ތިލަމާލެ ބްރިޖް

ތިލަ މާލެ ބްރިޖުވާނީ ބިލާހަކަށް: ޝިޔާމް

ބްރިޖް އެޅޭނީ އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ބަޔަކަމަށާ މި ސަރުކާރުން އަޅަން ނިންމާފައިވާ ތިލަ މާލެ ބްރިޖު ވެގެންދާނީ ބިލާހަކަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ސާވޭ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ، ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައިވާ ކަމަށާއި ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭ ފެށިގެން ދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަޅާފައިވާ މާލެ-ހުޅުލެ ބްރިޖްގެ ފޮޓޯއަކާއެކު މިއަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖް އެޅޭނީ އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ބަޔަކަށް ކަމަށް ކަމަށެވެ.

"ދެވަނަ ކަމަކީ ބްރިޖް އަޅަން އެނގޭ ބަޔަކަށް. ތިންވަނަ ކަމަކަށާް ބްރިޖް އަޅަން ފައިސާ ހޯދަން އެނގޭ ބަޔަކަށް."

ޝިޔާމް ވިދާޅުވީ މިހާރު ފެންނަނީ ވައުދުތައް ފުއްދުމަށް އޮތް ހުރަހަކަށް ކޮރޯނާ ވައިރަސް ހަދަމުންދާ މަންޒަރު ކަމަށެވެ.

"ހުރިހާ ވައުދެއް ނުފުއްދޭ ސަބަބަކަށް ކޮރޯނާ ވައިރަސް ނުހައްދަވާ. ވިލިމާލެ ބްރިޖްވެސް ބިލާހަކަށް." ރައީސް ސޯލިހަށް ޓެގް ކުރައްވާ ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މާލެ-ހުޅުމާލެ ގުޅުވާލަދިން ބްރިޖް ހަގީގަތަކަށް ވެގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ނަމަވެސް އެއީ އޭގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުން ކަހަލަ ގޮތަކަށް ގެންގުޅުއްވި ތަސައްވުރެކެވެ. ރައީސް މައުމޫން އެފަދަ ވިސްނުމެއް ގެންގުޅުއްވާ އެކަން އިއުލާނު ކުރެއްވުމުން ބްރިޖެއް ނޭޅޭނެ ކަމަށާ ބްރިޖް އަޅާނެ މީހުންނާއި ފައިސާ ހޯއްދަވާނީ ކޮންތާކުންތޯ ރައީސް ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.

ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމުގައި މާލެ-ހުޅުމާލެ ގުޅުވާލަދިން ބްރިޖް އަދި ހުޅުލެ-ހުޅުމާލެ ގުޅުވާލަދިން ހައިވޭ ހަދާ، އާންމުންނަށް ހުޅުވާލީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މި އަހަރަށް ފާސްކުރި ބަޖެޓްގައި ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އަދި ގުޅިފަޅު ހިއްކުމާއި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 247 މިލިއަން ރުފިޔާ ހަރަދު ކުރަން ވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ދެ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިމިގެންދާނެ އެވެ. އެ މަޝްރޫއުއަކީ މި ސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު އެވެ.

މާލެ ސަރަހައްދު ހަތަރު ރަށް ގުޅާލުމުގެ ޕްލޭން ފުރަތަމަ އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ ކެމްޕެއިން ދުވަސްވަރުގަ އެވެ. އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި މިހާރު ސަރުކާރުގެ ވެރިން އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.