ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިހުމާލުވެފައިވާ އެ އާއިލާގެ އިތުރު ބަޔަަކަށް ވެސް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ އޮފިހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކުރާ މިހުންގެ އަދަދު މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުންނަށް ވުރެ ގިނަވާނެ ކަމަށެވެ. އެގޮތުން އެ ކުއްޖާއަށް އިހުމާލުވި ބައެއް މީހުން އެ އާއިލާގެ ތެރޭގައި ވެސް ހިމެނޭ ކަމަށާއި އެ މައްސަލަ ބެލުމަށް ފަހު އިހުމާލުވި ފަރާތްތަކަށް ވެސް ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެއާއިލާގައި ވެސް އެބަތިބި އެ ކުއްޖާއަށް އިހުމާލުވި އިތުރު ބައެއް މީހުން ވެސް އަދި ހައްޔަރު ނުކުރިޔަސް، އެހެންވިމަ ފަހަރެއްގައި ދައުވާ ކުރާއިރު ހައްޔަރުގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ފުރިހަމަ މައުލޫމާތު ލިބޭނީ މިއަދު މެންދުރު ފުލުުހުން އެ މައުލޫމާތު ގެނައީމަ،" ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލާގައި ފުލުހުން ބުނެފައި ވަނީ މިހާރު ތުއްތު ކުއްޖާގެ ކާފައަށް ކުރެވެނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށާއި މުނިކާފައަށް ކުރެވެނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެއް ކަމަށެވެ. އަދި ކުއްޖާގެ ބައްޕަގެ މައްސަލައަކީ ނުރައްކާތެރި މާހައުލެއްގައި ކުއްޖާ ހުރުމުން އެ ކުއްޖާގެ މަންމަ ކައިރިއަށް ފޮނުވާލަން އާއިލާގެ ފަރާތުން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުން ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ އެ މައްސަލާގައި 30 ދުވަސް މި މަހު 16 އަށް ހަމަވާނެ ކަމަށާއި އޭގެ ލިޔެކިޔުންތައް މިއަދު މެންދުރުގެ ވަގުތެއްގައި ޕީޖީ އޮފީހަށް ލިބޭނެ ކަމަށެވެ. އެހެންކަމުން މާދަމާ އެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.