ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ބަޔާން ނަގައިފި، ހުންނެވީ ސާބިތުވެ

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމް އިން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މިރޭ 8:15 ގައި މުއިއްޒު، ފުލުހަށް ހާޒިރު ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލާގައި މުއިއްޒު ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައާއި ގުޅިގެން މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާނެއް ނަގާފައިވާ ކަމަށެވެ. ނޫމަޑިއަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލާގައި ކުރިއަށް ގެންދާ ތަހުގީގުގައި މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އެގޮތުން ދައުލަތުގެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމާއި އިހުމާލުވުމުގެ އިތުުރުން ވެސް އެތައް ތުހުމަތުތަކެެއް ވަނީ ކޮށްފަ އެވެ.

ފުލުހުންގެ އިދާރާއިން ނުކުންނަވާ އަަވަސްއާ ވާހަކަފުޅު ދައްކަވަމުން މުއިއްްޒު ވިދާޅުވީ ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އޭނާ ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އަދި ކިތަންމެ ގިނަ ތުހުމަތުތަކެއްކޮށް ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރާއި އިހުތިރާމު އެބައޮތް ކަމަށާ އެބޭފުޅުންގެ ކޮންމެ މަސައްކަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ބިރު ދެއްކުމަކުން ފަހަތަށް ނުޖެހޭނަން. ހައްގުގެ މަގުގައި ސާބިތުވެ ހުންނާނަން. ބިރު ދައްކައިގެން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން އަދި ނުވެސް ޖެއްސޭނެ. އެކަން ކުރެވޭނެ ކަމަށް ހީކުރާނަމަ އެއީ ބޮޑު ކުށްހީއެއް."

މުއިއްޒު ވިދާޅުވީ މައްސަލަ ބަލަންޖެހޭ ކައުންސިލް އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވުމުން ކަމަށާ އިންތިހާބުގެ މަސައްކަތް އަލުން ފެށުމުން ކެންޕެއިން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ދިޔައީ ބަލަމުންނެވެ. އަދި މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމި އެވެ.