ހަބަރު

ނޫމަޑި: މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވައިފި

Feb 12, 2020

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނޫމަޑީގެ މައްސަލަ ބެލިއިރު ކުރީގެ ހައުސިން މިނިސްޓަރު އާބިޓްރޭޝަންގައި ދެއްވި ބަޔާން އެހެން ގޮތަކަށް ބަދަލު ކުރިކަން އެނގިފައިވާ ކަމަށާއި އެހާ ހިސާބުން ސަރުކާރު އެ ކޭސް ބޮޑަށް ބަލިކަށިވި ކަމަށެވެ. އަދި މިހާރު ބަދަލު ދޭން ޖެހުނީ ވެސް ކުރީ ސަރުކާރުން ބަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ސެޓަލްމަންޓް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އޭޖީގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅާފައި އޭރުގެ މުއިއްޒުގެ ޖިނާއީ ތަހުގީގެއްކޮށް އެ މައްސަލަ ޕީޖީ އޮފީހަށް ގެންދަށް ކޮމިޓީގެ ފަރާތުން ފުލުހަށް ފޮނުވާފައި ވާނެ," އަމީރު ވިދާޅުވި އެވެ.

ނޫމަޑި މައްސަލާގައި މީގެ ކުރިން ވަނީ މުއިއްޒު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާާލު ވެސް ކޮށްފަ އެވެ. އެ ކޮމިޓީގައި މުއިއްޒު ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދައްކައިފަ އެވެ.