އިމްރާން އަބްދުﷲ

"ފުލުހުންނަށް ޝަރަފް ހޯދައިދޭން މަސައްކަތް ކުރެވިއްޖެ"

ފުލުހުންގެ މުއައްސަސާއަށް ލިބެންޖެހޭ ކަރާމަތާއި، ޝަރަފު ހޯދައިދޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އޭގެ ހެއްކަކީ އަންނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅާފައިވާ ބަޖެޓް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިމްރާނު ވެސް ލިބޭ ފުރުސަތާއި، ލިބޭ ވަސީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. ކޮވިޑްގެ ދަތިކަން އޮތް ދުވަސްވަރު 2022 ވަނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއްކަމަށް ވިއްދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭގޮތަކަށްނޫން. މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ. މިހާލަތުގައިވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ގަބޫލުކުރަން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ކޯޑްކޮށް ތަރުތީބުކުރެވިފައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ހާއްސަކޮށް ތަމްރީނާއި، ހުނަރަށް ހޭދަކުރެވޭނެ ކަމަށެވެ.

އަދި ވިދާޅުވީ މުޖުތަމައު އަމާން ސުލުހަވެރި ވެއްޓަކަށް ހެދުމަށް ހުރި ބޮޑަތި ގޮންޖެހުމަކީ ކުށްކުރާ މީހުން ކަމަށެވެ. ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެ ކަމަށް ވސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ދިފާއި ކަންތައްތައް ބެލެހެއްޓުމާއި އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމް ކުރުމަށް 4.7 ބިލިއަން ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަކީ 4.4 ބިލިއަން އެވެ. އަދި ކެޕިޓަލް ހަރަދަކީ 312 މިލިއަން އެވެ.