ވިޔަފާރި

އެސްޑީއެފް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު މަދުވެއްޖެ

Feb 15, 2020

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް ޖަމާކުރި ފައިސާގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ މި އަހަރުގެ ފަސް ވަނަ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރު އެސްޑީއެފް ފަންޑަށް މިހާތަނަށް 78.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖަމާކޮށްފައި ވަނީ 120 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުން މި ފަންޑަށް ޖަމާކުރާނީ ކިހާ އަދަދެއް ކަމެއް ފިނޭންސް މިނިސްޓްރީން އަދި އާއްމުކޮށްފައެއް ނުވެ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ފަންޑު އުފައްދާފައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ލޯނު ނަގަމުން ދިއުމާއެކު، ރާއްޖޭގައި ލޯނު ދެއްކުމުގެ ގާބިލްކަން އިތުރު ކުރުމެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގަން ނަގާ ލޯނުގެ ބޮޑު ބަޔަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއަށް ނަގާފައިވާ ލޯނުތަކެވެ. މި ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީީއައިއޭ އިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެސްޑީއެފް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ އިތުރު ވެފަ އެވެ. މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ މި ފަންޑަށް ޖަމާކުރިއިރު، މިދިޔަ އަހަރުގެ ބަޖެޓުގައި ފަންޑަށް ޖަމާކުރަން ކަނޑައަޅާފައި އޮތީ 705.6 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް ފަންޑަށް 2022 ވަނަ އަހަރު އަންނަން ވާއިރަށް 500 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.