ހަބަރު

ނޫމަޑިއަށް 55 މިލިއަން ޑޮލަރަށްވުރެ ގިނައިން ދިން: އުޝާމް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ މި ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށާ އެއަށްވުރެ ގިނަ ފައިސާ އެ ކުންފުންޏަށް ދީފައިވާ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ، 20، 2011، ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި، 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. މިއެއްބަސްވުންތައް ބާތިލު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނި ކޮށެވެ.

މި ސަރުކާރުން ވަނީ ކޯޓް ބޭރުގައި މައްސަލަ ހައްލުކޮށް އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު (849 މިލިޔަން ރުފިޔާ) ދީ ހަލާސް ވެސް ކޮށްފަ އެވެ.

ކުރިން ޑެޕިއުޓީ އޭޖީއަކަށް ހުންނެވި މެންބަރު އުޝާމް ވިދާޅުވީ ނޫމަޑިއަށް ސަރުކާރުން ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށެވެ. އުޝާމް ވިދާޅުވީ ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް އަޅަން އެމްއެންޑީއެފްގެ ސިފްކޯއިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާދޭން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައިވާ 92 މިލިއަން ރުފިޔާ ވެސް ދޭން ނުޖެހޭ ކަމަށް ސަރުކާރުން އެ ކުންފުންޏާއެކު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓްގައި ހިމަނާފައިވާ ކަމަށެވެ.

"އެހެންވީމަ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރަކީ 55 މިލިއަން ޑޮލަރަށްވުރެ މާބޮޑު އަދަދެއް. އެމްއެންޑީއެފްގެ ސިފްކޯ ޕްރޮޖެކްޓަކީ ނޫމަޑިއިން އާބިޓްރޭޝަނަށް ހުށައެޅި މައްސަލައާއި އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއް ވެސް ނޫން." އުޝާމް ވިދާޅުވި އެވެ.

"ފަންސާސްފަސް މިލިއަން ޑޮލަރެއް ނޫން ނޫމަޑިއަށް ދީފައިވަނީ. ހުޅުމާލޭގައި ސިފައިންގެ ފްލެޓް އެޅުމަށް ސިފްކޯއިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާ ދޭންޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ބުނެފައިވާ 92 މިލިއަން ރުފިޔާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް މި ސެޓްލްމަންޓް އެގްރީމަންޓަގައި ހިމަނާފައިވޭ. އެހެންވީމަ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރަކީ 55 މިލިއަން ޑޮލަރަށްވުރެ މާ ބޮޑު އަދަދެއް. އެމްއެންޑީއެފްގެ ސިފްކޯ ޕްރޮޖެކްޓަކީ ނޫމަޑިއިން އާބިޓްރޭޝަންއަށް ހުށައެޅި މައްސަލައާއި އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއްވެސް ނޫން
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

ނޫމަޑިއަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނޫމަޑީގެ މައްސަލަ ބެލިއިރު ކުރީގެ ހައުސިން މިނިސްޓަރު އާބިޓްރޭޝަންގައި ދެއްވި ބަޔާން އެހެން ގޮތަކަށް ބަދަލު ކުރިކަން އެނގިފައިވާ ކަމަށާއި އެހާ ހިސާބުން އެ ކޭހުގައި ސަރުކާރު ބަލިކަށިވި ކަމަށެވެ. އަދި ބަދަލު ދޭން ޖެހުނީ ވެސް ކުރީ ސަރުކާރުން ބަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ނޫމަޑި މައްސަލާގައި މީގެ ކުރިން ވަނީ މުއިއްޒު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާާލު ވެސް ކޮށްފަ އެވެ. އެ ކޮމިޓީގައި މުއިއްޒު ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުސް އޮފީހަށް ހުށަހަޅަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތުގެ ފަރާތުން އެ ކުންފުންޏަކަށް ބަދަލު ދިނުމަކީ، މާ ކުރިން ފެށުނީއްރުސުރެން އެ އަމާޒަށް ދިއުމަށްޓަކައި ރޭވިގެން މަސައްކަތް ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި އަދި މިހާރުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓްރީގައި އުޅުއްވި ބޭފުޅަކު ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަދި ނޫމަޑިއަށް ފައިދާވާނެ ގޮތަށް ވަނީ ބަޔާން ދީފަ އެވެ. ނޫމަޑިއަށް ބޮޑު ބަދަލެއް ދިނުމަކީ އެ ބޭފުޅަކު ގަސްދުގައި އެ އަމާޒަށް ގެންދަން ވެގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"އޭރު ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅަކު ވަނީ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ނުދީ ހުރި ބަޔާންތަކެއް ފަހުން ދެއްވާފައި، މިއީ އައުޓް އޮފް ކޯޓުން ނޫމަޑިއަށް ބަދަލު ދިނުމުގެ އަމާޒުގައި މަސައްކަތް ކުރި ކަމުގެ އެއް ދަލީލު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ނޫމަޑި އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުން އޭރު އުވާލުމުން ބަދަލުގެ ގޮތުގައި ދޭން ޖެހެނީ ހަމައެކަނި އެ އެއްބަސްވުމުގެ ދަށުން ރިސޯޓެއް ތަރައްގީ ކުރަން އެ ކުންފުންޏަށް ދޫކުރި ޅ. ދިއްފުށިމާދޫގައި ކުރި މަސައްކަތުގެ އަގު އެކަންޏެވެ. އަދި އެއްބަސްވުން އުވާލަނީ ސަރުކާރުގެ ބޭނުމަކަށް އެ ރަށް ނެގުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ނޫމަޑިއަށް މަންފާވާ ގޮތަށް ބަޔާން ދެއްވި ބޭފުޅާގެ ބަޔާނުގައި އޮތީ އެ ގޮތަކަށް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ބަޔާނުގައި އޮތީ އެއްބަސްވުމާ ހިލާފަށް ނޫމަޑި އަތުން އެ ރަށް ނަގަނީ އޭނާ އިސްވެ ހުންނަވައިގެން އެހެން ބޭރުގެ އިންވެސްޓަރަކަށް އެ ރަށް ދިނުމަށް ކަމަށެވެ. އެއީ ދޮގެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަށް ވަން ހިސާބު މިއީ، ކުރީގެ ސަރުކާރު އިންވޯލްވްވާ ކަމަކަށްވާތީވެ އަޅުގަނޑު މިއަށް ވަންނާކަށް ނޫން ހުރީ ވެސް، ނަމަވެސް އަޅުގަނޑުގެ ބޮލުގައި އެޅުވީ މި ތުހުމަތު، މިއީ ކަނޑައެޅިގެން ބޮޑު ކަމަކަށްވާތީވެ އަޅުގަނޑު ދެން ހިސާބުން ނިންމީ އަޅުގަނޑުގެ ފަރާތުން ތެދު ބަޔާން ކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.