ކެބިނެޓް

54 ކައުންޓަރެއްގެ ހިދުމަތް ރަނގަޅެއް ނޫން

މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުއާމަލާތް ކޮށްގެން ހިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުއާމަލާތް ކޮށްގެން ހިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ހިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ އެ ތަންތަނުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކޮށްފަ އެވެ.

އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރު ސާވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާ އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ހިއްސާކޮށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.