އެމްޑީޕީ

އަންހެނުންގެ ކޮމިޓީތަކުގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފި

Feb 13, 2020

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ ފަސްކޮށްފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ މާދާމާ އެ އިންތިހާބު ބާއްވާށެވެ. ނަމަވެސް އެމްޑީޕީން މިއަދު ބުނީ އެ ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިހާބު އޮންނާނީ މިމަހުގެ 17 ގައި ކަމަށެވެ.

އެ ދުވަހު ވޯޓް ކުރިއަށް ދާނީ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީގައި 652 މެންބަރުން ވާދަކުރެ އެވެ. އެ ޕާޓީން މިހާރު ވަނީ ކެންޑިޑޭޓުންގެ ލިސްޓް ވެސް އާންމު ކޮށްފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއެކު ހަމަ އެދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިފަހަރު ރަށްތަކުން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 895 މެންބަރުން އިންތިހާބު ކުރާނެއެވެ. އަދި ސިޓީތަކުން 40 މެންބަރުން އިންތިހާބު ކުރާނެއެވެ.

އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ މީހަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.