ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރަށްރަށުގެ އިތުރުން ސިޓީތަކުގައި ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކާއި ގުޅިގެން ހިންގަންޖެހޭ އުސޫލެއް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
ފިނޭންސުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ ގައުމީ އިދާރާތަކުން ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ޕްރޮޖެކްޓުތައް އެ ރަށެއްގެ ކައުންސިލަކާ ހަވާލުކުރަންޖެހޭނެ ކަމަށެވެ.
އަދި އެއް އަތޮޅެއްގެ އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގާ ނަމަ އެ ޕްރޮޖެކްޓެއް ހަވާލުކުރަން ޖެހޭނީ އަތޮޅު ކައުންސިލާ ކަމަށް ފިނޭންސުން ބުންޏެވެ. އެ އުސޫލުން އިސްތިސްނާވަނީ ހަމައެކަނި ދިފާއީ ބާރުތަކުން ހިންގާ ޕްރޮޖެކްޓުތަކެވެ.
ފިނޭންސުން އިތުރަށް ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލްތަކާ ހަވާލުކުރަން ޖެހޭނީ ގައުމީ އިދާރާއަކުން އެ ސިޓީއެއްގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިން 15 މިލިއަން ރުފިޔާ އަށް ވުރެ ކުޑަ ޕްރޮޖެކްޓުތަކެވެ. ނަމަވެސް، މި އަގުތަކަށްވުރެ ބޮޑުކޮށް ޕްރޮޖެކްޓު ހިންގި ނަމަވެސް އެ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލްތަކާ ހަވާލު ކުރެވިދާނެކަމަށް ބުނެފައިވެ އެވެ.
ކައުންސިލްތަކާ ހަވާލުކުރާ ޕްރޮޖެކްޓުތައް ހިންގުމަށް ކޮންމެ ކައުންސިލަކުން ވެސް ކޮންޓްރެކްޓު މެނޭޖަރެއް ނަގަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ބުނެ އެވެ. ޕްރޮޖެކްޓުގެ މަސައްކަތް ހިނގާ ގޮތް ބެލުމާއި، ކޮންމެ މަހެއްގެ ރިޕޯޓު ޕީއެސްއައިޕީ މޮނިޓަރިން ޕޯޓަލް އަށް އެޅުމަކީ އެ މެނޭޖަރުގެ ޒިންމާއެކެވެ.
ގައުމީ އިދާރާތަކުން ހިންގާ ޕްރޮޖެކްޓުތައް ކައުންސިލްތަކާ ހަވާލުކުރުމަށް ފަހު އެ ޕްރޮޖެކްޓަކަށް ކަނޑައަޅާ ބަޖެޓު ކައުންސިލުގެ ބަޖެޓަށް ބަދަލު ކުރާނެ އެވެ. އަދި އެ ބަޖެޓުން ހަރަދު ކުރަން ޖެހޭނީ ހަމައެކަނި ކަނޑައެޅިފައިވާ ޕްރޮޖެކްޓަށް ކަމަށް ފިނޭންސުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.