ޝާހިދު ކަޕޫރު

ކަރަންގެ ފިލްމެއްގައި ޝާހިދުގެ ވަތަނީ ރޯލެއް

"ކަބީރް ސިންގް" އަށް ލިބުނު ބޮޑު ކާމިޔާބާއެކު ޝާހިދު ކަޕޫރުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ސައުތު އިންޑިއާގެ ފިލްމެއްގެ ރިމޭކްއެއް ކަމަށްވާ "ޖާޒީ"ގަ އެވެ. ގޯތަމް ޓިންނަނޫރީގެ މި ފިލްމުގައި ޝާހިދު ކުޅެނީ ކްރިކެޓް ކުޅުންތެރިޔެއްގެ ރޯލެވެ. މިއީ ކްރިކެޓް ކުޅޭތާ ގިނަ ދުވަސްތަކަކަށް ފަހު ކުޅުން ހުއްޓާލާފައި 10 ވަރަކަށް އަހަރު ހުރުމަށްފަހު އަލުން އެނބުރި އިންޑިއާގެ ކްރިކެޓް ޓީމުގައި ބައިވެރިވާން މަސައްކަތްކުރާ މެދު އުމުރުގެ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ޖާޒީ" ފިޔަވައި އިތުރު ފިލްމެއް ކުޅެން މިހާރު ޝާހިދު ވަނީ ސޮއިކޮށްފަ އެވެ. މިއީ ކަރަން ޖޯހަރް އުފައްދާ ފިލްމެއް ކަމަށާއި ފިލްމުގައި ޝާހިދު ކުޅެނީ ވަރަށް ވަތަނީ މީހެއްގެ ރޯލު ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފިލްމު ޑައިރެކްޓް ކުރުމާ ހަވާލުވަނީ މުޅިން އާ މީހެއް ކަމަށާއި މި ފިލްމުގައި ވަރަށް ވަރުގަދަ ތަޅާފޮޅާ މަންޒަރުތަކާއި ލޭ ކައްކުވާލާ ފަދަ އެކްޝަންތައް ހިމެނޭނެ ކަމަށް ވެސް ވެއެވެ.

މިކަމާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ވަރުގަދަ ތަޅާފޮޅުން ހިމެނޭ ފިލްމެއް ކުޅެލަން ޝާހިދު އަބަދު ވެސް ބޭނުންވެ އެވެ. މި ރޯލަށްޓަކައި ޝާހިދުގެ ހަށިގަނޑު މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހެ އެވެ. އެހެންވެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވަރަށް ވަރުގަދައަށް ޝާހިދުއަށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

"ޖާޒީ"ގެ ޝޫޓިން ނިމުމާއެކު ކަރަންގެ ފިލްމަށް ބޭނުންވާ ޓްރޭނިންތައް ހެދުމުގެ މަސައްކަތް ޝާހިދު ފަށަން ވަނީ ހަމަޖެހިފަ އެވެ. އަދި މިއަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އެ ރޯލަށް ރަނގަޅަށް ފިޓްވުމަށް ޝާހިދު މަސައްކަތް ކުރާނެ އެވެ.

ޝާހިދު އެންމެ ފަހުން އެކްޝަން ފިލްމަކުން ފެނިފައިވަނީ 2013 ގައި ނުކުތް "އާރް.ރާޖްކުމާރު" އިންނެވެ.
ކަރަން ޖޯހަރްގެ ފިލްމަށް ޝާހިދު ސޮއި ކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ޝާހިދުގެ ފަރާތުން މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެ އެވެ.

މި ފިލްމުގެ ބަތަލާ އަކަށް އާލިއާ ބަޓް ހަމަޖެހިފައިވާ ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. މި ދެ ތަރިން މި ފިލްމުގައި ބައިވެރިވެއްޖެނަމަ މިއީ "ޝާންދާރް" އަށް ފަހު ޝާހިދު އާއި އާލިއާ ކުޅޭ ފުރަތަމަ ފިލްމަށް ވާނެ އެވެ.