މިހާރު އެންމެ ގަދައަށް ދެކެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ އާ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓާ ޓީއެމްއޭއަށް ދޭންވެގެން އުޅޭ ވާހަކަ އެވެ. އޭގައި ހިމެނޭ ނާޖާއިޒު މަންފާ އާއި އޭގެ ތެރެއިން އުފަންވަމުން އަންނަ ތަފާތު ތުހުމަތުތަކާއި އެކި އެކި މައްސަލަތަކާއި އެއާ ގުޅޭ އަޑުތަކުގެ ވާހަކަ އެވެ.
އެމްއޭސީއެލް އިން އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. މިއީ އެއްކޮޅެވެ.
އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވި ގޮތުގައި އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވެ އެވެ.
އޭގެ ހެއްކެއްގެ ގޮތުން، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ނެރެ ދައްކަން އޮތީ ޓީއެމްއޭއަށް ބޭނުންވާ ޖާގަ ދޭނެ ކަމުގެ ޔަގީންކަންދީ 2017 ވަނަ އަހަރު އެމްއޭސީއެލުން ފޮނުވި ސިޓީއެކެވެ. އެއީ ޓީއެމްއޭގެ ނަޒަރުންނަމަ، އެއީ އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވެވުނު "އެއްބަސްވުމެ" ކެވެ. ބަނދެވިފައިވާ ލީގަލް ބައިންޑިން އެކެވެ. އަދި ފައުޒީ ވިދާޅުވާ ގޮތުން ނަމަ "ކޮމިޓްމަންޓެ" ކެވެ.
ޓީއެމްއޭ އިން އެ ބުނާ ސިޓީއަކަށް ބިނާކޮށް 500 މިލިއަން ޑޮލަރުގެ މުއާމަލާތެއް ވެސް ވަނީ ކޮށްފަ އެވެ. ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބެއިން އާއި ޗައިނާގެ ޓެމްޕަސް ގުޅިގެން ހެދި ކޮންސޯޓިއަމަކުން ގަތީ، ހަމައެކަނި ސިޓީއަކުން އެމްއޭސީއެލުން ދިން ޔަގީންކަމެއްގެ މައްޗަށް ކަމަށް ވެއެވެ.
މި ދައްކަނީ ކަންމަތީ ފިހާރައެއްގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނަން ހިނގާ ކުންފުނިތަކަކުން އެއްބަސްވުމެއް ކީއްކުރަން ބޯޑު ރިޒޮލިޔުޝަނެއްހާ ހިސާބުވެސް ނެތް "ޔަގީން ކަމަކަށް" ހިންގި ބައި ބިލިއަން ޑޮލަރުގެ މުއާމަލާތެއްގެ ވާހަކަ އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އެ ވިދާޅުވަނީ އެ ވާހަކަ އެވެ. ޓީއެމްއޭ އާއި އެމްއޭސީއެލް އާދެމެދު އެއްބަސްވުމެއް ނެތެވެ. އަދި އެ ބުނާ ސިޓީއަކަށް ބާރު ލިބޭ ގޮތަށް އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއް ވެސް ނޫނީ ރިޒޮލިއުޝަނެއް ވެސް ނެތެވެ.
ކޮންމެއަކަސް މިއީ ބޮޑެތި ގިނަ ސުވާލުތަކެއް އުފެދިގެން އުޅޭ މައްސަލައެކެވެ. މިހެން އޮއްވާ މި މައްސަލައިގެ ތެރެއަށް ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަންނަވައިފަ އެވެ. އެއީ އިތުރު ސުވާލުތަކާއި ޝައްކުތައް އުފެދޭން ދިމާވި ސަބަބެކެވެ.
ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވި ވާހަކަފުޅަކީ ޓީއެމްއޭ އާއި ސަރުކާރާ އެއްބަސްވެވޭ ގޮތަކަށް ވީހާވެސް އަވަހަކަށް މައްސަލަ ނިންމަން ޖެހެއޭ އެވެ. އެކަމަކު އެއާ ވިދިގެން ދެން ވިދާޅުވީ މާ ބޮޑު ވާހަކަ އެވެ. ޖެހިގެން އައި ދުވަހު ޓްވީޓެއް ކުރައްވައިގެން ނަޝީދު ވިދާޅުވި ގޮތުގައި ޓީއެމްއޭއާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޓީއެމްއޭއަށް ބަދަލު ދޭންޖެހުން ވަރަށް ކައިރި އެވެ.
އެކި ގޮތް ގޮތުން މި ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ މަސްލަހަތު އޮންނަ ކުންފިނުތަކަކަށް އެތައް މިލިއަން ރުފިޔާއަކުން ބަދަލު ދެމުން އަންނަ މޫސުމެއްގައި ނަޝީދު ދޫކޮށްލެވި މި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނަށް ވެސް ތުހުމަތުތަކެއް މިހާރު ވަނީ އަމާޒުވެފަ އެވެ.
އާންމު އުސޫލުގެ ދަށުން ސިޔާސީ އުކުޅެއް ބޭނުން ކުރައްވައި ނަޝީދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ޓީއެމްއޭއާ ވެސް އަދި އެމްއޭސީއެލްއާ ވެސް އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ އެވެ. އެ ތުހުމަތުތަކުގެ ހަގީގަތެއް އޮތަސް ނެތަސް އެކަން އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ. ދެން ތަހުގީގެއް ކޮށްފިނަމަ ނުކުންނަ ނަތީޖާއެއްގެ ތެރެއިންނެވެ.
ކުންފުންޏަކުން ދިން، ނުވަތަ ދިން ކަމަށް ބުނާ ސިޓީއަކީ އެއްބަސްވުމެއްކަމަށް ބަލައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެއަށް އިހުތިރާމްކޮށް، އެ ގޮތަށް ވާންނެތްނަމަ، އެކަމަށް ސަރުކާރަށް ބަދަލުދޭން ޖެހޭ ގޮތަށް ނަޝީދު ފަދަ ލީޑަރަކު ވިދާޅުވުމަކީ ދެކޮޅުޖެހޭ ކަމެއް ހެއްުޔެވެ؟
ހާއްސަކޮށް، އެމަނިކުފާނު އިސްވެ، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ސަރުކާރުން ބަދަލު ދިނުން ހުއްޓުވައި، އެ ހުކުމް އަލުން މުރާޖައާކުރަން އަންގާފައިވާތީ ވެސް މެ އެވެ.
6،723 ސިޓީ ގޯސް، އަޖައިބެއް!
ރައީސް ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުން ވިޔަސް އަދި އެމްއޭސީއެލްއިން ވިޔަސް، އެ ސިޓީއަށް އިހުތިރާމްކޮށް، ގޮތް ދޫކޮށްފިނަމަ، ކުރީ ސަރުކާރުގެ ދުވަސްވަރު އެގޮތަށް ދީފައިވާ އެހެން ސިޓީތަކާމެދު ސުވާލު އުފެދެންވީ ސަބަބެއް ނެތެވެ. ނޫނީ އެބައޮތް ހެއްޔެވެ؟
ސަރުކަރު ހިއްސާވާ ކުންފުންޏެއްގެ ބަދަލުގައި އެ ސިޓީ ދޫކުރީވެސް ސީދާ ސަރުކާރުންނެވެ. އަނެއްކާ އެންމެ ސިޓީއެއްވެސް ނޫނެވެ. ދައުލަތުގެ ނިޝާން ޖަހައި، ރަސްމީ ހައިސިއްޔަތު ލިބިފައިވާ އެތަކެއް ހާސް ސިޓީއެކެވެ. ސީދާ އަދަދެއް ބޭނުންވަންޏާ، 6،723 ސިޓީ ދީފައި ވެއެވެ.
އެއީ ކުރީ ސަރުކާރުން ހިޔާ މަޝްރޫއު ނަމުގައި ހުޅުމާލޭގެ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 އެއްހާ ފްލެޓުގެ ޔަގީން ކަމުގެ ސިޓީ އެވެ. މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބު ވުމާއެކު، 2018 ވަނަ އަހަރުގެ ފަހު ކޮޅު އަވަސް އަރުވާލައިގެން، އެ ފްލެޓުތައް ލިބުނު މީހުންގެ ނަންތައް އާންމު ކޮށްލި އެވެ. އަދި ފްލެޓް ލިބިފައިވާ ކަމުގެ ލިޔުން ދޫކުރަން ފެށުމުން، އެތައް ބަޔަކު ގޮސް އަވީގައި ތިބެގެން އެ ސިޓީ ހޯދި އެވެ.
އެކަމަކު ފަހުން މި ސަރުކާރުން އެކަން ހުއްޓުވީ އެވެ. ދެން ސަރުކާރުން ނުގަވާއިދުން ފްލެޓް ދީފައިވާ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ކޮމިޓީއެއް އުފެއްދީ އެވެ. މިއަދާ ހަމައަށްވެސް އެ ކޮމިޓީގެ މަސައްކަތެއް ނުނިމެ އެވެ. އެ ކޮމިޓީން އެންމެ ފަހުން ނެރުނު ބަޔާނެއްގައި އިޝްރާތް ކުރީ ފްލެޓް ލިބުނު މީހުންގެ އާ ލިސްޓެއް އެކުލަވާލައި ވާހަކަ އެވެ.
ތެދެކެވެ. ކުރީ ސަރުކާރުން އެ ފްލެޓްތައް ދިނުމުގައި ގޯސްކޮށް ކިތަންމެ ކަމެއް ކޮށްފައި އެބަހުއްޓެވެ. އެކަމަކު މުޅި ލިސްޓު ގޯސްވާންޖެހޭ ސަބަބެއް ނުފެނެ އެވެ. މައްސަލައެއް އުޅެންޏާ އެކަމެއް ވަކިން ބަލައި، އެކަމެއް ރަނގަޅު ކުރާނީ އެވެ. ކުރީގެ ލިސްޓު އެކީ ބާތިލުކޮށް، މުޅީން އާ ލިސްޓެއް ހަދަން ފައިވިއްދައިގެން އުޅޭތީ އުފެދެނީ އަނެއްކާވެސް ޝައްކުން ފުރިފައިވާ ސުވާލުތަކެވެ.
އެހެންނޫނަސް، ހުސް ހައްގުވެރިންނަށް ފްލެޓު ދިނީ ކޮން ސަރުކާރަކުން ހެއްޔެވެ؟
އެކަމަކު އެ ބަހުސް ކުރާނީ އެހެން ފަހަރަކުންނެވެ. މިހާރު ދައްކަން މިޖެހެނީ ސަރުކާރުން ނޫނީ ސަރުކާރުގެ ކުންފުންޏަކުން ވިޔަސް ދޫކޮށްގެން އުޅޭ ސިޓީތަކަކާމެދު ތަފާތު ގޮތަކަށް އަމަލުކުރަން ފައްކާކުރާތީ އެ ވާހަކަ އެވެ. ކުންފުނިތައް އާންމުކޮށް ހިންގަން އޮންނަ އުސޫލުތަކާ މުޅީން ހިލާފަށް، ކުރީ ސަރުކާރުގައި އެމްއޭސީއެލުން ދިން ސިޓީއަކަށް މި ސަރުކާރުން ބޯލަނބަން ޖެހޭ ކަމަށް ގަބޫލު ކުރެވެންޏާ، ސީދާ ސަރުކާރުގެ ވުޒާރާއަކުން ރައްޔިތުންނަށް ފްލެޓް ލިބޭ ކަމަށް ދިން ސިޓީތައް ތަފާތުވާންޖެހޭ ސަބަބެއް ނުވިސްނޭތީ އެވެ. ސަރުކާރުން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ސަބަބު އަޅެ ސާފު ކޮށްދެއްވާށެވެ.