ހަބަރު

ކުށުގެ ރިކޯޑު ފޯމް ބަލައިގަންނަ ވަގުތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑު ސާފު ކުރަން ކަރެކްޝަނަލް ސާވިސް އަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި އެވެ.

ކަރެކްޝަންސް އިން ބުނީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް އެ ސާވިސްއަށް ހުށަހަޅާ ކުށުގެ ރިކޯޑު ސާފުކުރުމުގެ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ.

ފޯމު ބަލައިގަންނާނީ އާދީއްތަ އިން ބުރާސްފައްޗަށް ހެނދުނު 8:15 އިން ހަވީރު 3:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 2:30 އިން އިރުއޮއްސި 6:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. މި ގަޑިތަކުގައި ކުށުގެ ރެކޯޑު ސާފު ކުރަން އެދޭ ފޯމުވެސް ދޫކުރާނެ އެވެ.

ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމު ކޮށްފައި ވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.