ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހާމެދު މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެއްވުމަށް ނިންމި މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ހޯދައިދިނުންވެސް ހިމެނެއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް 2009 ވަނަ އަހަރު ހަމަޖައްސަވާފައިވީނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާ ހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގައެވެ. އެހެންކަމުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް ރަައީސް އޮފީހުން ބުނެއެވެ.