅިގެން އޭނާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް މުހައްމަދު ނަޝީދަށް މައާފަށް ނޭދެވޭނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ އެ އަމަލު ކުށްވެރިކުރައްވާ މެންބަރު ނަޝީދު ވިދާޅުވީ އިސްލާމީ ގައުމެއްގައި ރަށުތެރެއަށް ބިކިނީއާއެކު އެރުން މަނާ ކޮށްފައި ވަނިކޮށް އެކަންކުރި މީހަކު ހުއްޓުވަން އުޅުމުން އެކަން ގޯސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ހުރިހާ މެންބަރުންގެ ފަރާތުން މަޖިލީހުގެ ރައީސް ނަޝީދަށް މައާފަށް ނޭދެވޭނެ ކަމަށެވެ.
އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ.
އެކަން ކޮށްފައިވަނީ ގޯސް ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ސަލާމަތީ ނަޒަރަކުން ބަލައި އެކަން ހިނގައިދިޔަ ގޮތް މާ ގޯސް ކަމަށް ބުނެވެން ނެތް ކަމަށެވެ. އެކަމަކު އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވުނީސް ކަމަށް މިނިސްޓަރު ވެސް ވިދާޅުވި އެވެ.
އަންހެން ފަތުރުވެރިޔާގެ އަމަލު ހުރި ގޮތުން މާފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު ނުރުހުމެއް އޮތެވެ. އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި އޭނާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެން މީހާ މާރާމާރީ ހިންގި ކަމަށް ވެސްވެ އެވެ.
މާފުށީ ފުލުހުންގެ ސްޓޭޝަނުގައި އިރުކޮޅަކު ފަތުރުވެރިޔާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ. ރާއްޖެއިން އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ޖެހިގެން އައި ދުވަހު އޭނާ ފުރައިގެން ވެސް ހިނގައްޖެ އެވެ.