ހަބަރު

އެމްއެމްޕީއާރްސީ މައްސަލަ އޮތީ ހުއްޓިފައި، ކޮޅެއްގައި ޖައްސާނަން: ޕީޖީ

Feb 12, 2020
2

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ހުއްޓިފައިވާ ކަމަށާއި މިހާރު އެ މައްސަލަތައް އަލުން ބާރަށް ކުރިޔަށް ގެންގޮސް ކޮޅެއްގައި ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި މިދޭތެރެއަކުން ވަރަށް ބާރަށް މައްސަލަ ހިނގާފައި މިހާރު އޮތީ މައްސަލަ ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް އަލުން އާ ރޫހެއްގައި އެ މަސައްކަތް ކުރިޔަށށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިހާރު ހުރިހާ މުއައްސަސާތަކާ ބައްދަލު ކުރަމުން މިދަނީ އަޅުގަނޑުމެން ވާނެ [އެމްއެމްއޭގެ] ގަވަނަރާ ވެސް ބައްދަލުކޮށްފައި އަދި އޭސީސީ ރައީސާއި ވެރިންނާ ވެސް ބައްދަލުކޮށް މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދެކެވި ކުރިޔަށް ދަނީ. ކުރިޔަށް އޮތްތަނުގައި މިހާރަށް ވުރެ ބާރަށް މި މަސައްކަތް ހިނގާނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ހިޔާނާތުން މަންފާވި މީހުންގެ ލިސްޓު އެގޮތުގައި އޮތުން ރަނގަޅެއް ނޫން ކަމަށާއި އެވަރުގެ ބޮޑު ތުހުމަތެއް ބައެއްގެ ބޮލުގައި އަޅުވާފައި ގިނަ އެކަން ދެމިއޮތުމަކީ ދައުލަތަށް އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އެބައެއްގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ ނުކުރުމަށް ނިންމާ ކޮންމެވެސް އެއްކޮޅެއްގައި ޖައްސާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިސާލަކަށް ސިފައިންނާއި ފުލުހުންނާއި ބައެއް ކޮމިޝަންތަކުގެ މެންބަރުންް ފަދަ މީޙުންގެ ކަންތައްތައް ކޮޅެއްގައި ޖައްސަން ޖެހޭ. އެ މީހުންގެ މައްޗަށް ތުހުމަތު އުފެދޭ ގޮތައް ބާއްވައިގެން ކުރިޔަށް ގެންދިޔައީމަ މުޅި ނިޒާމާ ދޭތެރޭގައި އިތުބާރު ގެއްލޭ ގޮތް އެބަވޭ އެހެންވެ އެކަން އެބަ އަވަސް ކުރަން ޖެހޭ ކުރިޔަށް އޮތްތަނުގައި އެއްގޮތަކަށް ނިންމާނަން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެ މައްސަލަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ވެސް ކުރިޔަށް ގެންދިޔުން ރަނގަޅެއް ނުވާނެ ކަމަށެވެ. އެ ލިސްޓުގައި ނަމަވެސް ހާއްސަ ގޮތެއްގައި ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތަކާއި އޭރު ވެސް ދައުތަލުގެ މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތައް ހުރުމުން އެކަން އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.