މިނިސްޓްރީ އޮފް ޓޫރިޒަމް

މުވައްޒިފުންނަށް ބިރު ދެއްކުން ބަލައިނުގަނެވޭނެ: ޓޫރިޒަމް

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ހުށައެޅި މައްސަލައަކާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވި ވިދާޅުވުމާމެދު ޓޫރިޒަމް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ އެގްރީމެންޓުގެ މައުލޫމާތު ޓްރޭޑް ޔޫނިއަނަށް ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ވަނީ ހުޅުވާލައިގެން އަޑުއެހުމެއް ބާއްވާފަ އެވެ.

އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމުން ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިނިސްޓްރީގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ރައްޔިތުންގެ ހައްގަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން." ކޮމިޝަނަރު ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިނިސްްޓްރީން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ އިތުބާރާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށް ތިބި ފަރާތްތަކުގެ އިތުބާރު ދަމަހައްޓާ ނަގަހައްޓާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ އެގްރީމެންޓުގެ މައުލޫމާތު ހޯދުމަށް ޓްރޭޑް ޔޫނިއަނުން ހުށައެޅުމުން އެކަމަށް ޖަވާބުދީފައިވާނެ ކަމަށެވެ. -ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ޓްރޭޑް ޔޫނިއަންއަށް ސިޓީ ފޮނުވާފައިވަނީ ގާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުންނެވެ.-

އެ މިނިސްޓްރީން ބުނީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ޓްވިޓާގައި ހާމަކުރެއްވި މައުލޫމާތުތަކާމެދު ކަންބޮޑުވާ ކަމަށެވެ.

"...ހަމައެއާއެކު، މިމިނިސްޓްރީގެ ސިވިލްސާވިސް އެއްވެސް މުވައްޒިފަކަށް ބިރު ދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް، މިމިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް ދެންނެވީމެވެ. އަދި މި މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒިފުން ކަމުގައި ދެންނެވީމެވެ."

މީގެ އިތުރުން މި މައްސަލާގައި އިތުރު ކަމެއް އެ މިނިސްޓްރީން ސާފުކުރަން ބޭނުންވާނަމަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަކަށް ނުވަތަ ޝަރުއީ ކޯޓެއްގައިވިޔަސް ޖަވާބުދާރީވާން ތައްޔާރަށް އޮތް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މައުލޫމާތު ހޯދުމުގެ ހައްގާއި، ރައްޔިތުންގެ ހައްގަކީ "ކުޅޭކުޅޭ" އެއްޗެއް ނޫންކަން ގަބޫލުކުރާ ކަމަށާ ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގަތީއްސުރެ އެންމެ ފުޅާ ދާއިރާއެއްގައި އެ މިނިސްޓްރީން މައުލޫމާތު ހާމަކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލަ ކަމަށެވެ. އަދި ކޮމިޝަނުން އާއްމުކޮށް އަޑު އެހުންތައް ގެންދަން ނިންމައި އެކުލަވާލި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ހާޒިރު ނުވިނަމަވެސް މައްސަލަ ކުރި އަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަަލާގައި ދެ ފަރާތައް ވެސް ޗިޓު ފޮނުވިން. ނަމަވެސް އެ ފަރާތުގެ [ޓޫރިޒަމް މިނިސްޓްރީ] ގެ ގޮނޑި ހުސްކޮށް ހުރިތަން ފެންނާނެ. އަޅުގަނޑު ހަމަ މައުލޫމާތަށްޓަކައި ދަންނަވާލަން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބޭފުޅުން މި އޮފީހަށް ވަޑައިގަތް. ނަމަވެސް ހާޒިރުވި ކަމަށް އަޅުގަނޑުމެން މި ބަލަނީ ނަން ނޯޓް ކުރީމަ،" ފިޔާޒު ވިދާޅުވި އެވެ.