އަބްދުﷲ ޖާބިރު

ރާއްޖޭގައި ވިޔަފާރި ކުރެވެން އޮންނަނީ ޕޮލިޓިކްސް ކުޅެގެން: ޖާބިރު

ރާއްޖޭގައި ވިޔަފާރި ކުރަން މިނިވަން މާހައުލެއް ނެތް ކަށާއި ވިޔަފާރިއެއް ކުރަން ބޭނުން ވާނަމަ ޕޮލިޓިކްސް ނުކުޅެ އެ މީހަކަށް ވިޔަފާރި ކުރެވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލަށް ބަހުސް ކުރައްވަމުން ޑީއާރްޕީގެ ލީޑަރު ޖާބިރު ވިދާޅުވީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ނުއުފެދޭ ސަބަބަކީ ވިޔަފާރި ކުރާނެ މާހައުލެއް ނެތުމުން ކަމަށެވެ. އެކަމަށް ދައުލަތުގައި އޮތް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވީ، ވިޔަފާރިތައް ނުކުރެވިގެން އުޅޭ ސަބަބަކީ ސަރުކާރުތަކުން ވިޔަފާރިތަކަށް "އަތް ބާނާތީ" ކަމަށާއި ވިޔަފާރިއެއް ކުރަން އުޅުނު މީހަކު ނަމަ، ވޭތުވެދިޔަ ތަނުގައި އޮތީ "ފުނޑިފައި" ކަމަށެވެ. ސަބަބަކަށް އޭނާ ހުންނަ ސިޔާސީ ފިކުރަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރު ދެން ވިދާޅުވީ، ވިޔަފާރި ކުރަން ވެއްޖެނަމަ "ޕޮލިޓިކްސް" ވެސް ކުޅެން ޖެހޭ ކަމަށާއި ނުކުޅޭނަމަ ވިޔަފާރި ކުރެވޭނެ ގޮތެއް ވެސް ނޯންނަ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ވެސް މީގެ ކުރިން މަޖިލިސް މެންބަރަކަށް ނުވަނީސް އޭނާއަށް ފުރުސަތުތައް ލިބުން ދަތިވެފައިވުން ކަމަށެވެ. ފުރުސަތުތައް ލިބެން ފެށީ މަޖިލީހަށް ވަޑައިގެން ގާނޫނަށް ގެނައި އިސްލާހުތަކަށް ފަހުގައި ކަމަށާއި އޭގެ ފަހުން ވެސް ފުރުސަތުތައް ލިބެނީ މަދު މީހަކަށް ކަމަށް ވިދާޅުވި އެވެ.

"ވިޔަފާރިއެއް ކުރަން ވެއްޖިއްޔާ ޕޮލިޓިސް އެބަ ޖެހޭ ކުޅެން. ނުކުޅެ ވިޔަފާރި ކުރެވޭ ކަމަކަށް ނުވޭ. ކުރީގައި އަޅުގަނޑު މަޖިލިސް މެންބަރަކަށް ވުމުގެ ކުރިން ބިޑަކަށް ލައިގެން ބިޑް ދުވަހަކު ވެސް ކާމިޔާބު ވާކަށް ނެތް. ދެން ގަވާއިދުން ބިޑް ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން މި ތަނުގައި [މަޖިލީހުގައި] ލިޔުނީ [ގާނޫނުގައި]. އޭގެ ފަހުން ދެން އަޅުގަނޑަށް ވިޔަފާރިއެއް ކުރެވުނީ ވެސް. އޭގެ ފަހުން ވެސް ދެތިން ކުންފުންޏަކަށް ނޫނީ ބިޑް ލިބޭ ކަމަކަށް ނުވޭ." ޖާބިރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާ ދިޔަ ބައެއް ކަންކަން ފާހަގަ ކުރައްވަމުން ޖާބިރު ވިދާޅުވީ، އޭރުގައި ވެސް ސަރުކާރުގެ އިސް ބޭފުޅުން ބޭނުންފުޅުވި ވަގުތެއްގައި ބޭނުންވާ މީހެއްގެ އެކައުންޓްތައް ފްރީޒްކޮށް، އެ މީހެއްގެ ވިޔަފާރިތައް ދަތިތައް ކުރިމަތި ކުރުވަމުން ގެންދެވި ކަމަށެވެ.

ޖާބިރު އިޝާރާތް ކުރެއްވީ، އޭރުގައި އިދިކޮޅު ކޯލިޝަންގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ދައްކާފައި ނެތް ކަމަަށް ބުނެ މީރާއިން އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރި ކުރުމަށެވެ. ފަހުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

"މީރާ ކިޔާ ތަނެއް ހަދާފައި، މިދިޔަ ސަރުކާރުގައި ހަމަ ހިތަށް އަރާ އިރަށް ހިތު ހުރިހާ މީހެއްގެ އެކައުންޓްތައް ފްރީޒް ކުރީ، ހިތު ހުރިހާ ވަގުތެއްގައި ރިސޯޓެއް ބަންދު ކުރަނީ. ވިޔަފާރި ޑިމޮކްރެޓިކް ކުރަންންވީ، މިނިވަން ކުރަންވީ." ޖާބިރު ވިދާޅުވި އެވެ.

ބިލު ކޮމިޓީއަށް ގޮސް ދިރާސާ ކުރާއިރު މި ކަންކަމަށް ރިއާޔަތްކޮށް ބޭންކުން ލޯނު ދޭން ޖެހޭ އުސޫލުތައް ބިލުން ބަދަލު ކުރަން ޖެހޭ، ވިޔަފާރިތަކަށް މިނިވަން މާހައުލެއް ގެނެވޭނެ ގޮތަށް ބިލަށް ބަދަލުތައް ގެނައުމުން ވިޔަފާރި ކުރުމަށް ވާދަވެރި މާހައުލެއް އުފެދޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.