ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ކުޑަ އަންހެން ކުއްޖާގެ ކާފަ، އުމުރުން އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިރޭ ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، އިބްރާހިމް ދީދީއާއި، ހަސަން މޫސާގެ މައްޗަށް އުފުލާ މިއަދު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެ ވާހަކަތައް މީޑިއާތަކުން އާންމުންގެ ސަމާލު ކަމަށް ގެނައުމުން މުޅި ގައުމަށް ވަނީ ސިހުން ލިބިފައެވެ. އަދި ކުއްޖާގެ ދިފާއުގައި އެއްވުންތަކާއި ހިނގާލުންތައް ބާއްވާ އަޑުއުފުލާފައިވެއެވެ.
ދެކުނުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ގއ. ކަނޑުހުޅުދޫގައި އުމުރުން އެއް އަހަރާއި، ނުވަ މަހުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުން ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންގެ ސަމާލު ކަމަށް އެކަން އައީ ޖެނުއަރީ 19 ވީ ބުދަ ދުވަހުއެވެ. އެ މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާއަށް ފުލުހުން ހިއްސާ ކޮށްފައި ވަނީ އޭގެ އެއްދުވަސް ފަހުންނެވެ.
ކަނޑުހުޅުދޫ ކުޑަކުއްޖާގެ މައްސަލައާއި ގުޅިގެން އެކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކުރީ 21 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ނުކުރެއެވެ. އޭނާ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތަށެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވަނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފައަށް ކަމަށެވެ. މުނިކާފަ ހައްޔަރުކުރީ އޭގެ ކުރިން އެފަދަ މައްސަލައެއްގެ ރެކޯޑް އޮތުމުންނެވެ. އަދި އޭނާ އޭރު ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ ސިއްހީ ހާލަތާއި އުމުރަށް ބެލުމަށްފަހު ކަމަށެވެ.