އިންފޮމޭޝަން ކޮމިޝަނާ

ސަބްލީސް އެގްރީމަންޓްތައް ދޫކުރާކަށް ނުޖެހޭ: ކޮމިޝަނަރު

ޓޫރިޒަމަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާ ކުންފުނިތަކާ ދެމެދު ހަދާފައިވާ ސަބްލީސް އެގްރީމަންޓްތައް ދޫކުރަން ނުޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު މިހެން ވިދާޅުވީ ޓޫރިޒަމަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ޓޫރިޒަމް މިނިސްޓްރީގައި އެދެމުން އެ މައުލޫމާތު ދީފައިނުވާތީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި އަޑުއެހުމުގައި ކޮމިޝަނަރު ވަނީ ޓޫރިޒަމަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ މައުލޫމާތު ހޯދުމަށް އެދުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށް އޮތް ހައްގެއް ކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ގިނަ މައްސަލަތަކެއް ބަލަމުންދާއިރު، އަދި އެ ރަށްތައް ދޫކުރި ގޮތާމެދު އެތައް ސުވާލުތަކެއް އުފެދިފައިވާއިރު، ރަށްތަކާއި ގުޅޭ މައުލޫމާތު ސިއްރު ކުރުމަށްވުރެ، އެ މައުލޫމާތުތައް ހާމަކުރުމަކީ މާ މުހިންމު ކަމެއް ކަމަށެވެ.

އެހެން ކަމުން މައްސަލަ ހުށައެޅި ފަރާތުން އެދިފައިވާ ގޮތަށް ޓޫރިޒަމަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ 46 ރަށާއި، އިތުރު ފަޅުތަކަކާ ގުޅޭ ލީސް އެގްރީމަންޓްތައް ދޫކުރުމަށް ކޮމިޝަނަރު ވަނީ އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ. ނަމަވެސް ކޮމިޝަނަރު ވިދާޅުވީ އާންމުކޮށް ބޭއްވޭ އަޑު އެހުމަކާ ހަމައަށް އައުމުގެ ކުރިން އެ ކަމަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތުތަކެއް ދެވިފައިވާ ކަމަށެވެ. އަދި ސުލަހްވެރި ގޮތެއްގައި މިކަން ކުރިއަށް ގެންގޮސް ދިނުމަށް މީގެ ކުރިން ކޮމިޝަނަރުގެ އޮފީހުން އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން މައްސަލަ ހުށައެޅި ފަރާތުން ވަނީ ޓޫރިޒަމަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ އެ ރަށްތަކާ ގުޅޭ ސަބްލީސް އެގްރީމަންޓްތައްވެސް ދިނުމަށް އެދިފައެވެ. އެ އެގްރީމަންޓްތައް ދޫކުރުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްވެސް ކޮމިޝަނަރު ވަނީ އަޑުއައްސަވާފައެެވެ. އެއަށްފަހު ބްލީސް އެގްރީމަންޓްތަކަކީ ކުންފުނިތަކާ ދެމެދު ވެފައިވާ "ޕްރައިވެޓް އެއްބަސްވުން" ތަކެއް ކަމުން އެ އެގްރީމަންޓްތައް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގްރީމަންޓްތައް ދޫކުރަން އެދުމުގެ މެންޑޭޓް ކޮމިޝަންގައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އަޑުއެހުންތަކުގައި ކޮމިޝަނަރު ނިންމަވާ ނިންމެވުމަށް 45 ދުވަހުގެ ތެރޭގައި އަމަލުކުރަން ޖެހެއެވެ. ކޮމިޝަނަރު މިއަދުވެސް ވަނީ އެ މުއްދަތަށް ނުބައްލަވާ ވީހާވެސް އަަވަހަށް މައުލޫމާތުތައް ހިއްސާކޮށްދިނުމަށް އެދިފައެވެ.

ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވެފައިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުމަށް ހާޒިރުވުމަށް އެ މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.