ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމާފައިނުވާ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައިވާއިރު މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީގެ ކުރިން އަވަސްއަށް ވިދާޅުވީ ފޭސް ދޭކުން ބިން ކުއްޔަށް ދޭން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
"މިހާރު އެކަމަށް ވާންޖެހޭ ތައްޔާރީތައް މި ދަނީ ވަމުން. ވަރަށް އަވަހަށް ހުޅުވާލާނަން،" ސުހައިލު ވިދާޅުވި އެވެ.
އެޗްޑީސީގެ އެ ނިންމުމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާމެދު އެ ކޯޕަރޭޝަންގެ ބޯޑުން ވަކިގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ހުޅުމާލެއަކީ ވަކި މާސްޓާޕްލޭނެއްގެ ދަށުން ތަރައްގީކުރަމުންދާ ރަށެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް، އަދި ކޮމިއުނިޓީ ބޭނުންތަކަށް ހުޅުމާލެއިން ޖާގަ ދޫކުރާނެ ކަމަށެވެ. އަދި އެންމެ ބޮޑު ހިއްސާއެއް ހާއްސަ ކުރެވިފައިވަނީ އާންމު ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ކަމަށެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެވެ. ދެވަނަ ފިޔަވަހިން މީގެ ކުރިން އެއް ފަހަރު ބިން ހިއްކާފައިވެ އެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ދުވަސްކޮޅު ހުޅުމާލެ ފޭސް ދޭކުން 1،000 އަކަފޫޓުގެ ބިމެއް 400،000 ރުފިޔާގެ މަގުން ވިއްކަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭސީސީއިން އަންގައިގެން އެ މަސައްކަތް އޮތީ ހުއްޓާލާފަ އެވެ.