ހުޅުމާލެ

ވެށިފަހި ޕްރަގްރާމުން ގޯތި ނުލިބޭ މީހުންނަށް މިއަހަރު ގޯތި ދޭނެ: އެޗްޑީސީ

ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް މިއަހަރުގެ ތެރޭގައި ގޯތި ދޫކުރެވޭނެ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމާފައިނުވާ ކަމަށް ހާމަކޮށް މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް މިއަހަރުގެ ތެރޭގައި ގޯތި ދޫކުރެވޭނެ ކަމަށެވެ. އަދި އެ މީހުންނަށް ގޯތި ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ. -ވެށިފަހި މާލެ ޕްރަގްރާމަކީ އެމްޑީޕީގެ ވެރިކަމުގައި ފެށި ޕްރަގްރާމެކެވެ.-

ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށް ވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ," ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ފޯމްތައް ސްކްރީން ކުރުމުގެ މަސައްކަތް ނިމި އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށާއި ފްލެޓު ހައްގުވާ ފަރާތްތަކަށް މި އަހަރު ތެރޭގައި ހަވާލު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ 7000 ފްލެޓް އަޅާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ވެރިކަން ނިމުމުގެ ކުރިން އެ ފްލެޓްތައް ދޭނެ މީހުންވެސް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓަށް ހުށަހަޅާފައިވާ ފޯމުތައް މި ސަރުކާރުން އެކުލަވާލާފައިވާ ފްލެޓް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި ލިސްޓުތައް އާންމު ކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން "ހިޔާ" މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މި ކޮމިޓީން އެންމެ ދިގު މުއްދަތެއް ހޭދަކުރަންޖެހިފައިވަނީ "ހިޔާ" މަޝްރޫއާ ގުޅުންހުރި ލިޔެކިތުންތައް ހޯދައި، ހަމަކޮށް، އެ ލިޔެކިޔުންތައް ތަރުތީބު ކުރުމުގެ މަސައްކަތަށް ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ނިމި، "ހިޔާ" މަޝްރޫއުއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމުގައި، ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން އަމަލުކުރަން ނިންމާފައިވަނީ، އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރިންވެސް ހައުސިން މިނިސްޓްރީން އާންމުކުރި އުސޫލުތަކާއި މިންގަނޑުތައް ކަމަށާ "ހިޔާ" މަޝްރޫއު ގެ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވަނީ ޕޮއިންޓް ދިނުމަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.