ޕީޕީއެމް

ފުވައްމުލަކު މޭޔަރުގެ ޕްރައިމަރީ ބާތިލް ނުކުރަން ނިންމައިފި

މިދިޔަ ހުކުރު ދުވަހު ބޭއްވި އިިދިކޮޅު ޕީޕީއެމްގެ ފުވައްމުލަކު ސިޓީގެ މޭޔަރު ކަނޑައެޅުމުގެ ޕްރައިމަރީ ބާތިލްނުކުރުމަށް އެޕާޓީގެ އިންތިހާބާބެހޭ ކޮމެޓީން ނިންމައިފި އެވެ.

ޕީޕީއެމްގެ އިންތިހާބާބެހޭ ކޮމެޓީން މިގޮތަށް ނިންމީ ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާ އިންތިހާބު ބާތިލްކޮށް ދިނުމަށް އެދި ހުށައެޅި މައްސަލަ ބެލުމަށްފަހު އެވެ.

އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރް އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ސޮއިކުރައްވާ މިއަދު ފަޒާދަށް ފޮނުވި ސިޓީގައި އިންތިހާބު ބާތިލްކޮށްދިނުމަށް އެދި އޭނާ ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާ އައް ނުުކުތާއަށްވެސް ވަނީ ޖަވާބުދީފައެވެ.

އަދި އިންތިހާބު ކާމިޔާބު ކުރެއްވި ތޯރިގް އަހްމަދާއި، ފަޒާދާ ދެމެދު 258 ވޯޓްގެ ތަފާތެއް ހުރިކަން ފާހަގަކޮށް މައްސަލަ ހުރި ކަމަށް ފަޒާދު ފާހަގަކުރައްވާފައިވާ ވޯޓްގެ އަދަދަށް ބެލުމުންވެސް އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ނުފެންނާނީ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބެއް ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ނިމިދިޔަ މަޖިލީހުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފަޒާދު ވަނީ 2018 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު އެ ޕާޓީގެ ލީޑާޝިޕާ މައްސަލަ ޖެހި، ރައީސް ސޯލިހާއެކު ކެމްޕެއިން ވެސް ކުރައްވައިފަ އެވެ. އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެވެ.

ފަޒާދުގެ އިތުރުން ހއ. ކައުންސިލަށް ވާދަކުުރެއްވި އަހުމަދު ނިޒާމް (ކެލާ ނިޒާމް)ވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.