ކުޅިވަރު

މާޒިޔާގެ ކުޅުންތެރިން ސަޕޯޓަރުންގެ އެހީއަށް އެދިއްޖެ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު، ބަންގުލަދޭޝްގެ ޑާކާ އަބާހާނީ އާ ދެކޮޅަށް ކުޅޭ މެޗުގައި، މާޒިޔާގެ ކުޅުންތެރިން ދިވެހިންގެ ސަޕޯޓަށް އެދިއްޖެ އެވެ.

ބަނގުލަދޭޝްގެ ކުލަބުތަކާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުތަކުގައި މިހާރު އެންމެ ގިނައިން ދަނޑަށް ވަންނަނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބަނގުލަދޭޝްގެ ރައްޔިތުންނެވެ. މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ވަނީ، ދިވެހި ސަޕޯޓަރުންގެ ސަޕޯޓް މާޒިޔާގެ ޓީމަށް އޮތުމުގެ މުހިންމުކަން ފާހަގަ ކޮށްފަ އެވެ.

"އަހަރެމެން (ރާއްޖޭގެ) ހޯމްގައި ކުޅޭއިރު ބަނގުލަދޭޝްގެ ގިނަ ސަޕޯޓަރުން ވަދެ އެމީހުންގެ ކުަލަބަށް ސަޕޯޓް ކުރަން ދަނޑު ފުރާލަފަ އޮތީމަ އަހަރެމެންގެ ކުޅުންތެރިންވެސް މޯރަލީ ޑައުން ވާނެ،" އިރޭ އޭނާގެ ޝުއޫރު ހިއްސާ ކުރި އެވެ. "މާޒިޔާގެ ޖޯޒީގައި ތިއްބަސް ރާއްޖެ މިތަމްސީލު ކުރަނީ ދެއްތޯ، އެހެންވީމަ ވީހާވެސް ގިނަ ދިވެހިން އަހަރެމެންނަށް ސަޕޯޓްކޮށްދޭން އައިސްފިއްޔާ ވަރަށް ރަނގަޅު."

ބަނގުލަދޭޝްގައި ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. އިރޭ ބުނީ ބުނީ އެ މެޗުގައިވެސް މާޒިޔާއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މާޒިޔާ ކޮޅަށް އެ ޓީމުން ޖެހި ދެ ލަނޑަކީ އެ ޓީމުން ކުޅެގެން ޖެހި ދެ ލަނޑު ނޫން ކަން އިރޭ ފާހަގަ ކުރި އެވެ. އޭނާ ބުނީ މާޒިޔާ ކޮޅަށް ދެ ލަނޑު ވަނީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުން ކަމަށެވެ.

ރާއްޖޭގެ ލީގް ޗެމްޕިއަންކަން މިހާރުވެސް ކަށަވަރުވެފައި ވުމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް އިރުފާން ބުންޏެވެ. އޭނާ ބުނީ އެއަށްވުރެ ބޮޑަށް އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުން ރާއްޖޭގެ އިތުރު ޓީމަކަށް ޖާގަ ހޯދައިދިނުމަށް ކުޅުންތެރިން ބޭނުންވެފަ ތިބި ވަރު މާބޮޑަށް ފެންނަ ކަމަށެވެ.

މާޒިޔާ އާއި އަބަހާނީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4:00 ގަ އެވެ.