ބޮލީވުޑް

އީޝާ ޑެއޯލް: މިހާރު ލިޔުންތެރިޔެއް

ހެމާ މާލިނީ އާއި ދަރުމެންދުރަގެ ދޮށީ އަންހެންދަރިފުޅު އީޝާ ޑެއޯލް މިހާތަނަށް ގިނަ ބަޔަކަށް ފެނިފައި ވަނީ އެކި ފިލްމުތަކުން ބަތަލާއެއްގެ ރޯލުންނެވެ. ނަމަވެސް ކައިވެންޏަށްފަހު ދެ ދަރިން ލިބުމާ ގުޅިގެން އީޝާ ފިލްމީ މަސައްކަތާ ވަނީދ ދުރަށް ގޮސްފަ އެވެ. މިހާރު އީޝާގެ މަސައްކަތަކީ ގޭގައި އިނދެގެން ފޮތް ލިޔުމެވެ. އެގޮތުން ލިޔުންތެރިއެއްގެ ގޮތުގައި އީޝާ ލިޔުނު ފުރަތަމަ ފޮތް "އައްމާމިއާ" މިހާރު ވަނީ ނެރެފަ އެވެ. މިއީ ދަރިން ބެލުމުގައި އޭނާއަށް ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކުރަން އީޝާ ލިޔުނު ފޮތެކެވެ.

ޓުވިޓާގައި މި ޚަބަރު ޝެއާ ކުރަމުން އީޝާ ބުނެފައިވާ ގޮތުގައި "އައްމާމިއާ" އަކީ މަންމައެއްގެ ފަރާތުން އެހެން މަންމައިންނަށް ހަދިޔާ ކުރާ ފޮތެކެވެ. މި ގޮތުގައި ވަރަށް ރީތި ވާހަކަތަކާއި އިރުޝާދުތައް އަދި ތުއްތުކުދިންނަށް ކާން ދޭނެ މީރު ކާނާގެ ރެސިޕީތައް ވެސް ހިމެނެ އެވެ.

އީޝާ ބުނި ގޮތުގައި މިއީ މަންމައަކަށް ވުމަށް އޭނާ ކުރި ދަތުރުގައި ކުރެވުނު ތަޖުރިބާތަކާއި އައި ބަދަލުތައް ކިޔައިދީފައިވާ ފޮތެކެވެ. އަލަށް މަންމައަކަށްވާ އެންމެންނަށް ވެސް މިފޮތަކީ ގާތް އެކުވެރިއަކަށް ވާނެ ކަމަށް އީޝާ އުންމީދު ކުރެ އެވެ. މި ގޮތުގެ މުގައްދިމާ ލިޔެފައި ވަނީ ކުރީގެ މަޝްހޫރު ބަތަލާ ޖާޔާ ބައްޗަން އެވެ.

އީޝާ ލިޔުންތެރިއެއްގެ ގޮތުގައި ލިޔުނު ފުރަތަމަ ފޮތް ނެރުމުގެ ޚާއްސަ މުނާސަބަތާ ގުޅުވައިގެން އީޝާގެ "ކިޔާ ދިލް ނެ ކަހާ" ކޯސްޓާ ތުޝާރު ކަޕޫރު ވަނީ އީޝާއަށް މަރުހަބާ ކިޔާ ޓުވީޓް ކޮށްފަ އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ބާރަތު ތަކްތާނީ އާ އީޝާ ކައިވެނިކުރީ 2012 ގައެވެ. އީޝާ އާއި ބާރަތު އަށް މިހާރު ރާދްޔާ އާއި މިރާޔާ ކިޔާ ދެ އަންހެންކުދިން ލިބިފައި ވެއެވެ.