ކުޅިވަރު

އެޑްވާންޓޭޖާ މެދު ވިސްނުމެއް ނެތް: ސެކްލޮވްސްކީ

އޭއެފްސި ކަޕްގެ ޕްރިލިމިނަރީ ސްޓޭޖުގެ ދެ ވަނަ ލެގްގައި މާދަމާ، މާލޭގައި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް އާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާއަށް އޮތް އެޑްވާންޓޭޖާ މެދު ނުވިސްނާ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

މާދަމާ ހަވީރު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު، މާޒިޔާއަށް އެޑްވާންޓޭޖެއް އެބައޮތެވެ. އެއީ ޑާކާގައި ކުޅުނު މެޗުގައި އަބާހަނީ ކޮޅަށް ޖެހި ދެ ގޯލާއެކު އަވޭ ދެ ގޯލެވެ. ޑާކާގައި ކުޅުނު މެޗު އެއްވަރުވީ 2-2 ންނެވެ. މާދަމާގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް ޕްލޭއޮފް ބުރުން މާޒިޔާއަށް ޖާގަ ލިބޭނެ އެވެ.

މާދަމާގެ މެޗަށް ނުކުތުމުގެ ކުރިން، ސްކްލޮވްސްކީ ބުނީ، އެޑްވާންޓޭޖާމެދު އޭނާ ނުވިސްނާ ކަމަށާއި ޑާކާގައި ކުޅުނު މެޗުގައި ހެދުނު މިސްޓޭކުތައް ރަނގަޅުކޮށް މާދާމާ މެޗަށް ނުކުންނަނީ މޮޅަކާއެކު ޕްލޭއޮފް ބުރަށް ދިއުމަށެވެ.

"އަވޭ ދެ ގޯލްގެ އެޑްވާންޓޭޖު އޮތޭ ބުނެ މެޗު އެއްވަރު ކޮށްލާކަށް އަހަރެމެން ނުވިސްނަން،" ސެކްލޮވްސީ ވާހަކަ ދެއްކި އެވެ. "އަހަރެމެން މިތީބީ މޮޅަކާއެކު ޕްލޭއޮފް ބުރަށް ދިއުމަށް އަދި އެއަށްފަހު ގުރޫޕް ސްޓޭޖުން ޖާގަ ހޯދަން."

މެސަޑޯނިއާގެ ކޯޗް ބުނީ، ޑާކާގައި މާޒިޔާއިން ދެ ފަހަރު ލީޑް ނެގިއިރުވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އަބާހާނީ ޓީމުގެ ވަރުގަދަ ކަމަކުން ނޫން ކަމަށާއި އެއީ މާޒިޔާގެ ކުޅުންތެރިންނަށް އަމިއްލައަށް ހެދުނު ގޯސްތަކުން ކަމަށެވެ.

"ތެދެއް އެ ޓީމަށް ފިޒިކަލީ އެޑްވާންޓޭޖުތަކެއް އެބަހުރި، ނަމަވެސް އަހަރެމެން ކޮޅަށް ދެ ގޯލް ވަނީ އަހަރެމެންގެ ކުޅުންތެރިންނަށް ޕޮޒެޝަން ނުބައި ކޮށްލެވިގެން،" ސެކްލޮސްކީ ތަފްސީލު ކޮށްދިނެވެ. "މިދިޔަ ހަތަރު ދުވަހު އަހަރެމެން ޓްރޭނިންތައް ކުރިއަށް ގެންދިޔައީ އެ މިސްޓޭކުތައް ރަނގަޅުކޮށްގެން މެޗަށް ތައްޔާރުވުމަށް."

"ފުރަތަމަ ގޭމަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވި، އެ ޓީމުން ފެޑްރޭޝަން ކަޕްގައި ކުޅުނު ތިން މެޗުވެސް ބަލައިގެން އެއަށް ވިސްނައިގެން އަހަރެމެން ތައްޔާރުވީ، އެ ޓީމުން އަހަރެމެންނާ ދެކޮޅަށް ކުޅުނީ ހަމަ ފެޑްރޭޝަން ކަޕްގައި ކުޅުނު ސްޓައިލަށް، އަހަންނަށް ބުނެވިދާނެ ރާއްޖޭގެ ކުލަބަކުން މިހާތަނަށް ކުރިމަތި ނުލާ ސްޓައިލެއްގެ ގޭމްއަކާ އަހަރެމެންނަށް ކުރިމަތިލާން ޖެހުނީ، އެހެންވެ މި ބުނަނީ އަހަރެމެން އެ މެޗަށް ތައްޔުވެވުނުލެވެސް ރަނގަޅޭ."

"މާދަމާ މެޗުގައި އަހަރެމެން ޖެހޭނީ އަހަރެމެންގެ ކޮލިޓީ ބޭނުން ކުރަން އަދި އަހަރެމެންނަށް ހެދާ ގޯސްތައް މަދުކޮށްފިއްޔާ އަހަރެމެންނަށް މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް."

އޭނާ ބުނީ މާދަމާ މާލޭގައި އަބަހާނީއާ ދެކޮލަށް ކުޅޭ މެޗުގައި ބަނގުލަދޭޝްގެ ސަޕޯޓަރުން ގިނަ ނަމަ އެކަމާ ހިތާމަ ކުރާނެ ކަމަށާއި މާޒިޔާގެ ލޯގޯގައި ކުޅުނަސް އެ ޓީމުން ތަމްސީލު ކުރަނީ ރާއްޖެ ކަމަށެވެ. އެހެންވެ ދިވެހިން ގިނަ އަދަދަކަށް ދަނޑަށް ވަނުމަށް އޭނާ އެދުނެވެ.