ޑީއާރްޕީ

ކެންޑިޑޭޓުންނަށް ޓިކެޓާއެކު ފަންޑުވެސް ހަވާލުކުރާނެ: ޑީއާރުޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ އެޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ކ. ގާފަރުގައި ބާއްވާ ކޮންގްރެސްގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓް ހަވާލުކުރަން ވަނީ ނިންމާފައި، ޓިކެޓާއެކު ކެންޕެއިން ފަންޑްވެސް ހަވާލު ކުރެވޭނެ." ކައުންސިލްގެ ނިންމުން ހާމަކޮށް ޑީއާރުޕީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ޑީއާރުޕީން ނިންމާފައިވާއިރު، އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުންވެސް ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައެވެ. ނަމަވެސް ހުރިހާ ގޮނޑިތަކަށް ކެންޑިޑޭޓުން ހޯދުމުގައި ބޮޑެތި ޕާޓީތަކަށްވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޑީއާރުޕީގައި މިހާރު ތިބީ 3033 މެންބަރުންނެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެއެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14
  • ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 46