ރިޕޯޓް

އެމްޑީޕީގެ ޕްރައިމަރީ އަދަދުތައް ބުނެދޭ ވާހަކަ!

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޕާޓީތަކުން ފަށާފައިވާއިރު ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތްތައް ވެސް އެބަހިނގަ އެވެ. އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިފަހަރުގެ އިންތިހާބަށް ވެސް އެންމެ ބޮޑަށް ތައްޔާރުވީ ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އެވެ. އެ ޕާޓީން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މުޅި ރާއްޖެ ހިމެނޭހެން ޕްރައިމަރީއެއް ބާއްވާ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފަ އެވެ.

އެ ޕްރައިމަރީ ތެރޭގައި "ޖޯޝް ގަދަވެގެން" ހިނގައިދިޔަ ބައެއް ކަންކަމުގެ ސަބަބުން ބައެއް ދާއިރާތަކުގެ ވޯޓް ބާތިލު ކުރަން ވެސް ޖެހުނެވެ. އޭގެ ފަހުން އެ ދާއިރާތަކުގައި އަލުން އިންތިހާބު ބާއްވާ ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ވަނީ ނިންމާފަ އެވެ. އެހެންވިޔަސް އަދިވެސް މަދު ދާއިރާތަކަށް އެމްޑީޕީއަށް ކެންޑިޑޭޓުން ބޭނުން ވެއެވެ.

އެމްޑީޕީން މިފަހަރު ބޭއްވި ކައުންސިލް ޕްރައިމަރީއަކީ ރާއްޖޭގެ ތާރީހުގައި ވެސް ޕާޓީއަކުން ބޭއްވި އިންތިހާބެއްގައި އެންމެ ގިނަ ބަޔަކަށް ވޯޓްލުމުގެ ފުރުސަތު ލިބުނު އިންތިހާބެވެ. އެ އިންތިހާބުގައި 93،139 މީހުންނަށް ވޯޓްލުމުގެ ފުުރުސަަތު ދީފައި އޮތެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54،101 އެވެ. މާނައަކީ އީސީގެ ނަމްބަރަށް ވުރެ އިތުރު 36،000 މެންބަރުންނަށް ވޯޓް ދިނުމުގެ ފުރުސަތު މިފަހަރުގެ ކައުންސިލް ޕްރައިމަރީގައި އޮތެވެ.

އެ އަދަދުތަކަކީ ރާއްޖޭގެ ޕާޓީއެއްގެ ނިސްބަތަށް ބަލާއިރު ބޮޑެތި ނަމްބަރުތަކެވެ. ނަމަވެސް އެ ނަމްބަރުތަކާ ގާތަށްވެސް އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި މެންބަރުން ނިކުމެ ވޯޓްދީފައެއް ނުވެއެވެ. އޭގެ ކުރިން އެމްޑީޕީން ބޭއްވި އެ ޕާޓީގެ ލީޑާޝިޕް އިންތިހާބުގައި ވެސް 93،139 މެންބަރުންނަށް ވޯޓްދިނުމުގެ ހައްގު ދިނެވެ. އެ ވޯޓްގައި ބައިވެރިވީ 23،613 މެންބަރުންނެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް 90،000 މެންބަރުންގެ ނަން ހިމަނަައިގެން ދިގު ވޯޓާސް ލިސްޓެއް އާންމު ކުރި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވެސް އެ އަދަދާ ގާތް ކުރާ މިންވަރެއް ވޯޓްލާފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރީގެ އިންތިހާބުތަކަށްވުރެ މިފަހަރުގެ އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު ގިނަ އެވެ. މިފަހަރު އިންތިހާބު ކުރިއަށްދިޔަ 16 އަތޮޅުން 35،211 މެންބަރުން ވޯޓްލާފައި ވެއެވެ.

މީގެ މާނައަކީ ކުރިން ބޭއްވި ލީޑަޝިޕް އިންތިހާބުގައި ވޯޓްލީ މީހުންނަށްވުރެ މިފަހަރުގެ ނަމްބަރުން 10،000 ވޯޓް އިތުުރެވެ. އެހެން ނަމަވެސް މިއީ މުޅީން ތަފާތު ދެ އިންތިހާބެކެވެ.

މި އަދަދުތަކަކީ މިހާތަނަށް އެމްޑީީޕީން އާންމުކޮށްފައިވާ އަތޮޅުތަކުގެ ވަގުތީ ނަތީޖާއިން ފެންނަ އަދަދުތަކެވެ. އިންތިހާބަށް ފަހު ދެވަނަ ހަފުތާ ނިމެންދާއިރު އަދިވެސް ދާއީމީ ނަތީޖާ އިއުލާނުކޮށް އިންތިހާބުގައި ވޯޓްދިން ޖުމްލަ މީހުންގެ އަދަދު އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. އެހެން ކަމުން އެއީ މުޅީން ސައްހަ ނަމްބަރުތަކެއް ކަމެއް ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ. އަނެއްކޮޅުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ އެތެރޭގެ ނަމްބަރުތައް އޮޅުވާލާފައިވާ ކަމަށް ޕާޓީގެ ތެރެއިންނާއި ބޭރުން ވެސް ތުހުމަތުތައް ނުކުރާ އިންތިހާބެއް އަދި ބާއްވާފައެއް ނުވެއެވެ.

މިފަހަރު މިހާތަނަށް އެމްޑީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުގެ ތެރެއިން ފެންނަ ބައެއް ނަންބަރުތަކަށް ބަލައިލަންޖެހެ އެވެ. ހާއްސަކޮށް ކޮންމެ އިންތިހާބެއްގައި ވެސް އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓޭ ސިޓީތަކުން އެމްޑީޕީގެ ޕްރައިމަރީގައި ފެންނަން ހުރި ނަންބަރުތަކަށް ބަލައިލަން ޖެހެ އެވެ. ސަބަބަކީ އެ ނަންބަރުތައް ބަލައިގެން ހިސާބު ހެދުމުން ސިޔާސީ ގިނަ ވާހަކަތަކެއް ބުނެދޭތީ އާއި ތަފާތު ގިނަ އާ ނަތީޖާތަކެއް ނުކުމެދާނެ ކަމަށް އަންދާޒާތައް ކުރެވޭތީ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ މިދިޔަ ފަސް އަހަރު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރަށެވެ. ޕްރައިމަރީގައި އަނަސްއާއެކު ހަތް ބޭފުޅަކު ވާދަ ކުރެއްވި އެވެ. އަނަސް ޓިކެޓް ހޯއްދެވީ 977 ވޯޓް ހޯއްދަވައިގެނެވެ. މުޅި އިންތިހާބުގައި ވޯޓް ދެއްވީ 3854 މެންބަރުންނެވެ.

ހުޅުމާލެ ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވާނީ ކުރިން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ފެނުނު ރިޒްނާ ރަޒީރެވެ. އޭނާ ޕާޓީގެ ޓިކެޓް ކަށަވަރު ކުރީ 107 ވޯޓުންނެވެ. މުޅި އިންތިހާބުގައި އެ ދާއިރާއިން ވޯޓް ދިނީ 329 މެންބަރުންނެވެ. ވިލިމާލެއިން އެމްޑީޕީގެ ޓިކެޓް ލިބުނީ މިހާރުވެސް އެ ދާއިރާގެ ކައުންސިލަރު ހަމްނާ ވަހީދަށެވެ. އޭނާއަށް ލިބިފައި ވަނީ 201 ވޯޓެވެ. ވިލިމާލެއިން ވޯޓްލީ މީހުންގެ އަދަދަކީ 375 މެންބަރުންނެވެ.

މާލޭގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން އެމްޑީޕީ ޓިކެޓް ހޯއްދެވި ގިނަ ކެންޑިޑޭޓުން ވެސް ޓިކެޓް ކަށަވަރު ކުރެއްވީ 150 އާއި 200 ދެމެދު އާދައިގެ އަދަދަކުން ވޯޓް ހޯއްދަވައިގެނެވެ.

އެހެން ނަމަވެސް އެމްޑީޕީން ނެރެގެން އުޅޭ ވޯޓާސް ލިސްޓް ބުނާ ގޮތުން ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ވޯޓްލެވޭ މީހުންގެ ޖުމްލަ އާބާދީއަކީ 50،778 އެވެ. މި އަދަދަށް މީހުން ވޯޓްލާން ނުނުކުތް ނަމަވެސް އެންމެ މަދުވެގެން 25،000 ރައްޔިތުން ވޯޓްލާން ނުކުންނާނެ ކަމަށް ބަލަމާ ހެއްޔެވެ؟ އަދި ސިޔާސީ ކަމެއްގައި ވިއްޔާ އެމްޑީ "ޖޯޝް ގަދަވާ" މިންވަރާއި މި ނަމްބަރުތަކުގައިވާ "ވަޅޯ" ކަން ވަރުން އަޅުވާ ލުމުން އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލާފައު އެވަނީ ނިސްބަތުން ވަރަށް ކުޑަ ނަމްބަރެކެވެ. އެމްޑީޕީން ބުނާ ޖޯޝެއް އެ ނަމްބަރަކުން ނުފެނެ އެވެ.

ދެން އޮތީ މާލޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިޓީ އައްޑޫ އެވެ. އައްޑު އަތޮޅަކީ އެމްޑީޕީގެ ހިތޭ ވެސް ބުނެވިދާނެ އެވެ. އެހާވެސް އެ ޕާޓީގެ ތާއީދު އައްޑޫގައި ބޮޑެވެ. މިހާތަނަށް ވެސް ކައުންސިލް އިންތިހާބުތަކުގައި އައްޑޫއިން ސާފު މެޖޯރިޓީ ދިނީ އެމްޑީީޕީއަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫގެ މޭޔަރަކަށް ވާދަ ކުރައްވާނީ ކުރީގެ މަޖިލީސް މެންބަރު އަލީ ނިޒާރެވެ. ޕްރައިމަރީގައި އަލީ ނިޒާރު ވަނީ 4343 ވޯޓް ހޯއްދަވާފަ އެވެ. މުޅި އިންތިހާބުގައި ވޯޓްލީ މެންބަރުންގެ އަދަދަކީ 8010 އެކެވެ. މި ވޯޓްގެ ނަތީޖާއިން މިފަހަރު ލައްކަ ދުވަސްވީ "ޑޮމިނެންސީ" އެއް މުގަރާލާފައިވާއިރު ކުރިން މޭޔަރަކަށް ހުންނެވި ފަރާތަށް ލެނބޭނެ ނަމްބަރުތައް ދެން އައްޑޫގައި ފެންނާނެ ގޮތް ތަފާތުވުމަކީ ކައިރި ކަމެކެވެ.

އޭޕްރީލްގެ އިންތިހާބުގައި އައްޑޫ ސިޓީއިން ވޯޓްލުމުގެ ހައްގު ލިބިފައިވާ ރަސްމީ އާބާދީއަކީ 24،979 އެކެވެ. މީގެ ތެރެއިން އެމްޑީޕީގެ އައްޑޫ ޕްރައިމަރީގައި ވޯޓްލީ މީހުންގެ އަދަދު ކެނޑުމުން 16،969 ބާކީ އެބަތިއްބެވެ. އެހެން ކަމުން ނަމްބަރު ބުނާ ގޮތުން އަދި ލައްކަ މަސައްކަތް ކުރަން އެބައޮތެވެ. ވަރަށް ބޮޑަށް ޖޯޝް ގަދަވާން ޖެހެ އެވެ.

ފުވައްމުލަކުގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަ ކުރައްވާނީ ޑރ. ޒާހިރު ހުސައިންގެ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްމާއީލް ރަފީގެވެ. މިފަހަރުގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓް ރަފީގް ކާމިޔާބު ކުރެއްވީ 1597 ވޯޓުންނެވެ. އެ ސިޓީން އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވޯޓް ދިނީ 2769 މެންބަރުންނެވެ. އީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފުވައްމުލަކުން ންތިހާބުގައި 9015 މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައި ވެއެވެ.

ދެން އޮތީ އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔަ އުތުރު ސިޓީ، ކުޅުދުއްފުށި ސިޓީއެވެ. އެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރަން އެމްޑީޕީ ޓިކެޓަށް އެދި ހުށައެޅީ އެންމެ މެންބަރެކެެވެ. އެހެން ކަމުން އެ ދާއިރާގައި މޭޔަރުގެ އިންތިހާބު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަަވެސް ދާއިރާތަކުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ނެގި ވޯޓްގައި އެއޮށް ޖޯޝް ގަދަ މުޅި ކުޅުދުއްފުށިން ވޯޓްލާފައިވަނީ 666 މެންބަރުންނެވެ. އެއްވެސް ދާއިރާއަކަށް 150 ވުރެ މެންބަރުން ވޯޓްދީފައެއް ނުވެއެވެ. ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީން ވޯޓްލުމުގެ ހައްގު ލިބިފައިވާ 6760 މީހުން އެބަތިއްބެވެ. އެހެންވީމަ ޕްރައިމަރީގައި ނުކުމެ ވޯޓްލީ، ކައުންސިލް އިންތިހާބުގައި ވޯޓްލެވޭ އާބާދީގެ ވަރަށް ކުޑަ ކުޑަ ޕަސެންޓެކެވެ.

ނަޝީދުގެ ހިސާބު: އެމްޑީޕީއަށް 12،000

ޕްރައިމަރީގެ ނަންބަރުތައް މިހެން ފެންނަން ހުރި ނަމަވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިސާބެއް ޖައްސަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އަނަސް ވަޑައިގަންނަވާނީ 12،000 ވުރެ ގިނަ ވޯޓް ހޯއްދަވައިގެނެވެ. އަދި އިދިކޮޅަށް މިފަހަރުގެ އިންތިހާބުގައި 1500 ވޯޓެއް ނުލިބޭނެ އެވެ.

"އަޅުގަނޑު މި ދަންނަވަނީ، ބައްލަވަން ތިއްބަވާ އަނަސް 12،000 މާލޭ ވޯޓް ނަގާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް... އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އެންމެ ގާތްކުރާ މީހާ 1500 ވޯޓް ވެސް ނުނަގާނެ، ބައްލަވާތި!" ވަރަށް "ޖޯޝް ގަދަކޮށް" ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގެ ނަމްބަރުތަކުން އެ މަންޒަރެއް އެ ނަތީޖާއެއް އަދި ނުފެނުނެވެ. ޕްރައިމަރީން ފެންނަ މަންޒަރަކީ އެމްޑީޕީން އަދި ކުރަންޖެހޭ ބުރަ މަސައްކަތެވެ. އަދި އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް ވެސް ފުރުސަތު އޮތް މިންވަރެވެ. ބައެއް ކުދި ރަށްތަކުގައި އާއިލީ ރޫހު "ޖޯޝް ގަދަވެގެން" ނިކުމެ ވޯޓްލާ ނަތީޖާ ނެރެން ފަސޭހަވީ ނަމަވެސް ބޮޑެތި ސިޓީތަކުން ނަތީޖާ ނެރެން ޕާޓީތަކުން ކުރަން ޖެހޭނެ މަސައްކަތް އަދި ބޮޑެވެ. މިއާ ހިލާފަށް ގޮސް ޝަައްކު ނުހިނގާ ނަތީޖާއެއް އަންނާނީ ވަރަށް ތަފާތު ބޮޑު ވެގެނެވެ.