ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެބިނެޓް

ކޮރޯނާއާ ގުޅިގެން ރާއްޖޭގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަނީ

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވައިފި އެވެ.

ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން މިއަދުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުން ވާހަކަދެއްކެވިއެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ވަޒީރުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް ކޮރޯނާ ވައިރަސް މިހާރުވެސް ފެތުރެމުންދިޔުމާއެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މި ދެއްވަނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތްވެސް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން ކަމާބެހޭ ދާއިރާތަކުން ހިންގަވާ ޕްރޮގުރާމުތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.