އިންފޮމޭޝަން ކޮމިޝަނާ

ޓޫރިޒަމް މިނިސްޓްރީއަށް ކޮމިޝަނަރުގެ އިންޒާރެއް!

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ހުށައެޅި މައްސަލައަކާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ އެގްރީމެންޓުގެ މައުލޫމާތު ޓްރޭޑް ޔޫނިއަނަށް ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ވަނީ ހުޅުވާލައިގެން އަޑުއެހުމެއް ބާއްވާފަ އެވެ.

އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމުން ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިނިސްޓްރީގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ރައްޔިތުންގެ ހައްގަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން." ކޮމިޝަނަރު ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށައެޅޭ ހުރިހާ މައްސަލަތަކެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމި ފަހުން ބޭއްވި ފުރަތަމަ މައްސަލައަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ހުށައެޅި މައްސަލަ އެވެ. ހެނދުނު 10:30 ގައި އޮތް ބައްދަލްވުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރުނުވި ނަމަވެސް އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.