ރާއްޖެއަށް މޫސޫން ގޯސްވެފައިވާތީ އަނގަމަތި ބޮއްކުރާ އަދި ޑިންގީ ފަދަ އުޅަނދު ފަހަރުގައި ދަތުރު ނުކުރުމަށާއި މުސޫމަށް ސަމާލުވާން ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން އެދެފި އެވެ.
ގައުމީ މޫސޫމާބެހޭ އިދާރާގެ ވެދާ ފޯކާސްޓްތަކާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަޙައްދުގައި ވައި ގަދަވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ކަނޑު އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި ދަތުރު ކުރާނަމަ މައުލޫމާތު ހިއްސާކޮށް ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތައް ހަމަކޮށް ޗެކް ކުރަން ވެސް އެދިފައި ވެއެވެ.
އަދި ބުނީ އަނގަމަތީ ބޮއްކުރާ އާއި ޑިންގީ ފަދަ އުޅަނދުފަހަރުގައި ދަތުރު ނުކުރުމަށާއި ރަށްރަށުގެ ކަނޑިންމައިން ވަދެ ނުކުމެ ހަދާއިރު ސަމާލުވާން އެދޭ ކަމަށެވެ.