ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(11 ފެބްރުއަރީ 2020 އާ ގުޅޭ)

ހޭޒަލް ފެނުމުން ރިޒްވާނަށް ލިބުނީ ހައިރާންކަމެވެ. އެ މޫނުން ރޮއިފަ ހުރިކަމުގެ އަސަރު ފާޅުވާތީއެވެ. ހޭޒަލް އިސްއޮބާލައި ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ހަރަކާތެއްކޮށްލަން ނޭނގި ރިޒްވާނަށް އިނދެވުނީއެވެ. ވިސްނުމަކަށް ގެއްލިފައެވެ.

"ހޭޒަލްއަށް ކަމެއް ދިމާވީތަ؟... ދާރިއަންއާއެއްކޮށް އޭނާ ދިޔައީ، ހޭޒަލް އިތުބާރުކުރޭ ދާރިއަންއަށް، އޭނާ ހޭޒަލް ނުރުހޭކަމެއްކޮށްފާނެތަ؟... ހާދަ ހީނުވެޔޭ... ކިހިނެއްބާވީ؟" ފިކުރުތަކާއެކު ސޯފާއިން ތެދުވެ ހޭޒަލްގެ ކޮޓަރިއާ ދިމާއަށް ރިޒްވާނު އައެވެ.

"ހޭޒަލް... ހޭޒަލް..." މަޑުމަޑުން ދޮރުގައި ރިޒްވާނު ޓަކިޖަހާލިއެވެ. ކޮޓަރިތެރެއިން ހިލަމެއްނުވިއެވެ. އެހެންޏާ ރިޒްވާނު ގޮވާލާއިރަށް ޖަވާބެއް ދޭނެއެވެ. ރިޒްވާނު ހާސްވާގޮތްވިއެވެ. ހަލުވިކޮށް އޭނާގެ ކޮޓަރިއަށް އައެވެ. ސާއިރާ ނިދަންވާއިރަށް ފެންވަރައިގެން ނުކުމެ ރީތިވާން މޭޒުދޮށުގައި އިނެވެ.

"ޒެއްލު އައީތަ؟" ރިޒްވާނު ވަނުމުން ސާއިރާ އަހާލިއެވެ.

"ރޮމުންރޮމުން އައިހެން ހީވަނީ... ދުވެފަ ކޮޓަރިއަށް ވަދެއްޖެ، ގޮވާލައިފިން، ދޮރެއްނުހުޅުވި..." ރިޒްވާނު ވާހަކަދައްކާ ނުނިމެނީސް ސާއިރާ ކައްޓެއްހެން ކޮޅަށް ތެދުވެއްޖެއެވެ. ރިޒްވާނު ބުނުމުގެ ކުރީން އޭނާ ބުނަން އެ އުޅެނީ ކީކޭކަން ސާއިރާ ދެނަގަތީއެވެ. ހަލުވިކޮށް ސައިރާ ކޮޓަރިއަން ނުކުތެވެ. އޭނާގެ ފަހަތުން ރިޒްވާނު އައެވެ.

"ދަރިފުޅު... ޒެއްލު... މަންމައޭ... ދޮރުހުޅުވާލަބަލަ... ޒެއްލޫ!... މަންމަ ވަރަށް ހާސްވޭ، ދޮރުހުޅުވާލަބަލަ" ހޭޒަލްގެ ފަރާތުން ކުޑަވެސް ލިސާނެއް ނުވިއެވެ.

"ރިޒްވާނު، ތަޅުދަނޑި ގެނޭ" ހާސްވެކަންބޮޑުވެފައި ހުރިވަރު ސާއިރާގެ އަޑުން ފާޅުވެއެވެ. އަނބިމީހާގެ ބަހަށް ރިޒްވާނު ކިޔަމަންވިއެވެ. ކޮޓަރިއަށް ދިޔައީ ދުވެފައެވެ. ވިދުވަރެއްފަދައިން އޭނާ އެނބުރި އައެވެ. ހޭޒަލްގެ ކޮޓަރިއަށް ވަނުމަށް ދޮރުގެ ތަޅަށް ތަޅުދަނޑިކޮށްޕާލިއެވެ. އެހެންނަމަވެސް އޭނާ ސާއިރާއަށް ބަލާލިއެވެ. އެއްފަރާތަށް ޖެހިލީ ސާއިރާ ގާތު ވަންނާށޭ ބުނާ ފަދައިންނެވެ. ބޮޑުވެފައި ހުރި އަންހެންދަރިފުޅުގެ ކޮޓަރިއަށް ވަންނަންޖެހޭނީ މަންމަކަން ރިޒްވާނަށް ވިސްނުނީއެވެ. އޭނާގެ އެހީތެރިކަމެއް ބޭނުންވާނަމަ އަނބިމީހާ ވަގުތުން ގޮވާލާނޭކަމުގެ ޔަގީންކަން އޮތެވެ. ފާރުގައި ޖެހިލައިގެން ދެއަތްއުރާލައިގެން ރިޒްވާނަށް ހުރެވުނީ ލިބިފައިވާ ހާސްކަމެއްގެ ސަބަބުންނެވެ.

"ޒެއްލު..." ދޮރުހުޅުވާލައި އެތެރެއަށް ވަންނަމުން ސާއިރާ ގޮވާލިއެވެ.

ކޮޓަރިތެރެއަކު ހޭޒަލް ފެންނާކަށް ނެތެވެ. އެކަން ރިޒްވާނު ގާތު ސާއިރާ ބުންޏެވެ. ފާޚާނާގައި ވެދާނޭ ސާއިރާ ބުނެލިއެވެ. އެހެންވެ އަނެއްކާ ވެސް އެކޮޓަރިއަށް ނުވަދެ ރިޒްވާނު ބޭރުގައި މަޑުކުރިއެވެ. ސާއިރާ ހަލުވިކޮށް އައިސް ފާޚާނާ ދޮރު ހުޅުވާލަން މަސައްކަތްކުރިއެވެ. އެއްވެސް ދަތިކަމެއްނެތި އެ ދަމާ ދޮރު އެއްފަރާތަށް ކެހިއްޖެއެވެ. ފާޚާނާ ތެރެއިން ފެން އޮހޭ އަޑުއިވެއެވެ. ސާއިރާ ދަރިފުޅަށް ގޮވާލިއެވެ. މަންމަ ވަންނަން ކަމުގައި ބުނެލިއެވެ. ޖަވާބެއް ނައުމުން ފެންވަރާ ބައިގެ ރަބަރު ފަރުދާ ކަހާލައިފިއެވެ. އެހިނދު ސާއިރާއަށް ލިބުނީ ހައިރާންކަމެވެ. އެރޭ ބޭރަށްދާން ލީ ހެދުމާއެކު ފައިކުރުކޮށްލައިގެން ބިލިގާ ތެރޭ ހޭޒަލް އިނެވެ. މަތީގައި ހަރުކޮށްފައި ހުރި ބޮޑު ފެންމާގަނޑުން ފެން އޮހިއޮހި ހޭޒަލް އިނީ ތެމިފޯވެފައެވެ. އެމޫނުން ހެކިދެނީ އޭނާ ރޮނީކަމެވެ.

"ޒެއްލު..." ބިލިގާގެ ތެރެއަށް އެރިއިން ހޭޒަލް ފެނި ސާއިރާ ކަންބޮޑުވިއެވެ. އަވަސްއަވަހަށް ދޫކޮށްފައި ހުރި ފެންމާގަނޑު ބާރުކޮށްލިއެވެ. އެތަނުގައި ހުރި ދަނޑީގައި އަޅުވާފައި އޮތް ތުވާލި ދަމައިގަތެވެ. ވަގުތުން ދަރިފުޅުގެ ކޮނޑުމަތިން ގައިގާ ތުވާލި އޮޅާލަދިނެވެ.

"އަވަހަށް ހެދުން ބަދަލުކުރަން ހިނގާ، އެހެންނޫނީ ހުންއަތުވެދާނެ... ޒެއްލު... އާދޭ މަންމާއެކު" ސާއިރާގެ ބާރުގައި ހޭޒަލް ނެގުމަށް ދަރިފުޅުގެ ގައިގާ އޭނާ ހިފައިގަތެވެ. އެހިނދު މަންމަގެ ކަރުދޮށުގައި ހޭޒަލް މޫނުފޮރުވާލިއެވެ.

"ޒެއްލު..." ކަންބޮޑުވެ ހުރެ ވެސް ސާއިރާ ދަރިފުޅަށް ގޮވާލީ އޯގާތެރިކަމާއެކުއެވެ. އަދި ދަރިފުޅު ކޮޅަށް ނެގިއެވެ. ސާއިރާ އެގޮތަށް ދަރިފުޅު އަތުލަފި ކުރި މީ ފުރަތަމަ ފަހަރެއްނޫނެވެ. ދަރިފުޅުގެ ކައިވެނި ނިމުމަކަށް އައުމާއެކު އޭނާގެ ދަރިފުޅު މުޅިން ބަދަލުވެއްޖެއެވެ. ހިތްހަމަޖެހުމާއެކު އުފާވެރި ދިރިއުޅުމެއް އެ ދަރިފުޅަށް ލިބުމަށް ސާއިރާ ދުޢާ ކުރެއެވެ. އެހެންނަމަވެސް ހޭޒަލްގެ ފުށުން އެފަދަ ބަލިކަށިކަމެއް ފާޅުވުމުން ސާއިރާގެ އެދުން ފުރިހަމާވާނޭ ވަގުތު އަދި ނުޖެހެނީއޭ އޭނާގެ ހިތުގައި އޮތެވެ.

ފާޚާނާ ތެރޭ ހޭޒަލް ބަހައްޓާފައި ސާއިރާ ނުކުމެ ދަރިފުޅުގެ އަލަމާރި ހުޅުވިއެވެ. އާއްމުކޮށް ހޭޒަލް ރޭގަނޑަށް ލާއުޅޭތަނުން ހެދުމެއް ހިފައިގެން އެނބުރި ފާޚާނާއަށް އައިސް ވަނެވެ. ހޭޒަލްގެ އަތަށް ހެދުން ދީފައި ސާއިރާ އަނެއްކާ ވެސް ނުކުތީއެވެ.

ހެދުން ބަދަލުކޮށްގެން ފާޚާނާއިން ހޭޒަލް ނުކުތެވެ. ސާއިރާ ވަގުތުން ދަރިފުޅުގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބެއިންދިއެވެ. ހޭޒަލްއާ ސުވާލުކުރަން ފެށިއެވެ. އެއަޑު ދޮރުކައިރީ ހުރި ރިޒްވާނަށް އިވުނެވެ. އޭނާ ކޮޓަރީގެ ދޮރުމައްޗަށް އަރައި އެތެރެ ބަލާލިއެވެ. ދޮރަށް ފުރަގަސްވާނޭހެން އެނދުގައި ސާއިރާއާއި ހޭޒަލް ތިއްބެވެ. އެމީހުންގެ ގާތަށް ދާން ރިޒްވާނު ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އެހެންނަމަވެސް އަންހެންދަރިފުޅާއި މަންމައަށް ފުރުޞަތު ދިނީއެވެ. އޭނާ އެމީހުން ފެންނަ ހިސާބުގައި މަޑުކޮށްލީއެވެ.

* * * * *

ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުގައި ޓަކިޖަހާލި އަޑުއިވުނެވެ. ހުންގާނުބުރުގައި ދެއަތްއަޅުވާލައިގެން އަތުތެރޭ މޫނު ފޮރުވާލައިގެން އިން ދާރިއަން ބޯހިއްލާލިއެވެ. ޒުކަން ދޮރުފަތް ހުޅުވާލިއެވެ. އޭނާ ކާރަށް އަރަން އުޅުނު ވަގުތު ސީޓުމަތީ އޮތް ހުދު ފިނިފެންމާ ފެނިއްޖެއެވެ. މާނަވީ ހިނިތުންވުމަކާއެކު ދަރިފުޅަށް ބަލާލިއެވެ.

"ގެއަށް ނުވަންނަންތަ ތިއިންނަނީ" ޒުކަން ކާރުގެ ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެ އަހާލިއެވެ.

"މިވައްދަނީ ގަރާޖަށް" ދާރިއަން ބުނެލިއެވެ.

ޒުކަންއާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ދާރިއަންގެ ނެތްކަހަލައެވެ. އޭނާ ކާރު އިސްޓާޓުކުރިއެވެ. ޒުކަންއަށް ޖެހުނީ ދޮރުފަތް ލައްޕާލާށެވެ. އޭނާއަށް ދާރިއަން ދުއްވާ ކާރު ފެނުނީ ބެލްކަންޏަށް ނުކުމެލި ވަގުތެވެ. ތިރިއަށް އައީ ދާރިއަން ކާރު ގަރާޖަށް ވައްދަން ނޫޅެ މަގުމަތީ މަޑުކޮށްލައިގެން އޮންނަތާ ގިނައިރުވެގެންނެވެ. ދާރިއަން ގަރާޖަށް ކާރު ވައްދަން ފެށުމުން ޒުކަން އެނބުރި ގެއަށް ވަނެވެ.

"ދާރިއަން..." ސިޓިންރޫމު ސޯފާގައި އިން ޒުކަން ގޮވާލިއެވެ. ގޭތެރެއަށް ވަދެގެން ދާރިއަން ދާންފެށީމައެވެ. އޭނާ ހުއްޓި ބައްޕައަށް ބަލާލިއެވެ. ޒުކަން އަތުން އިޝާރާތްކޮށްލިއެވެ. ދާރިއަން ގާތު އަންނާށޭ ބުނެލާ ފަދައިންނެވެ.

"ދަރިފުޅު ފިނިފެންމާ ވެސް ގެންގުޅެންތަ؟" ދާރިއަންގެ އަތުގައި އޮތް ހުދު ފިނިފެންމާއަށް ޒުކަން ބަލާލިއެވެ.

"މީ ރައްޓެހިކުއްޖެއްގެ" ދާރިއަން ބުނެލިއެވެ.

"ކީއްވެތަ ކޮޅަށް ތިހުންނަނީ... މިތާ އިށީނދެބަލަ" ކަނާއަތް ފަރާތުން ސޯފާގައި ޒުކަން އަތުން ޖަހާލިއެވެ. ދާރިއަން ގަޔާނުވެ ހުރެ ވެސް ބައްޕަ ބުނީތީ އިށީނދެއްޖެއެވެ.

"ކޮންތާކަށް ގޮސްލާފަ ތިއައީ" ދާރިއަންގެ ދިރިއުޅުމުގައި ޒުކަންމެންނަށް ނޭނގޭ ކަމެއް ހިނގައޭ އޭނާގެ ހިތް ބުނެއެވެ.

"ރައްޓެހި ކުއްޖަކާއެކު ކާން ދިޔައީ... ބައްޕަ މުހިންމު ކަމެއް މަޝްވަރާކޮށްލަން އޮތީތަ؟" ދާރިއަން ބުނެލިއެވެ.

"ދަރިފުޅާ ވާހަކަދައްކާނުލެވޭތީ ގޮވާލީ" ޒުކަން ތެދު ހާމަކުރިއެވެ.

"ކޮބާ މަންމަ، ދޮންބެ ވެސް ނެތްތަ؟" ދާރިއަން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.

"ސާރާއާއެކު ޝޮޕިންއަކަށް ގޮސްވީ، އައިކު އަދި ގެއަކަށް ނާދޭ" ޒުކަން ބުންޏެވެ.

"ބައްޕަ ކައިފިންތަ؟..." ޒުކަން އެ އުޅެނީ ގޭގައި އެކަނިވެގެންކަން ދާރިއަންއަށް ވިސްނުނެވެ.

"މާމައާ ދެމީހުން ކައިގެން މިތިބީ" ޒުކަން ޖަވާބު ދިނެވެ.

ދާރިއަން ހެދުން ބަދަލުކޮށްލައިގެން އެބައަންނަން ކަމަށްބުނެ ތެދުވެގެން ކޮޓަރިއަށް އައެވެ. ކޮޓަރީގެ ދޮރުފަތް ލައްޕާލި ގޮތަށް ދޮރުފަތުގައި ލެނގިލައިގެން ދާރިއަންއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. އޭނާގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. ހިތަށްކޮށްފައިވާ އަސަރުން އޭނާ ރޯން ބޭނުންވިއެވެ. އެހެންނަމަވެސް އަމިއްލަ ފިކުރުތަކުގައި ހުރުމުގެ އިޚްތިޔާރެއް އޭނާއަށް ނެތް ކަހަލައެވެ. އަތުގައި އޮތް ފިނިފެންމަލަށް ބަލާލިއެވެ. މަޑުމަޑުން ނޭފަތާ ކައިރިކޮށްލިއެވެ. ތުންފަތުގައި އޭގެ ފިޔަތައް ބީހިލުމުން ހޭޒަލްގެ ނަން ވައިއަޑުން ދާރިއަން ބުނެލިއެވެ. ހަށިފުރާ ނޭވާއެއް އޭނާ ލިއެވެ. އަދި ކޮޓަރީގައި ހުރި މޭޒުމަތީ ފިނިފެންމާ ބޭއްވިއެވެ. ފާޚާނާއަށް ވަދެ އަތްފައި ދޮވެލައިގެން ނުކުމެ ހެދުން ބަދަލުކޮށްލިއެވެ. މަޑުކުރުމެއްނެތި ބައްޕައާ ވާހަކަދައްކާލަން އޭނާ ނިކުތެވެ.

* * * * *

ޖެހިގެން އައި ދުވަހެވެ. ފަތިސް ނަމާދުކޮށްގެން ހޭޒަލް ކޮޓަރިން ނުނިކުތެވެ. ސައިތަށްޓެއް ހަދައިގެން ދަރިފުޅުގެ ކޮޓަރިއަށް ސާއިރާ އައިސް ވަނެވެ. ރޭގެ ހަތަރުދަމު ކަހަލަ ގޮތަކަށް ހޭޒަލް އުޅުނީ ހޭލައެވެ. އޭނާއަށް ވީގޮތެއް ނުބުނެއެވެ. އެކަމާ ހާސްވެފައި ހުރިވަރުން ދަރިފުޅު އެކަނި ބާއްވާފައި ދާކަށް ސާއިރާއަކަށް ނުކެރުނެވެ. އޭނާ ނިދީ ދަރިފުޅުގެ ކޮޓަރީގައެވެ.

"ޒެއްލު..." ސާއިރާ މަޑުމަޑުން ގޮވާލިއެވެ. ހޭޒަލް އަދިވެސް އިނީ މުސައްލަމަތީގައެވެ. މިހާރު އިރު އަރަނީއެވެ.

މަންމަގެ ހިލަންވުމުން އިސްއުފުލައި ހޭޒަލް ބަލާލިއެވެ. ވަރުބަލި ގޮތަކަށް އޭނާ ކޮޅަށް ތެދުވިއެވެ. ނަމާދުދޮޅި ބާލައި މުސައްލައާއެކު އެތަކެތި ނަގައި ރީތިވާ މޭޒުގެ ގޮނޑިމަތީ ބެހެއްޓިއެވެ. ދެން އައިސް އެނދުގައި އިށީނދެއްޖެއެވެ. ސާއިރާގެ އަތުގައި އޮތް ދެ ޖޯޑުން އެ ޖޯޑު ދަރިފުޅަށް ދިއްކޮށްލިއެވެ.

"ހޫނުވާނެ..." ޖޯޑުގައި ހޭޒަލް ހިފަން އުޅުނު ގޮތުން ސާއިރާ ބުނެލިއެވެ.
ދަރިފުޅާއެކު އެ ކޮޓަރީގައި އިނދެ ސާއިރާ ވެސް ސައިޖޯޑުން އެތި ފޮދު ބޮމުން ދިޔައެވެ. ހޭޒަލް ވާހަކައެއް ދައްކާނެނަމައޭ ސާއިރާގެ ހިތަށް އަރައެވެ. އެހެންނަމަވެސް ވެރިވެފައި އޮތް ހިމޭންކަން ދިގުލާ ދިޔައެވެ.

"ޒެއްލު... ދާރިއަންއާއެކު ރޭގެ ދަރިފުޅު ބޭރަށް ދިޔައީ، މަންމައަށް އެނގޭ ކަމެއްވެއްޖެކަން... ބައްޕަ ހާސްވެގެން އިޝްވާއަށް މެސެޖު ވެސް ކޮށްފި، ޒެއްލު، ތިހެން ނީނދެ މަންމައާ ވާހަކަދައްކަބަލަ" ސާއިރާގެ ކަނާއަތުން ދަރިފުޅުގެ ބުރަކަށީގައި ފިރުމާލައި ގާތްކޮށްލިއެވެ.

"އަޅުގަނޑު ދެން ދުވަހަކުވެސް މެރީއެއް ނުކުރާނަން" އިސްޖެހުނު ގޮތަށް އަތުގައި އޮތް ސައިޖޯޑަށް ނަޒަރު ހުއްޓާލައިގެން ހޭޒަލް އިނެވެ.

"އެއީ ކީއްވެ؟... މެރީ ކުރާ ވާހަކަ މީހަކު ދެއްކީތަ؟... ދާރިއަންތަ؟" ސާއިރާއަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. ހޭޒަލް ބޯޖަހާލިއެވެ. އެމީހުންގެ ވާހަކަތައް އަޑުއަހަން ދޮރުމަތީ ރިޒްވާނު ހުރިކަމެއް އެ ދެމައިން ނުދެނަހުއްޓެވެ.

"ދާރިއަން ދަރިފުޅާ އިންނަން ބޭނުންވީތަ" ސާއިރާއަށް އަހާލެވުނެވެ. ދެން ވެސް ހޭޒަލް ބޯޖަހާލީއެވެ.

"އަޅުގަނޑުމެން ދެ މީހުންގެ އެކުވެރިކަމަށްވާނީ ކިހިނެއް، މަންމާ... ކިހިނެއް އޭނާއާ މެރީކުރާނީ" ހޭޒަލް އިސްއުފުލައި ބަލާލިއިރު އެ ދެ ލޯވަނީ ފެންކަޅިވެފައެވެ.

"ޒެއްލު އިތުބާރުކުރާ އެކުވެރިއެއްނު އެއީ" ސާއިރާއަށް ބުނެވުނެވެ.

"އެކަމަކު މީހެއްގެ ގޮތެއްނޭނގޭނެ، ދެމެދުގައި ލޯބިވެސް އޮންނަންވާނެއެއްނު... އެއްވެސް މީހަކަށް އިތުބާރުކުރާކަށްނުވާނެ، އޭނާ ވެސް އަމިއްލަ އެދުމެއްއޮވެގެންނޫންކަމެއް ނޭނގެއެއްނު އެހާ ރަނގަޅުވެގެން އެ އުޅެނީ" ހޭޒަލްގެ ވިސްނުން ހުރި ގޮތް މަޑުމަޑުން ސާއިރާއަށް އޮޅުންފިލަންފެށިއެވެ.

"އޭނާ ދަރިފުޅާ ކައިވެނިކުރަން ބޭނުންވުން އެއީ އޭނާގެ އެދުން، ދަރިފުޅަށް އެކަން ތިވީ އޭނާގެ އަމިއްލަ އެދުމަށް... އެކަމަކު ދަރިފުޅު ރަނގަޅަށް ވިސްނާލަބަލަ، އޭނާގެ ޢަމަލުތައް ހުރީ އެދުމެއް ހާސިލުކުރަން ދަހިވެތިވެފައި ހުރި މީހަކުހެންތަ؟... ދަރިފުޅު ކިތައްފަހަރު މަންމަމެން ގާތު ބުނިން، ދާރިއަންއަކީ އެހެންމީހުން ކަހަލަ މީހެއްނޫނޭ، ދާރިއަންއަކީ ވަރަށް ރަނގަޅު މީހެކޭ، އޭނާއަކީ ދެއްކުންތެރި މީހެއްނަމަ މިހާދުވަހު ޒެއްލުއަށް ނޭނގި އޮވެދާނެތަ... އޭނާގެ އަޚުލާޤު ރަނގަޅުވީމަހެން މަންމައަށް ހީވަނީ ޒެއްލު އޭނާ ރަނގަޅު މީހެކޭ ބުނަމުންއައީ...ދަރިފުޅުގެ ވާހަކަތަކުން މަންމައަށް ވެސް ހީވެފައި އޮތީ ދާރިއަންއަކީ ދަރިފުޅަށް ޚާއްޞަ މީހެކޭ" ހޭޒަލްއަށް ދެއްކިފައި ހުރި ވާހަކަތައް ސާއިރާ ހަނދާންކޮށްދިނެވެ.

"ޒެލް... އާދެބަލަ..." ރިޒްވާނު އައިސް ހޭޒަލްގެ އަތުގައި ހިފާލިއެވެ. އަދި ބޮލުން ސާއިރާއަށް ވެސް އައުމަށް އިޝާރާތްކޮށްލިއެވެ.

ސިޓިންރޫމު ސޯފާގައި ހޭޒަލް ބޭންދިއެވެ. އޭނާގެ ގާތުގައި ސާއިރާ އިށީނެވެ. މެދުގައި ހުރި ކޮފީމޭޒު ދަމާލައި އޭގައި ރިޒްވާނު އިށީނެވެ. ހޭޒަލްއާ ދިމާ ކުރިމަތީގައެވެ. ހޭޒަލްގެ ތެމިފައިވާ ދެ ކޯތާފަތް ރިޒްވާނުގެ ދެއަތުން ފުހެލިއެވެ.

"އެއްގޮތަކަށް ވެސް ރޯކަށް އަދިނުވޭ... މަންމައާއި ބައްޕަ އަދިވެސް ދުށުމަށް އެދޭ ދުވަހެއް އެއީ ދަރިފުޅުގެ ކައިވެނި ކުރެވި ރަނގަޅު ދިރިއުޅުމެއް ދަރިފުޅަށް ލިބި އުފަލުގައި އުޅޭތަން، އަމިއްލަ އެދުމުގެ ވާހަކަދައްކާއިރު، ފުރަތަމަ ބައްޕައަށް މަޢާފުކޮށްދީ..." ހޭޒަލްގެ އަތުން ސައިޖޯޑު ނަގައި ކޮފީ މޭޒުމަތީ ބަހައްޓާފައި އެ ދެއަތުގައި ރިޒްވާނު ހިފާލިއެވެ. އެ ދެއަތްތިލަ ގެނެސް އޭނާގެ ނިތްކުރީގައި ޖައްސާލިއެވެ.

"އަޅުގަނޑު އަދި މެރީކުރާކަށް ބޭނުމެއްނޫނޭ" ހޭޒަލް ބުނެލިއެވެ.

"އެހެންވެއޭ މިބުނީ ބައްޕައަށް މަޢާފުކުރާށޭ" ހޭޒަލްގެ ދެއަތްތިލައިގަ ރިޒްވާނު ބޮސްދިނެވެ. ދަރިފުޅުގެ ކޯތާފަތް އަނެއްކާ ވެސް ފުހެލަދިނެވެ. ނުރޯށޭ އިޝާރާތްކުރާ ފަދައިން ރިޒްވާނު ދެފަރާތަށް ބޯހޫރާލިއެވެ.

"ކީއްވެ ބައްޕަ މަޢާފަށް ތިއެދެނީ" ހޭޒަލްއަށް ރިޒްވާނު ބުނަންއުޅޭ އެއްޗެއް ފަހުމެއްނުވިއެވެ.

"ބައްޕަގެ އަމިއްލައެދުން އިސްކުރެވުނީމަ އެހެންވެ..." ސާއިރާއަށް ވެސް ހޭޒަލް ފަދައިން ރިޒްވާނަށް ބަލަން އިނދެވުނީ ހައިރާންވެފައެވެ. ރިޒްވާނު ވާހަކަކުރިއަށް ގެންދިޔައެވެ.

"ދަރިފުޅު ހިތާމަކުރާތަން ފެނުމުން ބައްޕައަށް ގޮތްހުސްވޭ، މިހިތަށް ވަރަށް އަސަރުކުރޭ، މިހުރިހާ މުދަލަކާ ފައިސާގެ އަގެއްނެތް މިންވަރު ވިސްނޭ، އަހަރެންގެ ހުރި ހަމައެކަނި އަންހެންދަރިފުޅަށް އޭގެން އުފާވެރި ދިރިއުޅުމެއް ހޯދައެއްނުދެވުނު، މިދުނިޔޭގެ ކުލަވަރު ކިތަންމެ ރީތިވިޔަސް ދަޅަތަކުގެ ކެހެވެރިކަން އެނގޭ، އެއިން ހިޔަންޏެއް ދެވަނަ ފަހަރަށް ދަރިފުޅަށް އެޅިދާނެތީ ބައްޕަ ބިރުގަނޭ، އެހެންވެ ދަރިފުޅާ... އެހެންވެ ބައްޕަގެ މި އެދުންތައް ފުއްދުމަށް ދެންނެވީ ހުރިހާކަމަކަށް ކުޅަދުންވަންތަ އިލާހަށް، މި ބައްޕަ ދުނިޔޭގައި ހުއްޓާ ބައްޕަގެ އެންމެ ލޯބިވާ ޒެލްގެ ދިރިއުޅުން އާބާދުކޮށްދީ ދަރިފުޅަށް ދެދުނިޔޭގެ ހެޔޮކަން ހޯދާދޭނޭ ބައިވެރި ދެއްވުމަށް، ދަރިފުޅުގެ ކައިވެނި ކުރެވުމަށް... ދަރިފުޅުގެ ފަރާތުން އޯގާތެރި ޞާލިޙު ދަރިފަސްކޮޅެއް އުފަންވުމަށް... މިބައްޕައަށް ދަރިފުޅު ދެއްވީ އެކަލާނގެ، ހުރިހާ ކަމަކަށް އެކަނލާގެ ކުޅަދުންވަންތަ، ޒެލް ބުނެބަލަ... މީ ބައްޕަގެ އަމިއްލަ އެދުމެއްނޫންތަ، ތި ދަރިފުޅުދެކެ ވާލޯތްބެއްގެ ބޮޑުކަމުން އުފެދުނު އަމިއްލަ އެދުމެއް މީ" ރިޒްވާނު ވާހަކަދައްކަދައްކާ އިންދާ ހޭޒަލް ހިތުގައި ޖެހި ރޮވިއްޖެއެވެ. ފެންކަޅިވެފައި އިން ސާއިރާގެ ތުންފަތަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. ދަރިފުޅު ގާތްކޮށްލުމާއެކު ލޯބިން ބައްދާލިއެވެ. ފޫހިއްލާލައި އެ ދެމައިންގެ ގައިގާ ރިޒްވާނުގެ ހިމާޔަތުގެ ދެއަތް ފުޅާކޮށްލައި ބައްދާލިއެވެ. ގިސްލާގިސްލާފައި ހޭޒަލް ރޯއަޑު ސިޓިންރޫމު ތެރޭ ހަރުލާފައި ހުއްޓެވެ.

ފުރަތަމަ ކައިވެނިން ހޭޒަލްގެ އަރުގައި ހިތިރަހަލައްވާލިއެވެ. ކައިވެނި ދެކެ އޭނާ ބިރުގަންނަނީ އެހެންވެއެވެ. ދެވަނަ ފަހަރަށް އެ ހިތްދަތިކަމާއި ވޭނާ ކުރިމަތިލާނޭ ހިތްވަރޭ ނެތޭ ހީވަނީއެވެ. ދެވަނަ ފަހަރަށް ވެސް ދިރިއުޅުން ނާކާމިޔާބުވެދާނޭކަމުގެ ޚިޔާލުތައް ސިކުނޑިއަށް ބާރުބޮޑުކުރަނީއެވެ. މީހާގެ ހަޤީޤަތް ދެނެގަންނަން ނޭނގޭއިރު މުޅިއުމުރަށް އުޅޭން އެއްބަސްވެވޭނީ ކިހިނެއްހެއްޔެވެ. އެވަރުގެ އިތުބާރެއް ކުރާނޭ ގޮތެއް ހޭޒަލްއަކަށް ނުވިސްނެއެވެ.

"ދެން އަވަހަށް ހުއްޓާލައި" ސާއިރާގެ އަޑު ވެސް ކުރެހިއްޖެއެވެ.

"ޒެލް... ދަރިފުޅު... ބަލަ ދަރިފުޅު... ބަލާބަލަ... ދެން ހުއްޓާލާ... ބައްޕަގެ ބަސް ޒެލް އަބަދުވެސް ޤަބޫލުކުރަމެންނު ދޯ... ބައްޕަ މިދައްކާވާހަކަ އަޑުއަހާ" ސާއިރާގެ މޭގައި ފޮރުވިގެން އިން ހޭޒަލްގެ ކޮނޑުގައި ހިފާލައި ރިޒްވާނު އޭނާ ދުރައްޖައްސާލިއެވެ. އަދި ރަތްވެފައި ހުރި އެ މޫނުން ކަރުނައިގެ އަސަރު ފުހުނެވެ.

"ދަރިފުޅު ކައިވެނިކުރަން ބިރުގަންނަނީ ކީއްވެކަން ބައްޕައަށް ވަރަށް ރަނގަޅަށް އެނގޭ، ދަރިފުޅު ބިރުގަންނަކަންތައް ވެސް ބައްޕަ ދެނަހުރީމު، ދަރިފުޅު ކުރިމަތިލާންޖެހުނު ފަދަ ހާލަތެއް ﷲ އެއްވެސް އަންހެންނަކަށް ނުދެއްކެވުން ބައްޕަ އެދެނީ.... އެހެންވިޔަސް ދަރިފުޅަށް އެނގޭތަ އިސްލާމް ދީން ކައިވެންޏަށް ބާރު އަޅާވަރު، ޒުވާން އުމުރު އެކަނިހުރެ ނަގާލުމަކީ ރަނގަޅުގޮތެއްނޫން، ކޮންމެ ކަމެއްގައި ވެސް މަދަދަށް އެދި ދަންނަވަންވީ އެންމެ ފަރާތަކަށް، ދާރިއަންއަކީ ވިޔާނުދާ މީހަކަށްވެގެންނެއްނޫން ދަރިފުޅު އޭނާއާ ޤަބޫލުނުވީ، ބައްޕައަށް ވިސްނުނީ، ދާރިއަން ކަމުނުދިޔައީ ކައިވެންޏަށް އެދުނީމަހެން، ޒެލް... ފަހަރެއްގައި މީ ދަރިފުޅާ ހަމައަށް އައި ބަރަކާތަކަށް ވެދާނެ، ފުރަގަސްދިނުމުގެ ބަދަލުގައި ﷲއަށް ދަންނަވާ، ރަނގަޅުގޮތް އިލްހާމްކޮށްދެއްވުމަށް ދަންނަވާ، ބޮޑުކަމެއް ދިމާވާހިނދު ޔަގީންނުވާ ހާލު އެކަމެއްގައި ތިމާއަށް ހެވެއްވާނަމަ އެކަން އަންގަވާދެއްވުމަށް އެކަލާނގެއަށް ދަންނަވާ، އަހަރެމެންނަށް ވަނީ އެކަންކުރާނޭ ގޮތް ބުނެދެއްވާފަ... ޒެލް، އިސްތިޚާރާ ނަމާދު ކުރޭ، ދުޢާކުރޭ... ﷲ ދަރިފުޅަށް މަގުދަކަވާނެކަން ޔަގީން، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ... ދަރިފުޅަށް އެނގޭތަ އެ ނަމާދުކުރާ ގޮތް" ރިޒްވާނުގެ ނަޞޭޙަތް ހޭޒަލް އަޑުއެހިއެވެ. ދަރިފުޅަށް އިސްތިޚާރާ ނަމާދުކުރަން ނޭނގޭކަން އެނގުމުން އެ ނަމާދުކުރާނޭ ގޮތް ވެސް އޭނާ ކިޔާދިނެވެ.

* * * * *

ދެއަތަށް ފުރޮޅިފުރޮޅި ވެސް ދާރިއަންއަށް ނިދޭ ގޮތެއްނުވިއެވެ. ދުވަސްތައް އޭނާއަށް މާބޮޑަށް ވެސް ދިގުވެއްޖެއެވެ. ހޭޒަލް ދޭނޭ ޖަވާބެއްގެ އިންތިޒާރުގައި ހުންނަންވުމުން އޭނާ މާޔޫސްވާގޮތްވަނީއެވެ. ޝައިތާނީ ވަސްވާސްތަކުގެ އަސަރުގައި ހިތްބެހިގެންދާކަން އިޙްސާސް ކުރެވެއެވެ. އޭނާގެ ހިތުގައި ރިހެނީއެވެ. ހޭޒަލްއާ އޮތް ގުޅުން އުމުރަށް ކެނޑެނީއޭ ހިތަށް އެރުމުން ފުންމައިގެން އެނދުން ދާރިއަން ފޭބިއެވެ. ނިކަން އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. މޫނުގައި ދެއަތްތިލަ ހިންގާލިއެވެ. އެނދުއަރިމަތީގެ ކަބަޑުމަތިން ފޯނު ނެގިއެވެ. ގަޑިން ވީއިރު ބަލާލިއެވެ. އޭނާ ދެންވަނި ފާޚާނާއަށެވެ.

ފާއިތިވެގެން މިދިޔަ ހަތް ރޭ ވެސް އޭނާ އުޅުނީ އެގޮތަށެވެ. ހިތަށް ކުޅަދާނަ ނުވީމާ ތެދުވެ ވުޟޫކޮށްގެން އައިސް ނަމާދަށް އަރަނީއެވެ. ވަރުބަލިވެ ނިދިޖެހެންދެން އޭނާ މުސައްލަ މަތި ދުޢާކުރުމާއި ޤުރުއާން ކިޔެވުމުގައި އިނދެއެވެ. ހޭޒަލްއާ ގުޅުވާ އެއްވެސް ޚިޔާލެއް ޝައިތާނާ އޭނާގެ ހިތާއި ސިކުނޑިއަށް ވައްދަން ފުރުޞަތެއް ނުދެއެވެ. ﷲއަށް ވަކީލުކޮށް ސާބިތުވެ އޭނާ ހުއްޓެވެ. ހޭޒަލްގެ ދުލުން ޖަވާބު އިވެނޭ ވަގުތަކަށެވެ.

ޒުކަންއާއި ދާރިއަން ހެނދުނުގެ ސައިބޯން ކާމޭޒު ދޮށުގައި ތިއްބެވެ. ތަހުމީނާއާއި އިބާއާ ދެމީހުން ވެގެން މޭޒުމައްޗަށް ތަށިތައް ނަގައި ނިންމާލިއެވެ. އެމީހުން ވެސް އައިސް މޭޒު ދޮށުގައި އިށީނެވެ. ކާމޭޒު ދޮށުން ހެނދުނު އައިކު ފެނުމަކީ ނާދިރުކަމަކަށް ވިޔަސް އޭނާ ކޮބާތޯ ޒުކަން އަހާލިއެވެ. ނިދާފާކަމަށް އިބާ ބުނެލިއެވެ. އެއާއެކު އޭނާގެ ސަމާލުކަން ހުއްޓުނީ ދާރިއަންއަށެވެ.

"ހާނިމްމެންގެ ދެމަފިރިން މިރޭ އަންނާނެ... ސާރާއާއި ދާރިއަންގެ ކައިވެނީގެ ވާހަކަދައްކަން، ދާރިއަން... ގޭގަ މަޑުކުރާތި" އިބާގެ އަޑުގައި ހުރީ އަމުރުވެރި ގޮތެކެވެ. ދާރިއަން ލިބުނު ސިހުން އެތަނުގައި ދެން ތިބި ޒުކަންއާއި ތަހުމީނާއަށް ފެނުނެވެ.

"އިބާ... ކޮންއިރަކު ތިކަން ހަމަޖެހުނީ" ދާރިއަންއަށް ވީގޮތް ފެނި ޒުކަން އަނބިމީހާއާ ސުވާލުކުރިއެވެ. އޭނާއަށް އެ ޚަބަރުވީ އާ ޚަބަރަކަށެވެ.

"މިކަން ނިންމަންކިޔާތާ ކިތަންމެ ދުވަހެއްނު، އިއްޔެ ހަވީރު ސާރާ އައިމަ، އަހަރެން ބުނީ ސާރާގެ މައިންބަފައިން ގޮވައިގެން އަންނާށޭ މިރޭ" އިބާ ބުނެލީ ނިކަން ހަމަޖެހިފައި އިނދެއެވެ.

މުހުސިނާގެ ނަޒަރު އިބާއިންނެއްޓި ދާރިއަންއަށް ހުއްޓުނެވެ. ތަށްޓަށް ރޮށި ލީ ގޮތަށް ދާރިއަން އިނީ ހަރަކާތެއްކޮށްލަން ވެސް ނޭނގިފައެވެ. ދެން ފެނުނީ ގޮނޑި ފަހަތަށް ޖައްސާލައި ތެދުވިތަނެވެ. އޭނާ ބަދިގެއިން ނުކުމެގެން ދިޔައީއެވެ. މުހުސިނާއަށް އިބާދެކެ ހިތްހަމަނުޖެހެވުނެވެ.

"ދާރިއަން އެ މަންޖެއާ ގުޅޭކަށް ބޭނުމެއްނުވެޔޭ، އިބާދެން ތިކަން ހުއްޓާލަންވެއްޖެއެއްނު، އެމީހަކު އިންނަން ބޭނުންވާ މީހަކު އެނގޭނީ އެމީހަކަށް، އެހެންނޫނަސް އަދި ދާރިއަން މީހަކާ ނީނދެގެން އުޅޭވަރުވެއްޖެތަ" މުހުސިނާއަށް ބުނެވުނެވެ.

* * * * *

ސައިޖޯޑުގައި ދެއަތްތިލަ ވަށާލައިގެން ހޭޒަލް އިނީ ބަދިގޭ ކައުންޓަރު ކައިރީ ހުންނަ އުސްގޮނޑިތަކުން ގޮނޑިއެއްގައެވެ. ސާއިރާ ވެސް އައިސް ދަރިފުޅު ކައިރީ އިށީނެވެ. ރިޒްވާނު ނަޞޭޙަތް ދިން ފަހުން ހޭޒަލް ރޯތަނެއް ނުފެނެއެވެ. އެކަމަކު ދާރިއަންގެ ހުށަހެޅުމާމެދު އޭނާ ދެކޭ ގޮތް ހާމައެއްނުކުރެއެވެ. އަބަދުފެންނަނީ ފިކުރަކަށް ގެއްލިފައި އިންނާތީއެވެ.

"ހިހޫ ނުވަނީސް ދެން ހުސްކޮށްލާ" ހޭޒަލްގެ ކޮނޑުގައި ފިރުމާލަމުން ސާއިރާ ބުންޏެވެ.

"މަންމާ... އަޅުގަނޑަކަށް ނޭނގުނު... މިރޭ... މިރޭ ދާރިއަން ގުޅާނެ... ހަތް ރޭ ފަހުން ގުޅާނަމޭ ބުނީ، އެކަމަކު އަޅުގަނޑަކަށް ނޭނގުނު އެ ފެންނަނީ ކޯޗެއްކަމެއް" ކަމަކަށް ގެއްލިފައި އިނދެ ހޭޒަލް ވާހަކަދެއްކިއެވެ.

"ދަރިފުޅު ނަމާދުކުރީންތަ؟" ސާއިރާ އެއްސެވެ.

"އާން... ކޮންމެ ރެއަކު... ދަމު ނަމާދަށްފަހު" އަދިވެސް ހޭޒަލް އިނީ އޭނާ އެ ވިސްނާ ކަމަކަށް ގެއްލިފައެވެ.

"ދެން ކިހިނެއްވީ؟..." ސާއިރާ އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.

"ރަނގަޅުވާނެ... ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ..." ބަދިގެއަށް ވަދެގެން އައި ރިޒްވާނުގެ މޫނުގައިވީ ހިތްހަމަޖެހިފައި ހުރިކަމަގެ ހިނިތުންވުމެކެވެ. ސާއިރާއަކަށް ނުވިސްނުނެވެ. އެހެންވިޔަސް އޭނާއަށް އެނގޭކަމަކީ ހޭޒަލް ގާތު ނަމާދުކުރުމަށް ބުނުމަށްފަހު ރިޒްވާނު ވެސް އެ ނަމާދު ކުރާކަމެވެ. އަދި މީގެ ދެރޭ ކުރީން އޭނާ ވަނީ ސާއިރާ ގާތު ހަމަ އެފަދައިން ބުނެފައެވެ.

(ނުނިމޭ)